އަބުރުގެ ގާނޫނު އުވައިލުމަކީ ގޯހެއް

އަބުރުގެ ބިލު އުވާލަން މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޝާހިދު މީޑިއާއަށް މައުލޫމާތު ދެއްވަނީ ---

އިގުތިސާދުގެ އިލްމުގެ ކިލާސްތަކުން އަޅުގަނޑުމެންނަށް ދަސް ވެފައި އޮންނަ އެއް ކަމަކީ، އިންސާނާގެ ޒަރޫރީ ބޭނުންތަކެއް ހުންނަ ކަމެވެ. އޭގެ ތެރޭގައި ހިމެނެނީ ކާނާޔާއި، އުނުފޭރާމާއި، ބޯހިޔާވަހިކަމެވެ. ހަގީގަތުގައި މިއީ އިންސާނާގެ މާއްދީ ނުވަތަ ޖިސްމާނީ ވުޖޫދަށް ކޮންމެހެން ބޭނުން ވާ ޒަރޫރަތްތަކެވެ. މީގެ އިތުރުން ވެސް އިންސާނާޔަށް ހަމަ ކޮންމެހެން ބޭނުން ވާ ކަންތައްތަކެއްވެ އެވެ. އަބްރަހަމް މަސްލޯވ 1943 ވަނަ އަހަރު ލިޔުއްވި މަޝްހޫރު އިލްމީ ކަރުދާހުގައި ބަޔާން ކުރެއްވި ކަންކަމަށް ބަލައިލުމުން، އިންސާނާގެ ޒަރޫރީ މުހުތާދުތަކުގެ ދާއިރާ ތަންކޮޅެއް ފުޅާކޮށް ފެނިގެން ދެއެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ވާހަކަ ދައްކަމާ ހިންގަވާށެވެ. އެ ކަމަކީ ޒާތީ ނުވަތަ ޝަޚްސީ ހުރުމަތެވެ.

ސިޔާސީ އަދި ގާނޫނީ ސިޔާގެއްގައި ވާހަކަ ދައްކާ އިރު، މި ދެންނެވި ހުރުމަތާއި އިހުތިރާމު ބަދަލު ވެގެން ދަނީ ކޮންމެ އިންސާނަކަށް ވެސް ލިބިގެން ވާ އަބުރާއި ކަރާމާތާއި ޝަރަފާއި އިއްޒަތުއްނަފުސު ރައްކައުތެރި ކުރުމުގެ ހައްގަށެވެ. މުޖުތަމައުގައި މީހަކު ބަދުނާމު ކުރެވި، ފަޟީހަތް ކުރެވި، އޭނާގެ އަބުރާއި ކަރާމާތާއި ޝަރަފާއި އިއްޒަތުއްނަފުސު ވެއްޔާ މޮޑެލެވުމަކީ ނަފްސާނީ ގޮތުން ގިނަ މީހުންނަށް ތަހައްމަލު ނުކުރެވޭ ފަދަ ވޭނާއި ހިތްދަތިކަން ލިބޭ ކަމެކެވެ. ބައެއް ހާލަތްތަކުގައި މީހާގެ ނަފްސާނީ ސިއްހަތު ވެސް ގެއްލި ފަނާ ވެގެން ހިނގައިދާނެ ކަމެކެވެ. އަބުރު ގެއްލިދިޔުމުން، އަމިއްލަޔަށް މަރު ވާ އެތައް ހާސް ބައެއްގެ ވާހަކަތަކަކީ މި ދެންނެވި ބަހަށް އޮތް އަލިގަދަ ހެއްކެކެވެ. އެހެންކަމުން އިންސާނާގެ އަސާސީ ހައްގުތައް ރައްކައުތެރި ކުރުމުގެ އެންމެ މުހިއްމު އެއް ބަޔަކީ ފަރުދުންގެ އަބުރާއި، ޝަރަފާއި، ކަރާމާތް ރައްކައުތެރި ކުރުމެވެ.

އިސްލާމް ދީނުގައި އަބުރުގެ ހައްގު

ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 70 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައި ވަނީ މާތްރަސްކަލާނގެ އާދަމުގެ ދަރީން ކަރާމާތްތެރި ކުރެއްވި ކަމުގައެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުގެ ހައްޖަތުލް ވަދާއުގެ ޚުތުބާގައި ހުވައި ކުރައްވައި ވިދާޅުވެފައި ވަނީ އިންސާނާގެ ލެޔާއި، އޭނާގެ މުދަލާއި، އޭނާގެ އަބުރާއި ކަރާމާތާއި ޝަރަފަކީ ހުރުމަތްތެރި ކުރެއްވިގެން ވާ، ހުރުމަތް ލިބިގެން ވާ އެއްޗެތި ކަމުގައެވެ. ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތުގައި، މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހަޖޫ ޖެހުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމާއި، ބަދުބަސް ބުނުމާއި، އެކަކު އަނެކެއްގެ އަބުރު ކަތިލުމާއި، އެކަކު އަނެކެއްގެ ހުރުމަތަށް އަރައިގަތުމާއި، އެކަކު އަނެކަކަށް ހުތުރު ނަންތަކުން ގޮވުން ހަރާމް ކުރައްވައި، އަންގަވައިފައި ވަނީ އެފަދަ ކަންކަމަކީ އީމާން ވުމަށް ފަހު ފާސިގުކަމުގެ ތެރެޔަށް ވެއްޓުން ކަމަށާއި، އެފަދަ ކަންކަން ކުރާ މީހުން ތައުބާ ނުވެއްޖެ ނަމަ އެމީހުންނަކީ އަނިޔާވެރީން ކަމުގައެވެ.

ޝަރުއީ ނައްސުތަކުގެ އަލީގައި، ރަން ޒަމާނުގެ އިސްލާމީ ފިގުހުވެރީންނާއި، މި ޒަމާނުގެ އިލްމުވެރީން ވެސް ވަނީ އެންމެ އަސާސީ އިންސާނީ ހައްގުތަކުގެ ތެރޭގައި އަބުރާއި ކަރާމާތާއި ޝަރަފު ރައްކައުތެރި ކުރުމުގެ ހައްގު ހިމަނުއްވައިފައެވެ. މިސާލެއް ދަންނަވާ ނަމަ، ޕާކިސްތާނުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މައުލާނާ އަބުލް އަޢުލާ މައުދޫދީ ލިޔުއްވި އިންސާނީ ހައްގުތަކާ ބެހޭ ފޮތް ފާހަގަ ކުރެވެއެވެ. އެ ފޮތުގައި، އިސްލާމީ ޝަރީއަތުން ކަށަވަރު ކޮށްދެއްވައިފައި ވާ އަސާސީ ހައްގުތަކުގެ ތެރެއިން ދެވަނަ ހައްގެއްގެ ގޮތުގައި ބަޔާން ކުރައްވައިފައި ވަނީ އިންސާނާގެ އަބުރު، ނުވަތަ ޝަރަފު، ނުވަތަ ކަރާމާތް ރައްކައުތެރި ވެގެން ވުމުގެ ހައްގެވެ. މި ޒަމާނުގައި އިސްލާމީ ޝަރީއަތުގެ ބުންޔާދުގައި އިންސާނީ ހައްގުތައް ކަނޑައަޅައި އިއުލާން ކުރެވިފައި ވާ ގަރާރުތަކުގައި ވެސް މި ހައްގު ވަނީ ހިމެނިފައެވެ. އެގޮތުން، ޔުނިވަރސަލް އިސްލާމިކް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ 8 ވަނަ މާއްދާގައި، އިންސާނާގެ އަބުރާއި ޝަރަފާއި ކަރާމާތާއި އިއްޒަތުއްނަފުސަށް ލިބޭ ހިމާޔަތް ކަށަވަރު ކޮށްދީފައި ވެއެވެ. ކެއިރޯ ޑެކްލަރޭޝަން އޮން ހިޔުމަން ރައިޓްސް އިން އިސްލާމްގެ 4 ވަނަ މާއްދާގައި ވަނީ، ތިމާގެ ރީތި ނަމާއި، އަބުރާއި، ޝަރަފާއި އިއްޒަތުއްނަފުސު، ތިމާގެ ހަޔާތުގައި ވެސް އަދި މަރު ވެގެން ދިޔުމަށް ފަހުގައި ވެސް، ރައްކައުތެރި ވުމީ ކޮންމެ އިންސާނަކަށް ލިބި ކަށަވަރު ވެގެން ވާ އަސާސީ ހައްގެއް ކަމުގައެވެ.

ޚިޔާލާއި ރައުޔު ފައުޅު ކުރުމުގެ ހައްގު

މާތްރަސްކަލާނގެ އިންސާނާ ހެއްދެވީ އަމިއްލަޔަށް ކަންކަމާ މެދު ވިސްނުން ހިންގުމާއި، ފިކުރު ކުރުމާއި، އަމިއްލަ ރައުޔު ކަނޑައެޅުމުގެ ކުޅަދާނަކަމާއި ގާބިލިއްޔަތު ލިބިގެން ވާ މަޚުލޫގެއްގެ ގޮތުގައެވެ. އަދި އެކަލާނގެ ބާވައިލެއްވި ޝަރީއަތްތަކުގައި، އެ މީހެއްގެ ބުއްދިޔާއި ޒަމީރުގެ އަޑު އިއްވުމުގެ މިނިވަންކަން ދެއްވައިފައި ވެސް ވެއެވެ. ހަމައެކަނި މިނިވަންކަމެއް ނޫނެވެ. ބުއްދިޔާއި ޒަމީރުގެ ބުންޔާދުގައި، ނުރަނގަޅު ކަންކަމާއި ނުބަޔާ ދެކޮޅަށް އަޑު އުފުލުމާއި ހައްގުގެ އަޑު އިއްވުމަކީ އެ މީހަކަށް ކުޅަދާނަ ވީ މިންވަރަކުން ކުރުން ދީނުގައި ވާޖިބު ކުރައްވައިފައި ވެސް އޮތް ކަމެކެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގައި "އެންމެ ހެޔޮ ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ހައްގުގެ ބަސް ބުނުން" ކަމަށް އޮންނަނީ އެހެން ވެގެންނެވެ. ނުބައި ކަމެއް ފެނިއްޖެ ނަމަ، އެ ކަމެއް އަމަލުން ހުއްޓުވުމަށާއި، އަމަލުން ހުއްޓުވާނޭ ކުޅަދާނަކަން ތިމާގެ ކިބައިގައި ނެތް ނަމަ އެ ކަމަކާ ދެކޮޅަށް ބަސް ބުނާން ވެސް ކީރިތި ރަސޫލާ މި އުއްމަތަށް އަމުރު ކުރެއްވިއެވެ. އެހެންކަމުން، މުޖުތަމައުގައި އަނިޔާވެރިކަމާއި ބޭއިންސާފާއި ފާސިގުކަމާއި ފަސާދަ ފެތުރޭ ނަމަ، ނުވަތަ އެ ކަންކަމަށް މަގުފަހި ކުރެވޭ ނަމަ، އެކަމާ ދެކޮޅަށް އަޑު އުފުލުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.

ނުބައިކަމާ ދެކޮޅަށް އަޑު އުފުލުމުގެ އިތުރުން ވެސް، އިޖުތިމާއީ ކަންކަމުގައި ތިމާގެ ޚިޔާލާއި ރައުޔު ހާމަ ކޮށް، މުޖުތަމައުގެ އެހެން މެންބަރުންނާ ހިއްސާ ކުރުމަކީ އިންސާނީ ތަބީއަތު ނިޔާ ކުރާ ގޮތުން، މީސްތަކުންނަށް ލިބިދޭން ޖެހޭ ފުރުސަތެކެވެ. އެ ފުރުސަތު ނުދީ، މީސްތަކުންގެ ދޫތަކާއި އަތްތަކުގައި ތަޅު އެޅުވުމަކީ އިންސާނީ ތަބީއަތާ ޚިލާފަށް، ތަބައީ ގާނޫނާ ޚިލާފަށް ކުރެވޭ ކަމެކެވެ. އެފަދަ ކަމަކުން ދުވަހަކު ވެސް ހެވެއް ނުނުކުންނާނެކަން އެއީ އިންސާނީ ތަޖުރިބާގެ އަލީގައި ސާބިތު ވާ ކަމެކެވެ.

މި ޒަމާނުގައި އިއުލާން ކުރެވިފައި ވާ އިންސާނީ ހައްގުތަކާ ބެހޭ އިސްލާމީ ގަރާރުތަކުގައި ވެސް ޚިޔާލާއި ރައުޔު ހާމަ ކުރުމާއި ފައުޅު ކުރުމާއި، ތިމާގެ ބުއްދިޔާއި ޒަމީރުގެ އަޑު އިއްވުމުގެ ހައްގު މީސްތަކުންނަށް ލިބިގެން ވާކަން ވަނީ ބަޔާން ކުރެވިފައެވެ. ކެއިރޯ ޑެކްލަރޭޝަން އޮން ހިޔުމަން ރައިޓްސް އިން އިސްލާމްގެ 22 ވަނަ މާއްދާގައި ބުނެފައި ވަނީ ޝަރީއަތުގެ މަބާދިއުތަކާ ޚިލާފު ނުވާނެ ގޮތަށް، މިނިވަންކަމާ އެކު ތިމާގެ ރައުޔު ފައުޅު ކުރުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެން ވާ ހައްގެއް ކަމުގައްޔާއި، އެ ހައްގުގެ ތެރެއިން ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަމާއި މުންކަރާތްތައް މަނާ ކުރުމަށް ގޮވައިލައި އަޑު އުފުލުގެ ހައްގު ވެސް ކޮންމެ މީހަކަށް މެ ލިބިގެން ވާ ކަމުގައެވެ. ޔުނިވަރސަލް އިސްލާމިކް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ 12 ވަނަ މާއްދާގައި ބުނެފައި ވަނީ އެ މީހެއްގެ ފިކުރާއި، އެ މީހަކު ގަބޫލު ކުރާ ގަބޫލުކުރުންތައް، ގާނޫނުގެ އިމުގެ ތެރޭގައި ހުރެ، ފައުޅު ކޮށް އިއްވުމަކީ ކޮންމެ މީހަކަށް ލިބިގެން ވާ ހައްގެއް ކަމުގައެވެ.

އިންސާފުވެރި ތަވާޒުނެއް

އަބުރު ރައްކައުތެރި ކުރުމަކީ ވެސް، އަދި ތިމާގެ ބުއްދިޔާއި ޒަމީރުގެ އަޑު އިއްވައި، ތިމާގެ ފިކުރާއި ރައުޔާއި ޚިޔާލު ފައުޅު ކުރުމަކީ އިންސާނުންނަށް ލިބިގެން ވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ދެ ކަންތައް ކަމަށް ވާ އިރު، މައްސަލަ އުފެދޭ ހިސާބަކީ މި ދެ ހައްގު ފުށުއަރައި، އަރައިރުން ވާ ހާލަތުތައް މެދުވެރި ވާ ހިސާބެވެ. ޚިޔާލު ފައުޅު ކުރުމުގެ ތެރޭގައި، މީހުންގެ އަބުރަށް އަރައިގަނެވިދާނެ ހެއްޔެވެ؟ ޚިޔާލު ފައުޅު ކުރުމުގެ ތެރޭގައި، އެހެން މީހަކަށް ފާޑު ކިޔޭނީ ކޮން ހާލަތުތަކެއްގައި، ކޮން ގޮތަކަށް، ކިހައި މިންވަރަކަށް ހެއްޔެވެ؟ މީހަކު ކުރާ ކުށަކަށް ޖިނާއީ އަދުލުގެ ނިޒާމުން އަދަބު ދީފައި، އޭގެ އިތުރަށް އޭނާގެ އަބުރު މީޑިޔާ ފަދަ ވަސީލަތްތައް މެދުވެރި ކޮށް ކަތިލައި، މުޅި މުޖުތަމައުގައި އޭނާ ބަދުނާމު ކުރުމަކީ ބޭއިންސާފަކަށް ނުވާނެ ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ސުވާލުތަކަށް ރަނގަޅު ޖަވާބު ހޯދޭނީ އަގުލީ ބިންގަލެއްގެ މަތީގައި ކުރެވޭ އިލްމީ ދިރާސާތަކާއި ބަހުސްތަކާއި މަޝްވަރާތަކެއްގެ ތެރެއިންނެވެ.

އެންމެ ފުރަތަމަ ގަބޫލު ކުރާން ޖެހޭ ތެދު ހަގީގަތަކީ، މި ދެ ހައްގުގެ ތެރެއިން އިސްކަން ދެވޭ ހައްގަކީ ފަރުދުންގެ އަބުރާއި ކަރާމާތާއި ޝަރަފާއި އިއްޒަތުއްނަފުސުގެ ހައްގު ކަމެވެ. އެއީ ކޮންމެ އިންސާނަކަށް ވެސް އެ ހައްގަކާ ނުލައި ޒާތީ އަދި އިޖުތިމާއީ ދިރިއުޅުން ބިނާ ނުކުރެވޭނެ ހައްގެކެވެ. އެހެން ހުރިހާ ހައްގުތަކެއްގެ އަސާސު ކަމަށް ހިމެނޭ ހައްގުތަކުގެ ތެރެއިން ހިމެނޭ ހައްގެކެވެ. އެހެން ހުރިހާ ހައްގުތަކެއްގެ އަސާސު ކަމަށް ހިމެނޭ ހައްގުތަކޭ މި ދެންނެވީ، ފުރާނަޔާއި، މުދަލާއި، ބުއްދިޔާއި، އާއިލާޔާއި، މިނިވަންކަމާ އެކު ތެދުމަގު ހޯދުމަށް މަސައްކަތް ކޮށް ތެދުމަގު ލިބިގަތުމުގެ ހައްގާއި، ޝަޚްސީ އަބުރާއި ކަރާމާތުގެ ހައްގުގެ ވާހަކައެވެ. މިއިން ހައްގެއް ގުރުބާން ކޮށްގެން، ކަށަވަރު ކުރާން ޖެހޭ އެހެން ހައްގުތަކެއް ނުވެއެވެ. 1993 ގެ ވިއެނާ ޑެކްލަރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަންގައި "އިންސާނީ ހައްގުތަކަކީ އާލަމީ، ބައި ނުކުރެވޭނެ، އެކަތި އަނެކައްޗާ ގުޅި ލާމެހިފައި ވާ ހައްގުތަކެއް" ކަމަށް ބުނާ ބުނުމުގެ މައްޗަށް، ވަކި ހައްގުތަކަކަށް އިސްކަން ނުދެވޭނެ ކަމަށް ބައެއް އިލްމުވެރީން ވިދާޅުވިޔަސް، ހުޅަނގުގެ ވެސް ބައެއް އިލްމުވެރީން ވަނީ މި ދެންނެވި ހައްގުތަކަކީ އިސްކަން ދެވޭ ހައްގުތަކެއް ކަމަށް ކަނޑައަޅުއްވައިފައެވެ. އިސްލާމީ އިލްމުވެރީންގެ ބަސްފުޅުތަކަށް ބަލާ އިރު، މި ދެންނެވި ހައްގުތަކަކީ އިމާމް ޣަޒާލީ އާއި، އިމާމް އަލްޖުވައިނީ އާއި، އިމާން އައްޝާޠިބީ އާއި، އިމާމް އިބްނު ޢާޝޫރު ފަދަ ޢިލްމުވެރީން "މަޤާޞިދުއް ޝަރީޢާ" ގެ މައުޒޫއުގައި ކުރެއްވި ބަހުސްތަކުން ވެސް މި ދަންނަވާ ނުކުތާ ސާފު ވެއެވެ.

ދެވަނަޔަށް ވިސްނާން ޖެހޭ ކަމަކީ، އިންސާނެއްގެ ޝަޚްސީ ކަރާމާތާއި، އަބުރާއި، އިއްޒަތުއްނަފުސު ކަތިލައި ނަގައިލުމަކީ ބޮޑު ވެގެން ވާ އަނިޔާއެއް އަދި ގެއްލުމެއް ދީގެން ގެނެވޭ ފަސާދައެއް ކަމާއި، ޚިޔާލާއި ރައުޔު ފައުޅު ކުރުމުގެ ހައްގަކީ ފައިދާޔާއި މަންފާ ހޯދުމަށް ޓަކައި ކަށަވަރު ކޮށްދެވޭ ހައްގެއް ކަމެވެ. އިސްލާމީ ފިގުހުގެ ގާއިދާއެއްގައި ވަނީ "ފަސާދަޔާއި ގެއްލުންތައް ދުރު ކުރުމަށް، މަންފާތައް ހޯދުމަށް ވުރެ އިސްކަން ދޭން ޖެހޭނެ" ކަމުގައެވެ. މި ގާއިދާގެ އަލީގައި ޝަރުއީ އަދި ގާނޫނީ ސަބަބުތަކަށް ބެލުމުން، ސާފު ވެގެން ދާ ކަމަކީ ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމުން ފަރުދުންނާއި މުޖުތަމައަށް ލިބޭ ފައިދާޔާއި ނަފާ ހޯދައިގަތުމަށް ވުރެ އިސްކަން ދޭން ޖެހޭނީ އިންސާނެއްގެ އަބުރާއި ކަރާމާތް ނަގައިލައިގެން އޭނާޔަށާއި މުޖުތަމައަށް ގެއްލުމާއި ދެރަޔާއި ނިކަމެތިކަން ދީގެން އުފެދޭ ފަސާދަ ނެތި ކުރުމަށް ކަމެވެ.

ތިންވަނަ ކަމަކަށް، އިންސާނީ ހައްގުތަކުގެ ގާނޫނީ ފަލްސަފާގެ ތެރެއިން އަންނަ އެންމެ މުހިއްމު އެއް މަބްދައަކީ، މީހަކަށް ލިބިގެން ވާ މިނިވަންކަން އެހެން މީހެއްގެ ހައްގަކަށް އަރައިގަތުން ހުއްދަ ކުރާ މިންވަރަށް ފުޅާ ނުކުރެވޭނެ ކަމުގެ މަބްދައެވެ. މި މަބްދައު ޝަރަހަ ކޮށްދިނުމަށް ޝައުގުވެރި ވާހަކައެއް ވެސް ކިޔައެވެ. އެ ވާހަކައިގައި އޮންނަ ގޮތުން، އިނގިރޭސި ރަސްކަމުގެ ބާރުގެ ދަށުން މިނިވަން ވުމަށް އެމެރިކަން ކޮލޮނީތަކުގެ މީހުން ކުރި ހަނގުރާމަ ކާމިޔާބު ވެ، އެމެރިކާޔަށް މިނިވަންކަން ލިބުނު ދުވަހު، އެމެރިކާ މީހަކު އެކަމުގެ އުފަލުގައި ދުވަމުން، ފުމެމުން، ނަށަމުން މަގުމަތިން ދިޔައެވެ. އެހެން ދަމުން އޭނާ އެއްލި އަތަކުން ޖެހުނީ، މަގުމަތީން ހިނގައިފައި ދިޔަ އިނގިރޭސިއެއްގެ ނޭފަތުގައެވެ. އިނގިރޭސި ކަލޭގެ އެމެރިކާ މީހާގެ ގާތުގައި ބުންޏެވެ. "ބަލަ އަހަރެންގެ ނޭފަތުގައި ތިޔަ ޖެހީ ކީއްވެގެން ހެއްޔެވެ؟" އެމެރިކާ މީހާ ބުންޏެވެ. "މިއަދަކީ އަހަރެމެން މިނިވަން ވީ ދުވަހެވެ. މިއަދު އަހަރެމެން އުޅޭނީ މިނިވަންކަމުގައެވެ." އިނގިރޭސި މީހާ ބުންޏެވެ. "ކަލޭގެ މިނިވަންކަން އަހަރެންގެ ނޭފަތު ކުރިޔާ ހަމައިން ނިމޭނެއެވެ." އެހެންކަމުން، މީހަކަށް އޭނާގެ ޚިޔާލާއި ރައުޔު ފައުޅު ކުރެވިދާނެއެވެ. ނަމަވެސް އެ މިނިވަންކަން ބޭނުން ކުރެވޭނީ، އަނެކާގެ އަބުރާއި އިއްޒަތުއްނަފުސާއި ކަރާމާތުގެ އިންފާރުތަކުގެ ތެރެޔަށް ނުވަދެއެވެ.

ހަތަރުވަނަޔަށް ވިސްނާން ޖެހޭ ކަމަކީ، ހައްގެއް ގެއްލުމުން ދެން އަސަރު ކުރާ ހައްގުތަކެވެ. ވަރަށް މަދު އިސްތިސްނާ ހާލަތެއްގައި މެނުވީ، މީހެއްގެ އަބުރުގެ ހައްގު ގެއްލުމަކީ އޭގެ ސަބަބުން އޭނާގެ އެހެން ހައްގުތަކަށް ވެސް ނުހަނު ބޮޑު ގެއްލުން ލިބޭ ކަމެއް ކަމެވެ. އަބުރު ގެއްލިއްޖެ މީހަކަށް ވަޒީފާ ނުލިބުމާއި، މުޖުތަމައުން ބާކީ ވުމާއި، ތައުލީމު ހޯދުމާއި، ވިޔަފާރި ކުރުމާއި، އާއިލާއެއް ބިނާ ކުރުން ފަދަ އެތައް ހައްގުތަކެއް ގެއްލުން އެއީ އާއްމު ކަމެކެވެ. ހަމައެހެންމެ، މީހެއްގެ އަބުރު ގެއްލި މުޖުތަމައުގައި އޭނާގެ އަގު ވެއްޓުމަކީ އޭނާގެ އާއިލާގެ މެންބަރުންގެ ހައްގުތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާޔަށް، އާއްމު ތަންތަނަށް ނުކުމެ އުޅޭ އިރު ކަތި ނަޒަރުތައް އަމާޒު ވުމާއި، ވިޔާނުދާ މީހުންގެ ދުލުން ވިހަ ބަސްތައް އަޑުއަހާން ޖެހުމާއި، މުޖުތަމައުން ބާކީ ވުން ފަދަ ކަންކަން ކުރިމަތި ވުމެވެ. ދަރީންނަށް މަދަރުސާގެ މާހައުލު ފަދަ ތަންތަނުން މަލާމާތާއި ފުރައްސާރަޔާ ކުރިމަތި ލާން ޖެހުން ފަދަ ކަންކަން ކުރިމަތި ވުމެވެ. ނަމަވެސް ޚިޔާލު ފައުޅު ކުރުމުގެ ހައްގު ގެއްލިގެން ދިޔުމުން، އެ މީހެއްގެ އެހެން ހައްގުތަކަކަށް އޭގެ ސަބަބުން މި ދެންނެވި ފަދަ ގެއްލުންތަކެއް ނުލިބެއެވެ. މި ނުކުތާއިން ވިސްނިޔަސް، އިސްކަން ދޭން ޖެހޭ ހައްގަކީ އަބުރު ރައްކައުތެރި ކުރެވުމުގެ ހައްގެވެ.

އަބުރުގެ ހައްގާއި، ޚިޔާލާއި ރައުޔު ފައުޅު ކުރުމުގެ ހައްގާ ދެމެދު ކުރެވޭން ޖެހޭ ތަވާޒުނަކީ މި ދެންނެވީއެވެ. އެއީ އޭގެ ތެރެއިން އެއް ހައްގަށް އިސްކަން ދީގެން، ކުރާން ޖެހޭ ތަވާޒުނެކެވެ. އެއްކޮޅަށް ބަރުކޮށް ކުރާން ޖެހޭ ތަވާޒުނެކެވެ.

ހުޅަނގުގެ ނިޒާމުގައި ކަން އޮތް ގޮތް

ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ 12 ވަނަ މާއްދާގައި އޮންނަނީ، އެއްވެސް މީހެއްގެ އަބުރާއި އިއްޒަތުއްނަފުސަށް ހަމަލާ ނުދެވޭނެ ކަމަށާއި، އެފަދަ ހަމަލާތަކުން ކޮންމެ ފަރުދަކަށް ވެސް ގާނޫނުގެ ރައްކައުތެރިކަމާއި ހިމާޔަތް ލިބިދޭން ޖެހޭނެ ކަމުގައެވެ. އެ ޑެކްލަރޭޝަނުގައި، މިނިވަންކަމާ އެކު ޚިޔާލާއި ރައުޔު ގެންގުޅުމާއި، ޚިޔާލާއި ރައުޔު ފައުޅު ކުރުމުގެ ހައްގު ކަށަވަރު ކޮށްދެނީ 19 ވަނަ މާއްދާގައެވެ.

ޔޫރަޕިއަން ކޮންވެންޝަން އޮން ހިޔުމަން ރައިޓްސްގެ 10 ވަނަ މާއްދާގައި، ޚިޔާލާއި ރައުޔު ފައުޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭ އިރު، ހަމަ އެ މާއްދާގައި، އެހެން މީސްތަކުންގެ ހައްގުތަކާއި އަބުރު ރައްކައުތެރި ކުރުމަށް ޓަކައި އެ މިނިވަންކަން މަހުދޫދު ކުރެވިދާނެކަން ބަޔާން ކޮށްފައި ވެއެވެ. މި މާއްދާ މާނަ ކުރުމުގައި ޔޫރަޕިއަން ކޯޓް އޮފް ހިޔުމަން ރައިޓްސްގެ މައުގިފު އައީ ބަދަލު ވަމުންނެވެ. އެ ކޯޓުން 1986 ވަނަ އަހަރު ބެލި ގަޒިއްޔާއެއް ކަމުގައި ވާ ލިންގެންސް ވީ އޮސްޓްރިޔާގައި، އަބުރުގެ ހައްގެއް ވަކިން ނޯންނަ ކަމަށާއި، އަބުރު ރައްކައުތެރި ކުރެވުމަކީ ހަމައެކަނި ޒާތީ މަސްލަހަތެއް ކަމަށް ނިންމިއެވެ. ނަމަވެސް ފަހުގެ ނިންމުންތަކުން ވަނީ އަބުރުގެ ހައްގަކީ ކޮންމެ ފަރުދަކަށް ލިބިކަށަވަރު ވެގެން ވާ އަސާސީ އިންސާނީ ހައްގެއް ކަމަށް ކަނޑައަޅައިފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ ނިންމުންތަކަކީ 2004 ގައި ނިންމި، ރޭޑިޔޯ ފްރާންސް ވީ ފްރާންސް ގަޒިއްޔާ އާއި ހަމަ އެ އަހަރު ނިންމި ޝޯވީ ވީ ފްރާންސް ގަޒިއްޔާއެވެ. ނަމަވެސް މި ގަޒިއްޔާތަކުން ވެސް، ބަހުސް މުޅީން ނިންމައިލެވިފައެއް ނުވެއެވެ.

މި ނުކުތާގައި ހުޅަނގުގެ ގާނޫނީ އިލްމުވެރީންނާއި ފަނޑިޔާރުންގެ ޚިޔާލު މުޅީން އެއްގޮތް ނުވިޔަސް، މި ކަމުގައި އިސްލާމީ އިލްމުވެރީންގެ މެދުގައި އެއްވެސް އިޚްތިލާފެއް ނެތެވެ. އިސްލާމީ ޝަރީއަތާއި، އިސްލާމީ ފިގުހުގައި، އަބުރުގެ ހައްގަކީ އެންމެ އަސާސީ އެއް ހައްގެވެ. އެ ހައްގަށް އަރައިގަނެވޭ ގޮތަށް ޚިޔާލު ފައުޅު ކުރުމުގެ ފުރުސަތު ނުދެވޭނެއެވެ.

ޔޫރަޕިއަން ކޮންވެންޝަން އޮން ހިޔުމަން ރައިޓްސްގެ 10 ވަނަ މާއްދާގައި، ޚިޔާލު ފައުޅު ކުރުމުގެ ހައްގު ހަނި ކުރެވިދާނެ އެހެން ހާލަތުތައް ވެސް ބަޔާން ކޮށްފައި ވެއެވެ. އެގޮތުން، ގާނޫނާ އެއްގޮތަށް އަދި ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ޒަރޫރަތްތައް ނިޔާ ކުރާ ގޮތުގެ މަތީން، ގައުމީ ސަލާމަތާ ބެހޭ މަސްލަހަތުތައް ހިމާޔަތް ކުރުމަށާއި، އާއްމު މުޖުތަމައުގެ ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި، ދައުލަތުގެ ސަރަހައްދުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށާއި، ހަމަނުޖެހުމާއި ޖިނާއީ އަމަލުތައް ހުއްޓުވުމަށާއި، އާއްމު ސިއްހަތާއި އާއްމު އަޚްލާގިއްޔާތު ހިމާޔަތް ކުރުމަށާއި، ސިއްރު މައުލޫމާތު ރައްކައުތެރި ކުރުމަށާއި، ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ވަކި ފަރާތަކަށް ނުޖެހުމާއި ބާރު ނެގެހެއްޓުމަށް ޓަކައި، ޚިޔާލާއި ރައުޔު ފައުޅު ކުރުމުގެ ހައްގު ހިފެހެއްޓޭނެ ކަމަށް އެ މާއްދާގައި ވަނީ ސާފުކޮށް ބުނެފައެވެ

ތެދު ނަމަ މައްސަލައެއް ނެތް !؟

ވަރަށް ގިނަ މީހުން ބުނާ ގޮތުން، މީހެއްގެ އަބުރަށް އަރައިގަނެވޭ ގޮތަށް ފައުޅު ކުރާ ޚިޔާލަކީ ނުވަތަ ރައުޔަކީ ނުވަތަ ބުނާ ބުނުމަކީ ތެދެއް ނަމަ، އެއީ މައްސަލައެއް ނޫނެވެ. މި ބަލިކަށި ދައުވާޔަށް އެންމެ ފުރިހަމަކޮށް ޖަވާބު ދެއްވީ މި އުއްމަތުގެ ރަސޫލާއެވެ. މާތް ސަހާބީއެއް ކަމުގައި ވާ އަބޫ ޛައްރުލް ޣިފާރީ އިތުރު އެކަލޭގެފާނުގެ އަރިއަހުން ސުވާލު ކުރެއްވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ޣީބަޔަކީ ކޮބައިތޯއެވެ؟" އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. "އެއީ ތިބާގެ އަޚާޔާ މެދު، އޭނާ ނުރުހޭނެ އެއްޗެއް ބުނުމެވެ." އަބޫ ޛައްރު އެއްސެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! މީހަކާ މެދު ބުނެވުނު ބަހަކީ ތެދު ނަމަ، އަދި އޭނާގެ ކިބައިގައި ހަގީގަތުގައި ވެސް ހުރި ކަމެއްގެ ވާހަކަ ނަމަ، ވާނީ ކިހިނަކުންތޯއެވެ؟" އިތުރު ރަސޫލާ ޖަވާބު ދެއްވިއެވެ. "ދަންނާށެވެ! މީހެއްގެ ކިބައިގައި ހުރި އުނިކަމެއް ނުވަތަ ގޯހެއްގެ ވާހަކައިން ތެދު ބަހުން ބުނެފި ނަމަ އެއީ ޣީބަ ބުނުމެވެ. ބުނި ބަހަކީ ދޮގެއް ނަމަ، ތިބާ އޭނާޔާ ބެހޭ ގޮތުން ދެއްކި ވާހަކަޔަކީ ބުހުތާން ދޮގެވެ." ޣީބަ ބުނުމަކީ ޒިނޭޔަށް ވުރެ ބޮޑު ފާފައެއް ކަމަށް ކީރިތި ރަސޫލާ ވިދާޅުވި ކަމަށާއި، އެއީ ތިމާގެ އަޚާގެ މުޅަމަސް ކެއުން ކަމަށް އެކަލޭގެފާނު ވިދާޅުވި ކަމަށް ވެސް ރިވާ ވެފައި ވެއެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައި ވަނީ މީހަކަށް ކުރެވޭ ކުށަކާ ގުޅިގެން ޝަރީޢަތާ އެއްގޮތަށް ކަނޑައަޅާ ހައްގު ސަޒާ ނުވަތަ އަދަބު ދިނުމާ އެކު، އިތުރަށް އޭނާ ފަޟީހަތް ކޮށް، ބޭޒާރު ކޮށް، ބަދުނާމު ކުރުމަކީ އަނިޔާއެއް ކަމުގައެވެ. އެހެންކަމުން، ޝަރީއަތުން އިސްތިސްނާ ކުރާ ހާލަތުތަކެއްގައި މެނުވީ، އާއްމު އުސޫލެއްގެ ގޮތުން ޖެހެނީ މީހުންނަށް ކުރެވޭ ކުށްތަކާއި ފާފަތަކުގެ ކަންކަން ސިއްރު ކުރުމަށެވެ. އިންސާނުންނަށް ކުށްފާފަ ކުރެވޭނެއެވެ. ނަބީރަސޫލުން ނޫނީ، ކުށްފާފަތަކަށް އަރައިނުގަންނަ މައުސޫމު ބަޔަކު އިންސާނުންގެ ތެރެޔަކު ނުތިބެއެވެ. ކުށްފާފަތަކާ ދުރުހެލި ވުމަކީ ކޮންމެ މުސްލިމަކު ކުރާން ޖެހޭ ނަފުސުގެ ޖިހާދެއް ކަން ޔަގީނެވެ. ފާފަ ވާނީ ފާފަޔަށެވެ. ކުށް ވާނީ ކުށަށެވެ. އެ ކަންކަމަށް އަދަބު ލިބޭން ވެސް ޖެހެއެވެ. ނަމަވެސް ކުށް ކުރާ މީހާގެ މައްޗަށް ވެސް ކޮންމެހެން ދޭން ޖެހޭ އަދަބު ދިނުމާ އެކު، އޯގާވެރިކަމާއި، ކުލުނާއި، އިންސާނިއްޔަތުކަމާއި، މާފު ކުރުން އެއީ އެންމެ ރީތި ގޮތެވެ. މި ކަންކަން ނެތް މުޖުތަމައެއް އެއީ، އިންސާނިއްޔަތުކަމުގެ ރިވެތި ތަހުޒީބުން ތަހުޒީބު ވެފައި ވާ މުޖުތަމައެއް ކަމަށް ބެލެވޭނެ ހަމަ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟ އެހެންކަމުން، ކުށެއް ކުރި މީހެއްގެ ވެސް އަބުރު ކަތިލުމަށް ޓަކައި މުޅި މުޖުތަމައުގައި އެ ވާހަކަ ގޮވައިނެގުމަކީ ކަނޑައެޅިގެން ހުރި ގޯހެކެވެ.

މީހެއްގެ އަބުރާއި އިއްޒަތުއްނަފުސާއި ކަރާމާތާއި ޝަރަފު ގެއްލޭ ގޮތަށް ދޮގު ވާހަކަ ދެއްކުމާއި ފެތުރުމަކީ، އަބުރުގެ ހައްގަށް އަރައިގަތުން ކަމަށް އިސްލާމީ ޝަރީއަތުގެ އިލްމުވެރީންނެކޭ އެއްފަދައިން، ހުޅަނގުގެ ގާނޫނީ އިލްމުވެރީން ވެސް އެއްބަސް ވެވަޑައިގަންނަވައެވެ. ނަމަވެސް ތެދު ވާހަކަޔަކުން މީހެއްގެ އަބުރު ކަތިލުމަކީ ނުވަތަ އޭނާގެ ޝަރަފު ގެއްލުވައިލުމަކީ ކުށެއް ކަމަކަށް ހުޅަނގުގައި ނުބެލެވެއެވެ.

އިސްތިސްނާތައް

މި ދެންނެވި އުސޫލުން ރައްކައުތެރި ކޮށްދެވިފައި ވާ އަބުރުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ ވާހަކައެއް ދެއްކުމުގެ ހުއްދަ، އިސްލާމީ ޝަރީއަތުން ވެސް އަދި ހަމަބުއްދިވެސް ދެނީ ވަރަށް މަދު އިސްތިސްނާ ހާލަތެއްގައެވެ. އެއް ކަމަކީ ޝަރީއަތުގެ މަޖިލިހުގައި، އަދުލުއިންސާފު ގާއިމު ކުރުމަށް ޓަކައި، ޚަސްމަކު ނުވަތަ ހެއްކަކު އޭނާގެ ބަޔާން ދޭ ހާލަތެވެ. ދެވަނަ އިސްތިސްނާއެއް ކަމަށް އިސްލާމީ އިލްމުވެރީން ޒަމާނުއްސުރެ ކަނޑައަޅުއްވައިފައި އޮންނަ ކަމަކީ، ކީރިތި ރަސޫލާގެ ފަރާތްޕުޅުން ހަދީޘް ރިވާ ކުރުމުގައި، ދޮގުވެރީންނާއި އިލްމީ ގޮތުން އިތުބާރު ނުހިފޭ މީހުން ކަނޑައަޅައި ވަކި ކުރުމަށް ކުރެވޭ މަސައްކަތުގައި، ރާވީއެއްގެ ކިބައިގައި ހުރި އުނިކަން ފާހަގަ ކުރާ ކުރުމެވެ. މި ޒަމާނުގެ ހާލަތަށް ބަލާ އިރު، ރައްޔިތުންގެ ފަރާތުން އަމާނާތެއްގެ ގޮތުގައި ބާރުތައް ހަވާލު ކުރެވޭ ސިޔާސީ ޒައާމަތުން، ނުވަތަ ސަރުކާރުން އެ އަމާނާތާ މެދުގައި އަމަލު ކުރާ ގޮތް ރައްޔިތުންނަށް އެންގުމަށް ޓަކައި، ހަގީގަތް ހޯދައިގެން ލިޔާ ލިޔުންތަކާއި ދައްކާ ވާހަކަތަކަކީ އިސްތިސްނާ ހާލަތެއް ކަމަށް ކަނޑައެޅިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. މި ނުކުތާގައި ވެސް ކަނޑައެޅިގެން ތަފްސީލީ ބަޔާނަކަށް ނުގޮސް ކުރު ކޮށްލަމާ ހިންގަވާށެވެ.

ގާނޫނާއި އިޖުތިމާއީ ހާލަތު

ދެހާސް ސޯޅަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން "އަބުރު ރައްކައުތެރި ކޮށްދިނުމާއި ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމުގެ ބިލު" ގެ ނަމުގައި ބިލެއް ފާސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރެވި، ގާނޫނަކަށް ވީ 11 އޮގަސްޓު 2016 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 2016/15 (އަބުރު ރައްކައުތެރި ކޮށްދިނުމާއި ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު) އެވެ. އެ ގާނޫނުގެ މަގުސަދުތަކުގެ ގޮތުގައި، ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާ އެންމެ މުހިއްމު ކަންތައްތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފައުޅު ކުރުމުގެ ހައްގު ބޭނުން ކުރުމުގެ ހަމަތައް ބަޔާން ކުރުމާއި، ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ރައްކައުތެރި ކޮށްދީފައި ވާ މީހުންގެ ނަމާއި އަބުރުގެ ހައްގަށް އުނިކަން އަޔަނުދިނުމެވެ.

އަބުރު ރައްކައުތެރި ކޮށްދިނުމާއި ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ މަސައްކަތް ފެށުނީއްސުރެ ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ. އެ ގާނޫނަކީ ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ގާނޫނެއް ކަމަށް ބުނަމުންނެވެ. އެ ގާނޫނުގެ ބޭނުމަކީ ސިޔާސީ މަންސަތަކުގައްޔާއި މީޑިޔާގައި ޚިޔާލު ފައުޅު ކުރުމަށް ހުރަސް އެޅުމަށް ބޭނުން ކުރާ ހަތިޔާރެއް ކަމަށް ބުނަމުންނެވެ. އެ ވާހަކަތަކުގައި ހުރީ ކިހައި ވަރެއްގެ ބުރަދަނެއް ކަން ވަޒަން ކުރުމަކީ އަޅުގަނޑު މި މަގާމުގައި ކުރާން ކަނޑައެޅި މަސައްކަތެއް ނޫނެވެ. އަޅުގަނޑަށް އެނގޭ ކަމަކީ، ޚިޔާލު ފައުޅު ކުރުމުގެ ނަމުގައި، އަދި މީޑިޔާގެ މިނިވަންކަމުގެ ނަމުގައި، އިސްލާމް ދީނުގައި ރައްކައުތެރި ކުރައްވައިފައި ވާ އަސާސީ ހައްގެއް ނިގުޅައިގަނެ، ހަމައެއް އިންސާފެއް ތެދެއް ދޮގެއް ތަނެއް ދޮރެއް ބެލުމެއް ނެތި، ރަހުމެއް ހަމްދަރުދީއެއް ކުލުނެއް އިންސާނިއްޔަތުކަމެއް ނެތި މީސްމީހުންގެ އަބުރު ކަތިލުމާއި، ބަދުނާމު ކުރުމާއި، ދުނިޔެއަށް ގިނަ ކޮށް ފަޟީހަތް ކުރުން ދިވެހިރާއްޖޭގައި އާއްމު ވެފައި އޮތް ކަމެވެ. މީޑިޔާގެ ނަމުގައި ސިޔާސީ ޕްރޮޕެގެންޑާ މެޝިންތައް ހަދައިގެން، ތެދާއި ދޮގާއި ބައިތެދު އެއް ކޮށްގެން ރައްޔިތުންނަށް އޮޅުވައިލުމުގެ ބޮޑެތި ޖަރީމާތައް ރޯމާ ދުވާލު، ރީތި ކުލަކުލައިގެ ސޫޓު ލައިގެން ތިބޭ މީހުން ކުރަމުން އަންނަ ކަމެވެ. މި މައްސަލަޔަށް ހައްލު ހޯދާން ޖެހޭކަން އެއީ ބަހުސަކަށް ޖާގަ ނެތް މިންވަރަށް ސާފު ކަމެކެވެ. ޖިނާއީ އަދުލުގެ ނިޒާމުން އަދަބު ކަނޑައަޅައިގެން ވެސް އަބުރުގެ ހައްގަކީ ރައްކައުތެރި ކޮށްދެވޭން ޖެހޭ ހައްގެކެވެ.

މިހާރު އަބުރު ރައްކައުތެރި ކުރުމުގެ ގާނޫނު އުވައިލާން މަސައްކަތްތަކެއް ކުރެވެމުން ދާ އިރު، އެ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް މި ދެންނެވި ކަންކަމަށް ވިސްނުން ބެހެއްޓެވުން މުހިއްމު ކަމަށް ފެނެއެވެ. އަބުރުގެ ގާނޫނުގައި ވެސް، އަދި އެހެން ގާނޫނުގައި ވެސް އިސްލާހު ކުރާން ޖެހޭ ކަންކަން ހުރި ނަމަ، އިސްލާހު ކުރާން ވީއެވެ. ނަމަވެސް އެ ގާނޫނު އުވައިލައިގެން މުޅި މުޖުތަމައު ފަސާދައިގެ ތެރެޔަށް ވައްޓައިލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

comment ކޮމެންޓް