މެމްބަރު އަބުޅޯގެ ގޮނޑި ނުގެއްލޭކަމަށް ހުކުމް ކޮށްފި

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަބްދުﷲ އަހްމަދު (އަބުޅޯ)ގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މެމްބަރު އަބްދުﷲ އަހްމަދު ޕީޕީއެމްއިން ވަކިވުމަށް ސިޓީ ލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ޕީޕީއެމްއިން އޭނާ ވަކިކޮށް، އިލެކްޝަންސް ކޮމިޝަނަށް އެންގީ 28 އޯގަސްޓް 2017 ގައެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމްއިން ވަކިވުމަށްޓަކައި އަބުޅޯ އެ ޕާޓީއަށް ސިޓީ ލާފައިވަނީ 10 ޖުލައި 2017 ވަނަ ދުވަހު ކަމަށާއި، އެ މަހުގެ 13 ވަނަ ދުވަހު ސިޓީއެއް މެދުވެރިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށްވެސް އަންގާފައިވާ ކަމަށެވެ.

ހުކުމުގައި ބުނީ މެމްބަރުކަމުން ވަކިވުމަށް ސިޓީލާ ހިސާބުން އެ މީހަކު މެމްބަރުކަމުން ވަކިވާނެކަމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަރަށް ސަރީހަ އިބާރާތުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން 28 އޯގަސްޓް 2017 ވަނަ ދުވަހު އަބުޅޯ ޕީޕީއެމްއިން ވަކިކުރިކަން އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެންގި ނަމަވެސް، ގާނޫނީ ގޮތުން އޭނާ އެ ޕާޓީން ވަކިވި ކަމަށް ބެލެވޭނީ ޕީޕީއެމްއިން ވަކިވުމަށް އޭނާ ސިޓީ ލީ ތާރީހު ކަމުގައިވާ، 10 ޖުލައި 2017 ވަނަ ދުވަހުކަމަށް ހުކުމުގައި ވެއެވެ.

މީގެ އިތުރުން އެ ހުކުމުގައި ބުނެފައިވާ ގޮތުން، މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް މެމްބަރު އަބުޅޯއަށް ދިމާވެފައެއް ނުވެއެވެ.

އަބުޅޯގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ފަހެއް ސެޕްޓެމްބަރު 2017 ވަނަ ދުވަހުއެވެ. އޭރު އަބުޅޯގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަނުން ނިންމީ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވާގޮތަން ޕީޕީއެމްގެ ދަފުތަރުން އުުނިކޮށްފައިވާތީ އެވެ.

އޭނާއަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަބުޅޯ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

comment ކޮމެންޓް