ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ގާނޫނު އަސާސީއާ އެއްގޮތަށް: ސިރިސޭނާ

ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އިއްޔެ ގައުމާ މުހާތަބު ކުރައްވާފަ --

ކޮލަމްބޯ (އޮކްޓޯބަރު 29): ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ލަންކާގެ ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އައްޔަން ކުރީ އެމަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް މަގާމުން ދުރުކުރުމަށް ފަހުގައެވެ. ނަމަވެސް ރަނިލްއާއި އޭނާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިން ވަނީ ސިރިސޭނާ އެފަދައިން އަމަލު ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެފައެވެ.

ނަމަވެސް އިއްޔެ ގައުމާ މުހާތަބު ކުރައްވަމުން ސިރިސޭނާ ވަނީ ރަނިލް މަގާމުން ދުރުކޮށް، ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

"(ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް) އައްޔަންކޮށްފައި ވަނީ ގާނޫނީ މާހިރުންގެ ލަފަޔާ އެއްކޮށް އަދި ގާނޫނު އަސާސީއާ އެއްގޮތަށް. އެއްވެސް މީހަކު އައްޔަން ކުރުމުގައި ނުވަތަ މަގާމުން ދުރުކުރުމުގައި ގާނޫނު އަސާސީ ހިލާފުވެފައި ނުވާނެ،" ސިރިސޭނާ ވިދާޅުވިއެވެ.

އަދި ސިރިސޭނާ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް އެގައުމުގެ އާ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

އިއްޔެގެ ހިތާބުގައި ސިރިސޭނާ ވަނީ ރަނިލްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރަނިލްއާއި އޭނާގެ އަރިސް ބޭފުޅުންނަށް އާއްމު ރައްޔިތުންގެ ޝުއޫރުތައް އެނގި ނުލައްވާ ކަމަށާއި، އެފަރާތްތަކުން ގައުމު ހިންގާފައި ވަނީ "ގޭމެއް ކުޅޭ ފަދައިން" ކަމަށް ވިދާޅުވެފައެވެ. އަދި ރަނިލް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ބޮޑެތި ނިންމުންތައް ނިންމެވީ މަޝްވަރާ ކުރެއްވުމަކާ ނުލައި ކަމަށާއި އޭގެ ސަބަބުން ސަރުކާރު ތެރޭގައި ގިނަ މައްސަލަތަކެއް އުފެދުނު ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސިރިސޭނާ ވަނީ ރަނިލް މަގާމުން ދުރުކޮށް، ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ގެންނަވަން ނިންމެވި މައިގަނޑު އެއް ސަބަބަކީ އޭނާ އަވަހާރަކޮށްލަން ރޭވި މައްސަލަ ރަނިލްގެ ސަރުކާރުން ސީރިއަސްކޮށް ނުނެގުން ކަމަށް ވިދާޅުވެފައެވެ.

"އެމައްސަލަ ތަހުގީގު ކުރަމުން ދިޔަ ސީނިއާ ފުލުހުން އެޓާނީ ޖެނެރަލްގެ ޑިޕާޓްމެންޓާ ބައްދަލު ކުރަން ދެކޮޅު ހެއްދެވި ކަމުގެ މައުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި،" ސިރިސޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެމައްސަލަ އާއި ލަންކާގެ ސިޔާސީ އަދި އިގުތިސާދީ ހާލަތަށް ބަލައި، އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ ރަނިލް މަގާމުން ދުރުކޮށް، އާ ސަރުކާރެއް އެކުލަވާލުން ކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވި ނަމަވެސް، ރަނިލް ވަނީ ގައުމުގެ ބޮޑުވަޒީރަކީ އަދިވެސް އޭނާ ކަމަށް ވިދާޅުވެފައެވެ. އަދި ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް