ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ޕާޓީ ބަދަލު ކުރާ ވާހަކައަކީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ވަނީ ވެފަ އެވެ. އެހެން އެކަން އޮއްވައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލު ނުވެވޭ ގޮތަށް ނުވަތަ ވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މިވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ގާނޫނު އުވާލަން ހުށަހެޅުއްވީ ގާނޫނު ފާސްކުރަން ވެސް ވޯޓު ދެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ހިޔާލުތައް ތަފާތުވެ ހޫނު ބަހުސްތަކަށް ވެސް ވަނީ ގޮސްފަ އެވެ. ބައެއް ގާނޫނީ ބޭފުޅުން ވެސް ގަބޫލުކުރާ ގޮތުން އެންޑި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހެ އެވެ. މަޖިލިސް މެމްބަރު އިންތިހާބުވާ ޕާޓީ ބަދަލު ކުރުމަކީ މައްސަލަ އެކެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވާ ގޮތުން އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ މަޖިލިސް މެމްބަރުންގެ ޓްރާންސްފާ މާކެޓު ހުޅުވުމެވެ. ފާއިޒް އެ ވިދާޅުވާ ވާހަކަތަކަށް ބާރު ލިބޭ ކަންކަން މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ފިކުރަކަށް ގޮސް ހުސްވެފައި ތިބޭ މެމްބަރުން އެހެން ޕާޓީއަކުން ބޮޑު އަގެއް ކިޔާލާއިރަށް، އެންމެ ބޮޑު އަގު ކިޔާ ޕާޓީއަކަށް ބަދަލުވެ އެވެ. ޕާޓީ ބަދަލުކުރާ ދުވަސްވަރު ބޮޑެތި ގެ ގަންނަ ވާހަކަ އާއި ކާރުތައް ގަންނަ ވާހަކައަކީ ގައުމުގައި ދެކެވޭ ވާހަކަތަކެވެ. އަދި ހަގީތަގް ވެސް މެ އެވެ.
"އެންޓި ޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލި ކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ މަޖިލީސް މެމްބަރުންގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުން. ނުހައްގު މުއްސަނދި ކަމަށް ޖާގަ ދިނުން." ފާއިޒު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު މަހުފޫޒު ސައީދުގެ ހިޔާލު އެކަމުގައި ތަފާތެވެ. މަހުފޫޒު ވިދާޅުވާ ގޮތުން އެންޑި ޑިފެކްޝަން ގާނޫނަކީ އެންމެ ފުރަތަމަ ކަމަކަށް ގާނޫނު އަސާސީއާ ހިލާފަށް އުފައްދާފައިވާ ގާނޫނެކެވެ. ގާނޫނުއަސާސީގައި ވަކި ކަމެއް ވަކިގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް ގާނޫނަކުން އެކަން ބަދަލު ނުކުރެވޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައި އެބައޮވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކި ވާނީ ކިހިނެތް ވީމަކަން. އެހެން އެކަން އޮއްވައި ގާނޫނަކުން އެކަން ބަދަލެއް ނުކުރެވޭނެ." މަހުފޫޒު ވިދާޅުވި އެވެ.
ނަމަވެސް މެމްބަރުންނަށް ހުރިހާ ބާރެއް ލިބިދެވޭ ގޮތަށް، ބޭނުންވީމަ ޕާޓީ ބަދަލުކުރެވޭ ގޮތަށް ވޯޓުތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ނެގޭ ގޮތަށް އޮތްއޮތުމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް މަހުފޫޒު ވިދާޅުވި އެވެ. ނަމަވެސް އެ ހައްލަކީ އެންޓި ޑިފެކްޝަން ގާނޫނު ނޫންކަމަށް ވެސް ވިދާޅުވި އެވެ. އިންތިހާބުވާ ޕާޓީން ބޭނުންވާ ގޮތަކަށް ވޯޓު ނުދިނީމަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ރައްޔިތުންގެ މަންދޫބު ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
"ޕާޓީތަކަށް މަޖިލީހުގެ މެމްބަރުން ވަކިކުރެވޭ ގޮތަށް އޮތީމަ ގައުމުގެ ހުރިހާ ބާރެއް މި އޮންނަނީ ހަތަރު ފަސް މީހެއް [ޕާޓީތަކުގެ ލީޑަރުންގެ] އަތްމަތީގައި. ޕާޓީން ބުނާ ގޮތަކަށް ވޯޓު ނުދީފިއްޔާ މެމްބަރު ކަމުން ވަކިކުރަން ބިރުދައްކާ." ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވި އެވެ.
ޓްރާންސްފާ މާކެޓަށް އޮތް ހައްލެއް ކަމަށް މަހުފޫޒު ދެކިވަޑައިގަންނަވަނީ މެމްބަރު އިންތިހާބު ކުރާ ރައްޔިތުންނަށް އެކަމުގައި ބަސް ކިޔޭ ގޮތަށް އޮތުމެވެ. މިސާލެއް ގޮތަށް ދެއްކެވީ 2015 ވަނަ އަހަރު ޔޫކޭގެ ޕާލިމެންޓުން ފާސްކޮށްފައިވާ "ރިކޯލް އޮފް އެމްޕީސް އެކްޓް" އެވެ.
ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ އެ ގާނޫނުގައި ވާގޮތުން އެ ދާއިރާއަކަށް ވޯޓު ލެވޭ މީހުންގެ 10 ޕަސެންޓް މީހުން މެމްބަރުގެ އިތުބާރު ނެތްކަމަށް ސޮއިކޮށް ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އަދި އެ ދާއިރާގެ ބައި އިލެކްޝަނަކަށް އަލުން ދާން ޖެހޭ ގޮތަށް އެ ގާނޫނު ވަނީ އެކުލަވާލައިފަ އެވެ. މަހުފޫޒު ވިދާޅުވީ އެއީ ރާއްޖެއަށް ގެނައުމަށް އޭނާއަށް ފެންނަ މެކޭނިޒަމެއް ކަމަށެވެ.
ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވާ ގޮތުން ވިޕްލައިނާ ހިލާފުވެގެން ނުވަތަ ޕާޓީން ބޭނުންވާ ގޮތަށް ވޯޓު ނުދީގެން މެމްބަރު ޕާޓީން ވަކިކުރެވޭ ގޮތަށް އޮތުމަކީ މައްސަލައެކެވެ. އަދި ހިޔާލު ތަފާތުވެ އުސޫލީ ގޮތުންނާއި މައުނަވީ ގޮތުން ގަބޫލު ނުކުރެވޭ ޒާތުގެ ކަންކަން ޕާޓީތަކުން ކުރާ ނަމަ މާލީ ފައިދާއެއް ނުވާ ގޮތަށް ހަމައެކަނި އުސޫލުތަކަށާއި އަސާސްތަކުގެ މައްޗަށް ބިނާކޮށް މެމްބަރު ޕާޓީ ބަދަލުކުރުމަކީ މައްސަލައެއް ނޫނެވެ.
ކޮންމެއަކަސް މެމްބަރުންގެ ޕާޓީ ބަދަލުކުރުމާއި އިންތިހާބު ކުރާ ރައްޔިތުންގެ ރޫހާ ހިލާފަށް އަމަލު ކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށް މިވަނީ ވެފަ އެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ކޮޅު ބަދަލުކުރުމަކީ ވެސް ރައްޔިތުންގެ ކަންބޮޑު ވުމެކެވެ. އެކަމަށް ހައްލު ހޯދަން އެބަޖެހެ އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލާނަމަ އެހެން ގޮތަކުން އެކަމަށް ހައްލު ހޯދަން ޖެހެ އެވެ.