އިބްރަހިމޮވިޗް އެނބުރި މެންޔޫއަށް އަތުވެދާނެތަ؟

އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ސްވިޑެން ތަރި ޒްލަޓަން އިބްރަހިމޮވިޗް-- ފޮޓޯ: ގެޓީ

މެންޗެސްޓަރ ޔުނައިޓެޑަކީ އަދިވެސް އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، މިދިޔަ ސީޒަން ނިމުނު އިރު ކްލަބު އޮތީވެސް ހަމަ ރަނގަޅު ފޯމެއްގައެވެ. މި ސީޒަނަށް ކުރިމަތިލީ މިދިޔަ ސީޒަނުގެ ލީގުގެ ދެވަނައިގެ ގޮތުގައި މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއްވެސް ހޯދައިގެންނެވެ. ނަމަވެސް މިހާރު އެ ކްލަބުން ގުނަމުން ދަނީ އަނެއްކާވެސް ދަތި ދުވަސްތަކެކެވެ. ލީގު ތާވަލަށް ބަލާއިރު، މިވަގުތު ޔުނައިޓެޑް އޮތީ 14 ޕޮއިންޓާއެކު 10 ވަނައިގައެވެ. ކުޅުނު 9 މެޗުގެ ތެރޭން 3 މެޗުން ބަލިވެފައިވާއިރު މޮޅުވީ 4 މެޗުންނެވެ.

މިފަހަކަށް އައިސް ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ، ލަނޑު ނުޖެހޭ މައްސަލައެވެ. ރޮމެލޫ ލުކާކޫ، މަކަސްރަޝްފަރޑް، އެލެކްސް ސަންޗޭޒް ފަދަ ވަރުގަދަ ތަރީންނާއެކުވެސް ނަތީޖާ ނެރުމުގައި ކްލަބު ވަނީ މާޔޫސީ ހާލަތެއްގައެވެ.

ޔުނައިޓެޑްގެ ފޯވާޑްލައިން އެ ކުޅުންތެރިއަކަށް ބަރޯސާވާ، ލުކާކޫއަށް އޭނާ އެންމެ ފަހުން ކުޅުނު އަށް މެޗުގައިވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، މޮރީނިއޯ ގަބޫލުކުރާ ގޮތުން ޓީމުގެ މިހާރުގެ ހާލަތަށް ބަލާއިރު، ލުކާކޫއަށް ރެސްޓެއް ދެވޭކަށްވެސް ނެތެވެ. އެހެންކަމުން އިތުރު "ޗޮއިސް"ތަކެއް ހޯދަން އެބަޖެހެއެވެ.

ވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަހު، ޔުނައިޓެޑާގުޅޭގޮތުން ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި، އެޓީމުގެ ކުރީގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް އެނބުރި އަތުވެއްޖެ ނަމަ، ޔުނައިޓެޑްގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަތުދެދާނެކަމަށް ވާހަކަ ދެކެވުނެވެ. އަދި އެކަމަށް ޔުނައިޓެޑުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

އެމެރިކާގެ ލޮސްއެންޖަލްސް ގެލެކްސީ ނުވަތަ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ސްވިޑެން ތަރި ޒްލަޓަން އިބްރަހިމޮވިޗް، އޭނާގެ ކުރީގެ ކްލަބު މެންޗެސްޓަރ ޔުނައިޓެޑާ އަލުން ގުޅިދާނެތޯ މިއީ މިދުވަސްވަރު ގަދައަށް ދެކެވޭ ވާހަކައެކެވެ. އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ނިމެން ގާތްވެފައިވާއިރު، ގެލެކްސީއަށްވެސް ބާކީ އޮންނާނީ އެންމެ މެޗެކެވެ. އެހެންކަމުން ސީޒަން ނިމުމުން، ޖެނުއަރީ ޓްރާންސްފަރގައި، އިބްރަހިމޮވިޗް ލޯނު އުސޫލުން ޔުނައިޓެޑާ ގުޅޭން އުޅޭކަމަށް އަޑުތައް ފެތުރުނީއެވެ.

ނަމަވެސް އެ ސުވާލަށް މިވަނީ ޖަވާބު ލިބިފައެވެ. "މެޓްރޯ ޔޫކޭ"ގައި ބުނެފައި ވާގޮތުން، ޖެނުއަރީ ޓްރާންސްފަރގައި އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅިދާނެތޯ ސުވާލުކުރުމުން ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، "ނޫން" ކަމަށެވެ.

މީގެ އިތުރުން އުމުރުން 37 އަހަރުގެ ފޯވާޑް، އިބްރަހިމޮވިޗްވެސް ވަނީ އޭނާ އެހެން ދިމާއަކަށް ދާން މިވަގުތު ބޭނުން ނުވާފަދަ މޭރުމަކުން ވާހަކަ ދައްކައިފައެވެ. އެގޮތުން އޭނާ މިވަގުތު ހުރީ، މަސައްކަތުގެ ވަގުތާ، އަރާމުކޮށްލާން ލިބޭ ހުސްވަގުތާ ވަރަށް ބޮޑަށް ހަމަހަމަވާ ހާލަތެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަނިޔާގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް، މާކަ ގިނަ ދުވަސްތަކެއް ނުވާ ކަމަށާއި، އަދި އޭނާގެ އުމުރާ ބަލާފައި އެހާ ބުރަކޮށް މަސައްކަތް ކުރާން ބޭނުން ނުވާކަމަށްވެސް އިބްރަހިމޮވިޗް ބުނެފައިވެއެވެ.

comment ކޮމެންޓް