އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާކަމަށް ކަނޑައާޅާފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީގެ ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މިދެ މައްސަލައިގެ އަޑުއެހުންތައް މިއަދު ސުޕްރީމު ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ދެން މި މައްސަލާގައި އޮންނާނީ ހުކުމް ކުރުމެވެ. ޝަހުދީ އާއި މުހަންމާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގައެވެ. މި ދެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުން އެދެބޭފުޅުންގެ މައްސަލަ ބެލުމަށްފަހު ޕީޕީއެމް އިން ވަކިކުރުމުންނެވެ.
މި ފިޔަވަޅު އެޅިއިރު އެ ދެމެންބަރުން ޕީޕީއެމް އިން ވަކިވާން ވަނީ ހުށަހަޅައިފައެވެ.
މިއަދުގެ އަޑުއެހުމުގައި މެންބަރުންގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މެންބަރަކު ޕާޓީއިން ވަކިވާނެ ގޮތް ކަނޑައަޅަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުގައި ކަމަށް ކަނޑައަޅާފައިވާކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން އެދޭ ހިސާބުން ޕާޓީއިން ވަކިވާނެ ކަމަށެވެ. އެހެންކަމުން ޖުލައި 10 ވަނަ ދުވަހު ސިޓީ ހުށަހެޅުމާއެކު ދެ މެންބަރުންނަކީ ޕީޕީއެމްގެ މެންބަރަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހަސަން ޒަކަރިއްޔާ ވިދާޅުވީ މެންބަރުން ޕާޓީއިން ވަކިވާން ހުށަހަޅައި އެކަން އިލެކްޝަން ކޮމިޝަނަށް އެންގުމުން އެ މެންބަރުން ޕާޓީއިން ވަކިވުމުގެ ކަންކަން ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ. އެ އެންގުން އެންގީ ޖުލައި 12 ގައި ކަމަށާއި އެންގުން އެންގި ފަހުން މެންބަރުންގެ ގޮނޑި ގެއްލޭނެ އާ އުސޫލުތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅިކަން އޭނާ ފާހަގަކުރެއްވި އެވެ.