މިލޭނިއަމް ޔޫތު ކޭމްޕުގައި ރާއްޖެއިން ބައިވެރިވާ 15 ޒުވާނުން ކަނޑައަޅައިފި

ސްރީލަންކާގައި ބާއްވާ މިލޭނިއަމް ޔޫތު އެމްބަސެޑާސް ކޯޗިން ކޭމްޕުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ 15 ޒުވާނުން ހޮވައިފިއެވެ.

ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވަން ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ހިންގި މިލޭނިއަން ޔޫތު ލީޑާސް ދެވަނަ ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބަނޑޮސް މޯލްޑިވްސްގައި ވަނީ ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި، ރަފީއިން ރާއްޖޭގައި ބޭއްވި މިލޭނިއަމް ޔޫތު ލީޑާސް ކޭމްޕުގެ ބައިވެރިންގެ ތެރެއިން 15 ޒުވާނަކު ވަނީ ހޮވާފައެވެ.

އެ 15 ޒުވާން އެމްބެސެޑަރުންނަކީ ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލްއާއި، ރަފީ ޖަމިއްޔާ ގުޅިގެން މިއަންނަ މަހު ތެރޭގައި ކޮލޮމްބޯގައި ބާއްވާ މިލޭނިއަމް ޔޫތު އެމްބެސެޑާސް ކޯޗިން ކޭމްޕުގައި ރާއްޖެ ތަމްސީލުކޮށްދޭނެ 15 ޒުވާނުންނެވެ.

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި، ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެ ޖަމިއްޔާ ފަރާތުން ޒުވާނުނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، ޒުވާނުން ބާރުވެރިކޮށް މުޖްތަމައުއަށް ބޭނުންތެރި ޒުވާން ޖީލެއް ބިނާކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ޒުވާނުންނަކީ މުސްތަގުބަލުގެ އުންމީދު ކަމަށެވެ.

މިލީނިއަމް ޔޫތް ކޭމްޕްގެ ނިންމުމެގެ ރަސްމިއްޔާތުގައި ރަފިއްޔާ ވާހަކަ ދައްކަވަނީ -- ފޮޓޯ -- ސަން

"އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޒުވާނުން މިއަދު ތައްޔާރުކުރަން ޖެހޭނީ ހަމައެކަނި ވަޒީފާގެ ފުރުސަތުތަކަށް ނޫން ކަމަށް. މުޖުތަމައު ނަގަހައްޓާނެ، މާދަމާގެ ލީޑަރުނަށް އެ ކުދިން ހަދައިދޭންޖެހޭ،" ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

(ކ) އުރީދޫ ސީއީއޯ، ނަޖީބް، (މ) އެންމެ މޮޅު ބައިވެރިޔާ، އަޒީމާ، (ވ) ރަފީގެ ރައިސް ރަފިއްޔާ -- ފޮޓޯ/ސަން

މި އަހަރުގެ އެ ކޭމްޕްގެ އެންމެ މޮޅު ބައިވެރިޔަކަށް ހޮވުނީ އައިމިނަތު އަޒީމާއެވެ. އޭގެ އިތުރުން އެންމެ މޮޅު ފަސް ބައިވެރިން ވަނީ ހޮވާފައެވެ. އަދި އެ ކޭމްޕަށް އެކި ގޮތްގޮތުން އެހީ އެހީތެރިވެދެއްވި ފާރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑު ދީފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވީ އޫރިދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ހާން އެވެ. އޭގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަޑައަޅާފައިވާ އެމްބަސަޑަރު އަކިލޭޝް މިޝްރާވެސް ބައިވެރިވަޑައިގެންނެވިއެވެ.

comment ކޮމެންޓް