ޕީޕީއެމް އުވާލަން މަޝްވަރާއެއް ނުކުރަން: އީސީ

ޕީޕީއެމްއިން ސެޕްޓެމްބަރު މަހު ބޭއްވި އެޕާޓީގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް / ޓްވިޓާ

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ކޮމިޝަނުން މިރޭ ދޮގުކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސިއްދީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ޕީޕީއެމް އުޥާލަން މަޝްވަރާކުރަމުން ދާކަމުގެ ޚަބަރު ވަރަށް މުއުތަބަރުކޮށް ލިބިފައިވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން އަޑު އުފުލަންޖެހޭ ކަމަށެވެ.

ސަންގުޓީވީގައި ރޭ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ޕީޕީއެމް އުވާލުމާބެހޭ އެއްވެސް މަޝްވަރާއެއް އިލެކްޝަންސް ކޮމިޝަނުގައި ދައްކާފައި ނުވާނެކަމަށާއި، ކަމެއް ހާސިލުކުރުމަށް ވާހަކަ ހަދާލައިގެން ކޮންމެ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ.

"ތި ޚަބަރު ފެތުރިގެން އައީ ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުމާއި ބިރުކަން އުފެއްދުމަށް. މަގާމުގެ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ވާހަކަތަކެއް ފެތުރުމަށް،" އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު ތުހުމަތުކުރެއްވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ޕާޓީއެއް އުވާލުމާ ގުޅޭގޮތުން މަޝްވަރާއެއް ކޮށްފައި ނުވާ އިރު، ޕާޓީއެއް އުވާލަން އެދި އެއްވެސް ބަޔަކު ޝަކުވާއެއްވެސް ކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ.

29 ސެެޕްޓެމްބަރ 2018: ރިޔާސީ އިންތިހާބްގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެކަމަކު ޕާޓީތަކުން ކުރާ ގާނޫނާ ހިލާފު ކަންކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކޮށްފައި ވަނީ. އަޅުގަނޑުމެން މިހާރުވެސް ޝަކުވާ ބަލައިގަންނަން. ގާނޫނާ ހިލާފު ކަންކަމާ ގުޅޭގޮތުން ފިޔަވަޅުވެސް އަޅާނަން،" އަކްރަމް ވިދާޅުވިއއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕަޓީއެއް އުވާލާނަމަ، އެ ޕާޓީއެއް އުވާލާނީ ގާނޫނުގައި އޮންނަ އިޖުރާއަތްތަކާ އެއްގޮތުގެ މަތިންނެވެ. އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް އެއްވެސް އިރަކު އިލެކްޝަންސް ކޮމިޝަނުން ނުކުރާނެކަމުގެ ޔަގީންކަން އެރުވިއެވެ.

އަކްރަމް ވަނީ އެކި ފަރާތްތަކަށް ހީވާ މައުލޫމާތުތަކުގެ ސައްހަކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"އެބޭފުޅުންނަށް ހީވާ މައުލޫމާތުތައް، ނުވަތަ ހީނުވިއަސް ވާހަކަ ހަދައިގެން ދެއްކުމުގެ ބަދަލުގައި މައުލޫމާތު އޮޅުންފިލުވުމަށް ގުޅާލަންވީ. ފޯނު ކުރިއަސް، ސިޓީއަކުން އެދުނަސް ނުވަތަ ބައްދަލުކުރަން ބޭނުންވިއަސް ކޮމިޝަނުގެ މެމްބަރުން މިތިބީ މައުލޫމާތު އެރުވުމަށް ތައްޔާރަށް،" އަކްރަމް ވިދާޅުވިއެވެ.

comment ކޮމެންޓް