ސީޒަންގެ "ކައުޝީ"އަށް ވީނުވީއެއް ނޭންގުނު!

"ކައުޝީ" ގެ ޕޯސްޓަރެއް...

ފިލްމީ ތަރި އަލީ ސީޒަންގެ ޑަރެކްޝަންގެ މައްޗަށް ސިންހަޅަ ފިލްމެއް "ކައުޝީ"ގެ ނަމުގައި ވުޖޫދުކުރަން އުޅުނު ވާހަކަ ކުރިން އޮތީ ކޮންމެވެސް ވަރަކަށް ދެކެވިފައެވެ. ނަމަވެސް މިހާރު އެ ފިލްމުގެ މަސައްކަތަށްވެފައި އޮތް ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭންގެއެވެ.

ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ހަދާ އެ ފިލްމުގެ ޝޫޓިން ކުރިޔަށް ގެންގޮސްފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ. އެ ފިލްމުގެ ޕްރޮޑިއުސްކުރަނީ ލަވަކިޔުންތެރިޔާ އިބްރާހީމް ނިފާރާއި މުހައްމަދު ނަޝީދެވެ.

ފިލްމަށް ވީގޮތެއް ބަލާލަން ގުޅާލީ ސީޒަން އަށެވެ. ސީޒަން ވަނީ ބައެއް ވާހަކަތައް "ސަން"އާ ހިއްސާކޮށްފައެވެ.

ސީޒަންގެ "ކައުޝީ" ގެ މަންޒަރެއް---

"އަސްލު ޑައިރެކްޓަަރެއްގެ މަސައްކަތް ނިމޭނެތާ ޝޫޓިން ނިމޭ ހިސާބުން، ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ބުނެލާނީ އެ ފިލްމުގައި އަޅުގަނޑު ކުރަން ޖެހޭ މަަސައްކަތް އޮންނާނީ ނިމިފައޭ،" ދިވެހި ފިލްމު "ޖިންނި"ގެ ބަތަލު ސީޒަން ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސީޒަން ބުނީ، ކުރިން ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވީ ނަމަވެސް މިހާރު އޭނާއަކީ ޕްރޮޑިއުސަރެއް ނޫން ކަމަށެވެ. ސީޒަން ބުނީ އެ ފިލްމުގައި ފެނިގެންދާނީ މުޅިން ވެސް ލަންކާ މީހުން ކަމަށެވެ.

މިދިޔަ އަހަރު ވަނީ އެެ ފިލްމުގެ ޓްރެއިލާ އެއްވެސް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ. ޓްރެއިލާއިން ވެސް ހީބިހި ނަގައިގެންދާވަރުގެ ބިރުވެރި މަންޒަރުތައް ފެނެއެވެ.

"އުޅުނިން ފިލްމު އެ ބޭފުޅުން އަތުން ގަންނަން ވެސް، ބޭނުންވި އަސްލު ފިލްމު ރިލީޒްކުރަން، އެއީ ތަރިން ވެސް ބޭނުންވާނެތާ އެމީހުން ކުރި މަސައްކަތް ބެލުންތެރިންނަށް ދައްކަން،" ސީޒަން ފާހަގަކުރިއެވެ.

ސީޒަން ބުނީ އެ ފިލްމަކީ އޭނާ ޑައިރެކްޓްކުރި ފިލްމެއް ކަމުގައި ވިޔަސް ފިލްމު ރާއްޖޭގައި ދެއްކުމުގެ ހިޔާލެއް އަދި ނެތް ކަމަށެވެ.

ސީޒަންގެ "ކައުޝީ" ގެ މަންޒަރެއް---

"ކައުޝީ"ގެ ކެމެރާކޮށްފައި ވަނީ ތަޖުރިބާކާރު ކެމެރާމަން މުހައްމަދު ޝިވާޒް (މާސްކޭ) އެވެ. އަދި ފިލްމު އެޑިޓްކޮށްފައި ވަނީ އަލީ މުސްތޮފާ (ސެމީ)އެވެ.

މިހާރު ފިލްމުގެ މަސައްކަތް މަޑުޖެހިފައި އޮތަސް ފިލްމުގެ ޕްރޮޑިއުސަރުން އެ ފިލްމު ކޮންމެސް ދުވަހަކުން ރިލީޒްކުރުން އެއީ ސީޒަންވެސް ކުރާ ވަރަށް ބޮޑު އުންމީދެކެވެ.

comment ކޮމެންޓް