ސީރިއާގައި ރަޝިއާ ކުރާ މަސައްކަތަކީ އެގައުމު ބިނާކޮށްދިނުން: ޕޫޓިން

ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއި މިސްރުގެ ރައީސް އަބްދުލްފައްތާހު ސީސީ ---

މޮސްކޯ (އޮކްޓޯބަރ 17) : ސީރިއާގެ ސަރަހައްދުތަކުގެ ތެރެއިން 80 ޕަސަންޓު އޮތީ ހަނގުރާމަ ނުހިނގާ އަމާން ސަރަހައްދުތަކުގެ ގޮތުގައި ކަމަށާ އެހެންކަމުން ސީރިއާގައި ރަޝިއާ މިހާރު އަދާކުރާ މައިގަނޑު ދައުރަކީ އެގައުމު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާއަށް ވަޑައިގެން އުޅުއްވާ މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީއާ ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޕޫޓިން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ގެދޮރުން ބޭރުވެފައިވާ ސީރިއާގެ ރެފިއުޖީންނަށް އަލުން އަނބުރައި އެމީހުންގެ ވަޒަނަށް އާދެވޭނީ އެމީހުންގެ ގެދޮރާއި އިންފްރާސްޓްރަކްޗަރ އަލުން ބިނާކޮށް އާރާސްތުކޮށްގެން ކަމަށާ އެކަމުގައި ރަޝިއާގެ ކުންފުނިތައް މުހިންމު ދައުރެއް އަދާކުރާ ކަމުގައެވެ.

މީގެ އިތުރުން ސީރިއާގައި އައު ދުސްތޫރެއް އެކުލަވާލުމަށް ބޭނުންވާ ދުސްތޫރީ ކޮމިޓީ އެކުލަވާލުމަށްވެސް ރަޝިއާއިން ސީރިއާ ސަރުކާރަށް އެހީތެރިވަމުން ގެންދާކަމަށް ޕޫޓިން ވިދާޅުވިއެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީއާއި ޕޫޓިން ކުރެއްވި މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ ސީރިއާގެ މައްސަލަ ސުލްހަވެރި ގޮތުގައި ހައްލުކުރުމުގައި ސީރިއާ ސަރުކާރަށް އެހީތެރިވުމަށާއި ސީރިއާ ސަރުކާރާއެކު ވިލަރެސްކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ގަދަބާރުން ވައްޓާލުމުގެ މަގްސަދުގައި ސީރިއާގެ ހަނގުރާމަ ފެށި ބޭރުގެ މަދަދު ލިބޭ ޖަމާއަތްތައް ވަނީ އަސްކަރީ ގޮތުން ބަލިވެފައެވެ. އެ ޖަމާއަތްތައް މިހާރު ހަރަކާތްތެރިވަނީ ސީރިއާގެ ހަމައެކަނި ދެ ސަރަހައްދު ކަމަށްވާ އިދްލީބާއި އަފްރީންގައެވެ.

ސީސީ ރަޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ވްލަޑިމީރު ޕޫޓިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޕޫޓިންއާ ބައްދަލުކުރެއްވުމުގެ ކުރިން ސީސީ ވަނީ ރަޝިއާގެ ޕާލަމެންޓުގެ މަތިގެ ކަމަށްވާ ކައުންސިލް އޮފް ދަ ރަޝިއަން ފެޑަރޭޝަންގައި ތަގްރީރެއް ދެއްވާފައެވެ.

ކައުންސިލް އޮފް ދަ ރަޝިއަން ފެޑަރޭޝަނަކީ ރަޝިއާގެ އިއްތިހާދީ ވެރިކަމުގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ މަންދޫބުން ތިއްބަވާ އިއްތިހާދީ އެންމެ މަތީ ކައުންސިލެވެ. ސީސީގެ ދަތުރުފުޅުގައި މިސްރާއި ރަޝިއާއާ ދެމެދު ސްޓްރެޓީޖިކް ގުޅުންތައް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް އިގްތިސާދާއި ވިޔަފާރިއާ އަދި އިންވެސްޓްމަންޓާ ބެހޭ އެތައް އެއްބަސްވުމެއްގައި ދެ ގައުމުގެ މަސްއޫލުވެރިން ވަނީ ސޮއިކުރައްވާފައެވެ. (ސްޕަޓްނިކް)

comment ކޮމެންޓް