ކޯޓަށް ދިއުމަކީ ފަސޭހަކަމެއްނޫން، އެކަން ކުރަން މަޖުބޫރުވީ: ނިހާން

ނިހާން އާއި ޒަމީރު ރޭގެ ޕްރޮގްރާމުގައި --- ފޮޓޯ: ޓްވީޓާ

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ކޯޓަށް ދިޔުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަން ކުރީ މަޖުބޫރުވެގެން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިހާން ރޭ ވިދާޅުވީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ކޯޓަށް ދިޔައީ ރައްޔިތުންގެ ޝަކުވާތަކުގެ ސަބަބުން ކަމަށެވެ.

އިންތިހާބު ބާތިލުކުރުމަށް ސުޕްރީމު ކޯޓަށް މައްސަލަ ހުށަހެޅީ އެ މައްސަލައަށް އެންމެ އަވަސްފަރުވާ އެއް ލިބެން އޮތީ އެ ކޯޓުން ކަމަށް ވާތީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އިންތިހާބު އޮޅުވާލަފާނެ ކަމުގެ ވާހަކައާއި އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ ވާހަކަތައް ދެއްކީ އިދިކޮޅުން ކަމަށެވެ. އިންތިހާބުގެ ސައްހަކަން ކަނޑައެޅުމަށް ކޯޓަށް ދިޔުމުން އޮތީ ކޮން މައްސަލައެއްތޯ ނިހާން ސުވާލު ކުރެއްވި އެވެ.

"[އިންތިހާބު ސައްހަތޯ] ބަލަން އިދިކޮޅު މީހުން ދެކޮޅު ހަދަނީ ކީއްވެތޯއޭ؟ ކެތްތެރިކަމާ އެކު މަޑުކޮށްލަންވީ ނޫންތޯ ގޯހެއް ހަދާފައި ހުރިތޯ ބަލަން،" ނިހާން ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ބާތިލުކޮށްފި ނަމަ ރިޔާސީ ކެމްޕެއިނަށް ޕީޕީއެމް އިން މަސައްކަތް ފަށާނެ ކަމަށެވެ. ނަތީޖާ ބާތިލު ނުކޮށްފި ނަމަ އާންމު އިންތިހާބަށް ތައްޔާރުވާން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ވެސް ނަތީޖާ ބާތިލުކުރުމަށް ރައީސް ޔާމީން ކޯޓަށް ވަޑައިގަތީ ނަތީޖާ އާ ގުޅިގެން އުފެދުނު މައްސަލަތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް