ސެމްސަންގުގެ ފަތްޖަހާލެވޭފޯނު ޖީބަށް ލެވޭ ޓެބްލެޓަކަށް

ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނުގެ ސާމްޕަލް އެއް ---

ފަތް ޖަހާލެވޭ ފޯނެއް އުފެއްދުމަށް ސެމްސަންގުން ކުރާ މަސައްކަތުގެ އަޕްޑޭޓެއް މިވަނީ ލިބިފައެވެ.

އެކުންފުނީގެ މޯބައިލް ހެޑް ޑީޖޭ ކޮހް ބުނެފައިވަނީ ފޯލްޑެބްލް ފޯނު ނުވަތަ ފަތްޖަހާލެވޭ ފޯނު ޓެބްލެޓެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

ފަތްޖަހާލެވޭ ފޯނެއް އުފައްދާނެކަމަށް ސެމްސަންގުން ބުނެފައި ވަނީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް އެ ކުންފުނިން ދަނީ މި ފޯނު ނެރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭރު އާންމުކުރި ވީޑިއޯއެއްގައި ވަނީ ފަތްޖަހާލެވޭ ފޯނެއް ދައްކާލައިފައެވެ. ޓެބްލެޓެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު ފަތް ޖަހާލާ ފޯނެއްގެ ގޮތުގައި ބޭނުން ކުރެވޭތަން ފެނެއެވެ.

ކޮހް ބުނެފައި ވަނީ ފަތްޖަހާލެވޭ ފޯނު ވާނީ ހާއްސަ ޑިވައިސްއަކަށް ކަމަށެވެ. އެ ފޯނުގައި ކަސްޓަމަރުންނަށް ބޭނުންވާނެ ފީޗާތައް ހިމަނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސެމްސަންގުގެ އިތުރުން ވާވޭ، ލެނޯވޯ، ޝޯމީ ފަދަ ކުންފުނިތަކުން ވެސް މިހާރުވަނީ ފަތްޖަހާލެވޭ ފޯނެއް އުފެއްދުމަށް މަސައްކަތް ފަށައިފައެވެ. ވާވޭއިން ވަނީ ފަތްޖަހާލެވޭ ފޯނުތަކެއް ލިމިޓެޑް ކޮށް އަންނަ އަހަރު ނެރޭނެ ކަމަށް ވެސް ބުނެފައެވެ.

ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހު ބާއްވާ ޑިވެލޮޕާސް ކޮންފަރެންސްގައި އާންމު ކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް