ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ރާއްޖެވަޑައިގަތުމުގެ ދައުވަތު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވައިފި އެވެ.
ޕާކިސްތާނުގެ ހަބަރުތައް ބުނާ ގޮތުން އިމްރާން ހާން ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައި ވަނީ އިންތިހާބީ ރައީސް އިބޫ އަށް މަރުހަބާ ދެންނެވުމަށް ކުރެއްވި ފޯނު ކޯލުގެ ތެރެއިންނެވެ. ދެ ފަރާތަށް ފަސޭހަ ވަގުތެއްގައި އިމްރާން ހާން ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި އިމްރާން ހާން ވަނީ އިބޫގެ ދައުވަތު ގަބޫލުކުރައްވާފައިކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އިންތިހާބީ ރައީސް އިބޫ އަށް މަރުހަބާ ދަންނަވައި އިމްރާން ހާން ވަނީ އިބޫގެ ވެރިކަމުގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
އިބޫގެ ވެރިކަމުގައި ރާއްޖެ އިތުރު ހަރުފަތަކަށް ކުރިއަށް ގޮސް ތަރައްގީވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އިމްރާން ހާން ވަނީ ވިދާޅުވެފަ އެވެ.