ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު، ލަންކާގެ ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ލަންކާއަށް މިހާރު ކުުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި މި ޒިޔާރަތުުގައި ކުރެވުނު މަޝްވަރާގައި ޚަލީލްވަނީ ނިމުނު އިންތިޚާބުތަކުގައި ހޯދުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ޚަލީލް ވަނީ ރާއްޖޭގެ ތަރައްގިއަށް ސްރީލަންކާގެ ފަރާތުން ދެގޮތެއްނެތި ވެދޭ އެހީތެރިކަމަށް ޝުކުރު އަދައިކުރައްވައިފައެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްގީކޮށްދިނުމުގައި ވެދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
އަދި ގިނަ އަދަދެއްގެ ދިވެހީންނަށް ލަންކާގައި އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިވެފައި އޮތަތީ އެކަމަށް ވެސް ޝުކުރު އަދައިކުރެއްވިއެވެ.
އެއާއެކު ލަންކާގެ ބޮޑުވަޒީރުވަނީ މިހާރު ވެސް އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ދަމަހައްޓައި، ވަރުގަދަކުރަން ލަންކާގެ އާ ސަރުކާރުގެ ފަރާތުން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ޚަލީލުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި، ލަންކާއަށް ކަނޑައަޅުއްވައިފައިވާ ދިވެހި ހައިކޮމިޝަނަރު މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓްރީގެ އެހެނިހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ޚަލީލުވަނީ އެ ގައުމުގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް އޮފް ސްރީ ލަންކާ މިނިސްޓަރު ވިޖިތާ ހެރަތާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.