ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު: ރައީސް ވިދާޅުވީ އުންމީދަކީ އިތުރަށް ގުޅުން ބަދަހިކުރުން ކަމަށް

ރައީސް މުއިއްޒާއި ސިންގަޕޫރުގެ ޚާރިޖީ ވަޒީރު: ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރުފުރުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ބައިލެޓްރަލް ގުޅުމަށް 50 އަހަރުފުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަދަށް ވަނީ 50 އަހަރު ފުރިފައެވެ.

އެކަން ފާހަގަކުރައްވައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަޓްނަމްއަށާއި، އެ ގައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއަށާއި، ސިންގަޕޫރުގެ ސަރުކާރުގެ އިތުރުން ސިންގަޕޫރުގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވަނީ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ތަހުނިޔާ އަރިއްކުރައްވައި އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ރަސްމީ ގުޅުންތައް އެތައް ގުނައެއް އިތުރުވެ، ދެ ގައުމުގެ ދެމެދު އޮތް ގުޅުން ގާތްވެގެން ހިނގައްޖެ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ އިޚްލާސްތެރި އުއްމީދަކީ، ކުރިއަށް އޮތްތަނުގައި ވެސް އެ ގުޅުން ދެމެހެއްޓުމަށްޓަކައި ދެ ގައުމުން އެއްބާރުލުންދީ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަހުން އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑރ. ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ވެސް އެމަނިކުފާނު ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އަދި ދެ ގައުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބަލައި އެކުގައި މަސައްކަތްކުރުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް