އިލެކްޝަންސް ކޮމިޝަނަށް ކުރެވޭ ތުހުމުމަތުތަކަށް އެ ކޮމިޝަނުން ޖަވާބުދާރީ ވާން ޖެހޭ: ޕީޕީއެމް

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސޯޝަލް މީޑިއާގައި އިލެކްޝަންސް ކޮމިޝަންއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

މިއަދު ސަކީނާ މަންޒިލްގައި އޮތް އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލިސް ކެލާ ދައިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ބެހޭ ގޮތުން މީސް މީޑީއާގައި ދައުރުވާ ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ހައްގަކާ ގުޅިފައިވާ ކަމަކަށް ވާތީ އެ ވާހަކަތަކަށް ކޮންމެވެސް އެއްޗެއް ވިދާޅުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ ކަރުދާސް ޗާޕްކުރީ ވެސް ބޮޑު އަގުގަ އޭ، އެއްތާކުން 65 ރުފިޔާ އަށް ހުށައެޅި އިރު އަނެއް ތާކުން 50 އަށް ވެސް [ހުށައެޅި ވާހަކަ] މީސް މީޑިއާގައި ފެތުރެމުން އެބަދޭ،" ރިޔާސީ އިންތިހާބުގެ ކުރިން އިލެކްޝަނަށް ކުރި ތުހުމަތުތަކަށް އަޅިއަޅުވާލަ އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ އެކައުންޓްތަކަށް ފައިސާތަކެއް ވަދެފައިވާ ކަމަށް ވާހަކަތައް އެބަ ދައްކާ ކަމަށާއި ޒާތެއްގެ އަނގޮޓިއެއް ވެސް ގެންގުޅޭ ވާހަކަ ވެސް އެބަ ދައްކާ ކަމަށެވެ.

"މިކަހަލަ ވާހަކަތަކަކީ ކިހިނެއް ހިނގާ ވާހަކަތަކެއްތޯ ނުވަތަ އެކަމާ ދޭތެރޭ ކީކޭތޯ އިލެކްޝަންސް އިން ދެކެނީ އަޅުގަނޑުމެން ވެސް އަޑުއަހާލަން ބޭނުން ވާހަކަތައް،" އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީސް މީޑިއާ ތެރޭގައި އެނބުރޭ ހުރިހާ ވާހަކަތަކަކީ ތެދަކަށް ވާނެ ވާހަކަތަކެއް ނޫން ކަމަށާއި އަދި ދޮކަށް ވެސް ވާނެ ވާހަކަތަކެއް ނޫން ކަމަށެވެ. އެހެން ވީމަ އެބޭފުޅުން މިއަށް ކޮންމެސް އެއްޗެއް ވިދާޅުވެ ދެއްވުމަށް އާރިފް އެދިވަޑައިގަތެވެ.

އިލެކްޝަންސް ކޮމިޝަން އިން މިދިޔަ ހޮނިހިރު ދުވަހު ރަސްމީ ނަތީއްޖާ އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ އެ ކޮމިޝަންގެ މެމްބަރުން ބަޔެއްގެ އަތުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެ ތުހުމަތުތައް ކުރަނީ ކޮން ފަރާތްތަކުން ކަން އެނގޭ ނަމަ އަބުރުގެ ގާނޫނުގެ ދަށުން އެފަރާތްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލާނެ ކަމަށެވެ.

comment ކޮމެންޓް