އޮގަސްޓް މަހު ފަތުރުވެރިކަން 2.2 ޕަސެންޓް ކުރިއަރައިފި

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި -- ފޮޓޯ: މޯލްޑިވްސް ނެޓް

މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ވުރެ 2.2 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އަށް 123،992 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. މިދިޔަ މަހު އެ އަދަދު އުޅުނީ 121،310 ގަ އެވެ.

އޮގަސްޓް މަހު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވުމުން، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 9.1 ޕަސެންޓް އިތުރެވެ. އެގޮތުން މި އަހަރު، އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް 972،839 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ޗައިނާ އިންނެވެ. ނަމަވެސް، ޗައިނާ އިން ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 7.4 ޕަސެންޓް ދަށެވެ.

ޗައިނާ އިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށްވި ނަމަވެސް، ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަތިވެފައި ވަނީ އެހެން ހުރިހާ މާކެޓަކުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާތީ އެވެ.

އެގޮތުން ދެ ވަނަ އަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރީ އިނގިރޭސިވިލާތެވެ. އަދި ޖަރުމަނެވެ.

ފަތުރުވެރިން ޒިޔާރަތްކުރި ވަރު އިތުރުވެ، އޮގަސްޓް މަހު ރާއްޖޭގެ އޮކިއުޕެންސީ ހުރީ 62 ޕަސެންޓުގަ އެވެ. އަދި ފަތުރުވެރިން އާންމުކޮށް ރާއްޖޭގައި 6.4 ދުވަސް ހޭދަކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އޮގަސްޓް މަހުގެ ތެރޭގައި އެންމެ ބޮޑަށް ކުރިއެރި މާކެޓަކީ 10 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އޮސްޓްރޭލިއާ މާކެޓެވެ. އެ ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 40.5 ޕަސެންޓް އިތުރުވެފަ އެވެ.

comment ކޮމެންޓް