ސާފް ސުޒުކީ ކަޕުގެ ގްރޫޕްއޭގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި، ފަހު ވަގުތު ޖެހި ގޯލުން ޕާކިސްތާނުން ނޭޕާލުގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ނޭޕާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދެއްކި މެޗުން ޕާކިސްތާނު މޮޅުވީ 2-1ގެ ނަތީޖާއިންނެވެ.
މިއަދު ބަންގްލަދޭޝްގެ ބަންގްބަންދު ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ޕާކިސްތާނުންނެވެ. ޕާކިސްތާނުގެ ގޯލަކީ، ނޭޕާލުގެ ބިރާޖު މަހަރާޖަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ޕާކިސްތާނަށް ގޯލު ޖެހީ މުހައްމަދު ރިއާޒުއެވެ.
މެޗުގެ 75 ވަނަ މިނެޓުގައި ނޭޕާލުގެ ޑިފެންސަށް ހެދުނު ގޯހަކުން ޕާކިސްތާނުގެ ކުޅުންތެރިއަކަށް ގޯލެއް ޖަހަން ހުސް ފުރުސަތެއް ވެސް ލިބުނެވެ. ގޯލް ކީޕަރު އެކަނި ބީޓު ކުރަން ހުރި ނަމަވެސް ޕާކިސްތާނުގެ ކުޅުންތެރިޔާ މާ އަވަހަށް ޝޮޓު ނެގީ އެވެ. އެ ޝޮޓު ދިޔައީ ގޯލުގެ ކުޑަ ތަންކޮޅެއް މަތިންނެވެ.
ނޭޕާލަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ގޯލު ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓުގައި ޒުވާން ފޯވަޑް ބިމަލް މަގަރު އެވެ. ނޭޕާލުގެ ކުޅުންތެރިއަކު ކޯނަރަކުން ނެގި ހުރަހެއް އެހެން ކުޅުންތެރިއެއް ބޮލުން ޖެހުމުން ލިބުނީ ބިމަލް އަށެވެ. އޭނާ އޭރިއާ ތެރޭގައި ހުރެފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލި އިރު ކީޕަރު ހުރީ މާ ދުރުގައެވެ.
މެޗު ނިމެން ދަނިކޮށް ޕާކިސްތާނުގެ ސައްދާމް ހުސެއިން ނަގައިދިން ހުރަހަކުން އެ ޓީމުގެ މުހައްމަދު އަލީއަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް މުހައްމަދު އަލީގެ ޝޮޓުގައި ބާރު ނެތުމުންނޭ ކީޕަރަށް ފަސޭހައިން ބޯޅަ މަތަ ކުރެވުނެވެ.
އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ނޭޕާލަށް ވެސް މޮޅުވާން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ބޭރުގައި ހުރެފައި ނޭޕާލްގެ ސުޖްލް ނެގި ޝޮޓު ޕާކިސްތާނުގެ ކީޕަރު ސޭވް ކުރި އެވެ. އަދި ބޯޅަ ރިބައުންޑުގައި އަނެއްކާވެސް ސުޖަލްއަށް ލިބުމުން އޭނާ އަނެއްކާވެސް ނެގީ ޝޮޓެކެވެ. އެހެން ނަމަވެސް، ޕާކިސްތާނުގެ ކީޕަރު ވަނީ ދެވަނަ ޝޮޓުވެސް ހުށިއާރުކަމާއެކު ސޭވްކޮށްފައެވެ.
ޕާކިސްތާނަށް ތިން ޕޮއިންޓު ހޯދައިދިން ގޯލު ކާމިޔާބު ކުރީ މެޗުގެ 90 މިނެޓު ހަމަވެ ލިބުނު އިތުރު ވަގުތު ފަސް ވަނަ މިނެޓުގެ ތެރޭގަ އެވެ. ބޮލުން ޖެހި އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަލީ އެވެ.
މެޗުން މޮޅުވުމާއެކު ޕާކިސްތާނަށް ތިން ޕޮއިންޓު ލިބިފައިވާއިރު ދެން އެ ޓީމު މުބާރާތުގައި ކުޅޭނީ މުބާރާތް ބާއްވާ ގައުމު ބަންގާޅާއެވެ. ނޭޕާލް ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.