ނޭޕާލަށް މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ 66 މީހުން މަރުވެއްޖެ

ނޭޕާލަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައި، އެ ހާދިސާގައި 66 މީހުން މިހާތަނަށް ވަނީ މަރުވެފައި: ފޮޓޯ/އޭޕީ

ނޭޕާލަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް ގާތްގަޑަކަށް 66 މީހުން މަރުވެއްޖެއެވެ.

އެ ހާދިސާގައި 69 މީހަކު ގެއްލިފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން ނޭޕާލަށް ވިއްސާރަ ކުރަމުން އަންނައިރު، ހަފުތާ ބަންދުގައި ވެސް ވިއްސާރަ ކުރާނެ ކަމަށް ބެލެވެއެވެ.

ނޭޕާލްގެ ހޯމް މިނިސްޓްރީގެ ތަރުޖަމާނު ރިޝިރާމް ތިވާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޅި ނޭޕާލުން 66 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައި ވަނީ ވެރިރަށް ކަތަމަންޑޫއިން ކަމަށެވެ.

އަދި އެ ހާދިސާގައި 60 މީހަކު ޒަޚަމްވެ، 3،010 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް ސަލާމަތްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިފައިން ހިމެނޭ ގޮތަށް ނޭޕާލްގެ ސަލާމަތީ ބާރުތަކުގެ ހުރިހާ ޑިވިޒަންތަކަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އަންގާފައިވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ބައެއް މަގުތައް ވަނީ ބަންދުވެފައެވެ.

ވެރިރަށް ކަތަމަންޑޫ އާއި ނޭޕާލްގެ އެހެން ސަރަހައްދުތައް ގުޅުވާލާ މުހިއްމު ޕްރިތުވީ ހައިވޭ ހިމެނޭ ގޮތަށް ތިން ހައިވޭއެއް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބަންދުކޮށްފައިވާއިރު، އެތަންތަން ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

ރޭގަނޑު ހައިވޭތަކުގައި ބަހާއި ކާރު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އެ ހާދިސާއާ ގުޅިގެން ކަތަމަންޑޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑުނެވެ.

އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ނޭޕާލްގެ ހޯމް މިނިސްޓްރީން ބުނެއެވެ.

ނޭޕާލްގައި އާންމުކޮށް ވިއްސާރަ މޫސުން ޖޫން މަހު ފެށޭއިރު، ނިމޭނީ ސެޕްޓެމްބަރު މަހު މެދުތެރޭގައެވެ.

comment ކޮމެންޓް