އޮފިޝަލުންގެ ޝަކުވާއެއް އޮތްނަމަ ރަސްމީކޮށް ހުށަހެޅުމަށް އީސީން އެދެފި

ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓްލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓު ފޮށިތައް ކައިރީ މަސައްކަތް ކުރަން ނަގާފައިވާ އޮފިޝަލުންނާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ ރަސްމީކޮށް ހުށަހެޅުއްވުމަށް އެކޮމިޝަނުން އެދެފި އެވެ.

އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ ބައެއް ފަރާތްތަކުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ހަކަރަކާތްތެރިވާތީ ސޯޝަލް މީޑިއާގައި އިލެކްޝަންސް ކޮމިޝަނަށް އަމާޒުކޮށް ދަނީ ފާޑުކިޔަމުންނެވެ.

ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މިހާތަނަށް ކޮމިޝަނަށް ރަސްމީކޮށް އޮފިޝަލުންނާ ބެހޭ ޝަކުވާތަކެއް ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާ މެދިވެރިކޮށް އެފަދަ ޝާކުވާތަކެއް ފެނިފައިވާ ކަމަށާއި އެ ޝަކުވާތައް ރަސްމީކޮށް އެ ކޮމިޝަނަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އެދެނީ ރަސްމީކޮށް އެ އޮފިޝަލުންގެ ފޮޓޯތަކާއި ނަންތަކާއި، އެ ފޮޓޯތައް ނަގާފައިވާ ދުވަސް އެނގޭ ގޮތަށް ކޮމިޝަނަށް ހުށަހެޅުއްވުމަށް. އޭރުން އަޅުގަނޑުމެން އެމައްސަލަ ބަލާނަން،" އަކްރަމް ވިދާޅުވި އެވެ.

އޮފިޝަލުންގެ ގޮތުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު ނަގާފައި ނުވާނެ އަކްރަމް ވިދާޅުވި އެވެ. އަދި ނަގާފައިވާ މީހުންނަށްވެސް ސިޔާސީ ޕާޓީތަކުގެ ކެމްޕެއިނުގައި އުޅުން މަނާ ވާނެ ކަމަށާއި އެހެން އުޅޭ ނަމަ އެމީހުންނާ އެއްކޮށް އިންތިހާބަށް ނުދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޮފިޝަލުން ނަގާފައި ވަނީ އެކަމަށް އެދި ހުށަހެޅި ފަރާތްތަކާއި އީސީން އިންޓަވިއުކޮށްގެންނެވެ.

comment ކޮމެންޓް