ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން އެމްޑީޕީއަށް ހުއްދަދީފި

ކާނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކާނިވާ ސަރަހައްދުގައި ކެމްޕެއިން ޖަލްސާއެއް ބާއްވަން ހައުސިންގް މިނިސްޓްރީން އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ހުއްދަ ދީފި އެވެ.

ހައުސިންގް މިނިސްޓްރީން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިމަހުގެ އަށެއްވާ ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން އެޕާޓީއަށް ހުއްދަދީފައިވާ ކަމަށެވެ.

ޖަލްސާ ބާއްވަން އެމްޑީޕީއަށް ދީފައިވަނީ އެ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށެވެ.

ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މާލޭގައި ޖަލްސާ ބާއްވަން ހުކުރު ދުވަހެއް ލިބޭތޯ ހައުސިންގ މިނިސްޓްރީގައި ތަކުރާރުކޮށް އެދުމުން، "ރިޔާސީ އިންތިހާބާ ޖެހެންދެން ހުރިހާ ހުކުރު ދުވަހެއް ޕީޕީއެމްއަށް ދީފައިވާ" ކަމަށް ބުނެ އެ މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށެވެ. އެހެންވެ ހޮނިހިރު ނޫނީ ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ލިބޭތޯ އެދިފައިވާނެ ކަމަށް އިބޫ ރޭ ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ފަރާތްތަކަށް ދީފައި އެ ވަނީ ވަރަށް ގިނަ ފަހަރު ހައުސިންގ މިނިސްޓްރީގައި އެދުނު ފަހުންނެވެ. އެސަރަހައްދުގައި ޖަލްސާ ބާއްވަން ހުއްދަ ނުދޭ ކަމުގެ ޝަކުވާ އެމްޑީޕީން މީގެ ކުރިން ވަރަށް ގިނަފަހަރު ވަނީ ކޮށްފަ އެވެ.

ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން މިމަހުގެ އަށްވަނަ ދުވަސް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ދީފައިވާއިރު، ހަތްވަނަ ދުވަހުގެ ރޭ އެތަނުގައި ޖަލްސާ ބާއްވަން ޕީޕީއެމަށް ވަނީ ހުއްދަދީފައެވެ.

comment ކޮމެންޓް