އެމެރިކާއިން ޕާކިސްތާނަށްދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަނީ

ޕާކިސްތާނުން ވަނީ އެގައުމުން ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ. އަދި ބައެއް މީހުން ވަނީ ރައީސް ޓްރަމްޕާ ދެކޮޅަށް މުޒާހަރާކޮށްފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ސެޕްޓެމްބަރު 2): އެމެރިކާއިން ޕާކިސްތާނަށްދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލަން ނިންމާފައިވާ ކަމަށް ޕެންޓަގަންއިން ބުނެފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނު ލެފްޓެނެންޓު ކާނަލް ކޯނޭ ފޯކްނާ ވިދާޅުވި ގޮތުގައި އެ އެހީ ކަނޑާލަން ނިންމީ ޕާކިސްތާނުން ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމުގެ ސަބަބުންނެވެ.

"ސައުތް އޭޝިއާ ސްޓްރެޓެޖީއަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕާކިސްތާނުން އަވަސް ފިޔަވަޅުތަކެއް އަޅަމުން ނުދިޔުމުގެ ސަބަބުން 300 މިލިއަން ޑޮލަރުގެ އެހީ އެހެން ކަމަކަށް ހޭދަ ކުރަން ވަނީ ނިންމާފައި،" ފޯކްނާ ވިދާޅުވި އެވެ.

ސައުތު އޭޝިއާ ސްޓްރެޓެޖީއަކީ ދެކުނު އޭޝިއާއިން، ހާއްސަކޮށް އަފްގާނިސްތާނާއި ޕާކިސްތާނުން ޓެރަރިޒަމް ނައްތާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު އެކުލަވާލެއްވި ސްޓްރެޓެޖީއެކެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވަނީ ޕާކިސްތާނުން އެމަސައްކަތަށް އެއްބާރުލުން ނުދޭ ކަމަށާއި އެގައުމުން ޓެރަރިސްޓުންނަށް ހިމާޔަތްދެމުންދާ ކަމަށް މިއަހަރުގެ ކުރީކޮޅު ތުހުމަތު ކުރައްވާފައެވެ. އޭގެ ސަބަބުން އޭރު ކޮންގްރެސްއިން ވަނީ ޕާކިސްތާނަށްދޭ 500 މިލިއަން ޑޮލަރުގެ އެހީއެއްވެސް ހުއްޓުވުމަށް ނިންމާފައެވެ.

ނަމަވެސް ޕާކިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތް ދިނުން ހުއްޓާލައިފި ނަމަ، އެގައުމަށް އަނެއްކާވެސް އެހީ ދޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުން ވަނީ ރައީސް ޓްރަމްޕްގެ ތުހުމަތުތައް ދޮގުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް