ދިވެހި ދައުލަތުގެ ވެރިކަން އާ ޖީލަކަށް ވާސިލްވާން ޖެހޭ ކަމަށާއި، އާ ޖީލުގެ މުވައްސިސަކީ ރައީސް ޔާމީނަށް ވާންޖެހޭ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، އާ "ސިވިލައިޒޭޝަނެއް" ގާއިމްވާން ޖެހޭ ކަމަށެވެ.
"އަބަދު ވެސް ސިޔާސީ ހަލަބޮލިކަމާ ތަޅާފޮޅުމާއި މުޒާހަރާއާއި ދެތިން ހަތަރު މީހެއްގެ ކޯލިޝަންގެ ތެރޭގައި އަޅުގަނޑުމެން ތާށިވެފައި ތިބޭކަށް ނުޖެހޭ. މިކަން އެބަޖެހޭ ނިމެން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ކުރިއަށް ގެންދަންވީ ބިނާ ކުރުން ކަމަށާ އިދިކޮޅު ކޯލިޝަނަކަށް ވެރިކަން ހަވާލުކޮށްގެން ވާނެ ފައިދާ އެއް ނެތް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. ތަފާތު ވިސްނުންތަކުގެ މީހުންނާއެކު ކޯލިޝަނެއް ނުހިނގާނެކަން ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅުން ވެސް ރައީސް ޔާމީނާއި ގުޅި، ރަނގަޅު ކުރަންހުރި ކަންތައް ކިޔައިދޭންވީ ކަމަށެވެ.
"މިހާރު ކުރިއަށްދާ މަޝްރޫއުތައް ހުއްޓި ދިވެހި ގައުމު ހުއްޓުމަކަށް އައިސް އަނެއްކާ ވެސް އެއްކަލަ ޕާޓީތަކުގެ ކޯޅުމަކަށް ދާނީ... ވެރިކަމާ ހުރެ ތަޅާފޮޅުން އެބަޖެހޭ ނިމުމަކަށް ގެންނަން،" ޝަހީމް ވިދާޅުވި އެވެ.
ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ. ޝަހީމް ވިދާޅުވީީ، މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ޒަމާނީ ތަރައްގީގެ ބިންގާކަމަށެވެ.
ބްރިޖުގެ މަޝްރޫއާއެކު އަންނާނެ ފަސޭހަތައް ހުޅުމާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިނގޭނެ ކަމަށާއި، މި މަޝްރޫއަކީ ރައްޔިތުން ބަލައިގަނެފައިވާ މަޝްރޫއެއް ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާ ޝަހީމް ވިދާޅުވީ، ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ދާން އުފުލާ ތަކުލީފު ދަރުމަވަންތަ ހޮސްޕިޓަލާ އެކު ނިމުމަކަށް އަންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ ޒައާމަތުގައި ސައުދީ އަރަބިއާ އާ އޮންނަ ގުޅުން ބަދަހިކުރައްވާފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހައްޖަށް ދާ މީހުންނަށް ލުއި ގޮތްތަކެއް ފަހިވެފައިވާ ކަމަށް ވިދާޅުވި އެވެ. އަރަބި ދީނީ ތައުލީމު ފުޅާކުރުމަށް ރައީސް މަސައްކަތް ކުރައްވާ ކަމަށާއި، މަތީ ތައުލީމުގެ ގިނަ ފުރުސަތު ތަކެއް ސަރުކާރުން ފަހިކޮށްދެމުން ދާކަމަށް ޝަހީމް ވިިދާޅުވި އެވެ.