ކޮކާކޯލާއިން ކޯސްޓާ ކޮފީ ގަނެފި

ކޯސްޓާ ކޮފީ ---

އިނގިރޭސިވިލާތުގެ މަޝްހޫރު ކޮފީ ބްރޭންޑް ކޯސްޓާ ކޮފީ، ކޮކާ ކޯލާއިން ގަނެފިއެވެ.

ކޯސްޓާ ކޮފީގެ ޕޭރެންޓު ކުންފުނި ވައިޓް ބްރެޑް އިން ބުނީ ކޮކާ ކޯލާއިން ކޯސްޓާ ކޮފީ ގަނެފައިވަނީ 3.9 ބިލިއަން ޕައުންޑު (5.78 ބިލިއަން ޑޮލަރު) އަށް ކަމަށެވެ.

ކޯސްޓާ ކޮފީ ކޮކާ ކޯލާއަށް ވިއްކާލާފައި މިވަނީ ކޯސްޓާ ކޮފީ ކުންފުންޏަށް ގެއްލުމާ ކުރިމަތިވެފައި ވަނިކޮށެވެ. ކުންފުނި ވިއްކައިލުމަށްފަހު ހިއްސާ ދާރުންނަށް ދޭންޖެހޭ ފައިސާ ދީ ކުންފުނީގެ ދަރަނި އަދާކުރާނެ ކަމަށް ވައިޓް ބްރެޑްއިން ވަނީ ބުނެފައެވެ.

ކޮކާކޯލާގެ ރައީސް އަދި ސީއީއޯ ޖޭމްސް ކުއިންސޭ ވިދާޅުވީ ކޯސްޓާ އާއެކު ކޮކާކޯލާއަށް އާ މާކެޓަކަށް ވަދެވޭނެ ކަމަށާއި އަދި ކޮފީގެ މާކެޓަށް އިންގިލާބެއް އަންނާނެ ކަމަށެވެ.

ކޯސްޓަ ކޮފީ 1995ގައި އުފެއްދިފަހުން މިހާރު އެ ބްރޭންޑުގެ 2400 އައުޓްލެޓު ދުނިޔޭގެ އެކި ގައުމުތަކުގައި އެބަހުއްޓެވެ. ކޯސްޓާ ކޮފީގެ އައުޓްލެެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް