ހަވީރުގެ ފިނިކަމުގެ ތެރޭ ހޫނު ކޮފީއެއް ބޯލަން ގޮސް ވަދެވުނީ މާލޭ ގްރޭންޑްގެ ފުރަތަމަ ފަންގިފިލާގައި ހުރި ކުޑަ ކޮފީ ޝޮޕް އަކަށެވެ. ހިތްފަސޭހަ މާހައުލެއްގައި، ހިތްގައިމު މަޑު މިއުޒިކެއްގެ ތެރެއިން މަރުހަބާކީ ދެ ބަރިސްޓާ އެެކެވެ. އެކަމަކު އެއީ ތަފާތު މަރުހަބާއެކެވެ. އަހަންނަށް ހައިރާންވެފައި އިދެވުނީ އެ ދެ ބަރިސްޓާއިން އެކަކު އަނެކަކާ ސައިން ލެންގުއޭޖުން ނޫނީ އަތުގެ އިޝާރާތުން މުއާމަލާތް ކުރާތަން ފެނުމުންނެވެ.
އެ ހިސާބުން މި މީހުންގެ ވާހަކަ އަޑުއަހަން ޝައުގުވެރިވެއްޖެ އެވެ.
މި އަހަރުގެ ފެބްރުއަރީ ތެރޭގައި ހުޅުވި "ކޮފީ ޝްރަބް" މިވަނީ ރާއްޖޭގެ ކޮފީ ހިދުމަތަށް ތަފާތެއް ގެެނެސް ދީފަ އެވެ. ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހުންނަށް މި މީހުން މި ވަނީ ހަމްދަރުދީގެ އަތެއް ދިއްކޮށްލައިފަ އެވެ. "ޑެފް ކޮމިއުނިޓީ" ނޫނީ އިވުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް ކޮފީ އެއް ބޯލެވޭނެ ހުރިހާ ކަމެއް މި ތަނުން މި ވަނީ ފަހިކޮށްދީފަ އެވެ.

މި ހާއްސަ މަސައްކަތާ ބެހޭގޮތުން ކޮފީ ޝްރަބްގެ އެއް ޕާޓްނަރު މަރިޔަމް ޝަހުމާ ބުނީ މިއީ 2019 ވަނަ އަހަރު ޔޫއެންޑީޕީ އިން ހިންގި "މިޔަހެލި" ގައި ސައިލެންޓް ކޮފީ ޓީމުން ހުށަހަޅާ އަދި އެ ޕްރޮގްރާމުން ދެވަނަ އަށް ދިޔަ "ސައިލެންޓް ކޮފީ" ޕްރޮޖެކްޓް ކަމަށެވެ.
ލިބުނު ކާމިޔާބީއާއިއެކު ހުށަހެޅި ޕްރޮޕޯޒަލް ހަގީގަތަކަށް ހެދުމަށްޓަކައި ޔޫއެންޑީޕީގެ ފަރާތުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދިން ނަމަވެސް، އަމިއްލަ ކޮފީ ޝޮޕެއް ހުޅުވައިގެން މިކަން ކުރުމަށް ދަތިތަކެއް ހުރި ކަމަށް ޝަހުމާ ބުންޏެވެ. އެހެންކަމުން އެ ޕްރޮޕޯޒަލް އާއިއެކު މާލޭގައި އޭރު ހުޅުވިފައިހުރި ކެފޭތަކަކުން މިކަމަށް ފުރުސަތު ލިބޭތޯ ސައިލެންޓް ކޮފީ ޓީމުން މަސައްކަތްކުރި އެވެ. ނަމަވެސް އެ ޓީމް ބަލައިގަންނާނެ ބައެއް ނުވި އެވެ.
އެ މީހުންނަށް އުންމީދަކަށްވީ ކޮފީ ޝްރަބް އެވެ. މި ޕްރޮޖެކްޓް މި ކެފޭއިން ނެގީ އިޖްތިމާއީ ބޮޑު ޒިންމާއެއްގެ އިތުރުން އަމިއްލަ ސަބަބުތަކާއި ހެދިވެސްމެ އެވެ. ސައިލެންޓް ކޮފީ ޓީމްގެ އެއް މެންބަރަކީ މިވަގުތު ޑެފް އެސޯސިއޭޝަންގެ އިސް މެންބަރެއް ކަމުގައިވާ އައްވާމް އެވެ. އޭނާއަކީ ޝަހުމާގެ ކޮއްކޮވެސް މެއެވެ. އެހެންކަމުން ކޮފީ ޝްރަބް ހުޅުވުމާ އެކު ސައިލެންޓް ކޮފީއަށް ވަޒަނެއް ލިބިއްޖެ އެވެ.

ޝަހުމާ ބުނީ މެލޭޝިއާ އިން ދެ ބަރިސްޓާއަކު ގެނެސްގެން ކޮފީ ޝްރަބްގެ ޒުވާން ބަރިސްޓާއިން ތަމްރީނު ކުރިއިރު، އަޑުއިވުމުން މަހްރޫމްވެފައިވާ ތިން ޒުވާނުންވެސް ބަރިސްޓާއިންގެ ގޮތުގައި ތަމްރީން ކުރި އެވެ. އެ ތިން ކުދިންނަކީ މިހާރު ކޮފީ ޝްރަބްގެ ރަސްމީ ތިން މުވައްޒަފުންނެވެ. އެހެން އޮފީސްތަކުގައި މިވަގުތު އެކުދިން މަސައްކަތްކުރާތީ ކެފޭގައި އުޅެނީ ޕާޓްޓައިމްކޮށް ހަފްތާއަކު ދެ ދުވަހު އެވެ.
ކޮފީ ޝްރަބްގެ މެނޫގައި ހުރި ކޮންމެ ވައްތަރެއްގެ ކޮފީއެއްވެސް ފަސޭހަކަމާއިއެކު މި ތިން ބަރިސްޓާއިންނަށް ތައްޔާރުކޮށްލެވެ އެވެ. ކަސްޓަމަރުން އައުމުން ދެ ބަރިސްޓާއިން އެކުގައި އޯޑަރު ނަގާއިރު، އޯޑަރުދޭ އެއްޗެހީގެ ނަން ސައިން ލެންގުއޭޖުން ބަރިސްޓާއަށް ކިޔައިދެ އެވެ. އަދި ދެމީހުން ބަހާލައިގެން އޯޑަރު ތައްޔާރުކޮށް ހިދުމަތްދެ އެވެ. އެހެންވިޔަސް، މި ބާވަތުގެ އެހެން ކެފޭ އެކޭ ހިދުމަތުގެ ގޮތުން އެއްވެސް ފަރަގެއް ނެތެވެ. ހިދުމަތް އެއްވަނަ އެވެ.
"ކޮންމެ ގަޑިއެއްގައިވެސް ނޯމަލް ކުއްޖަކާއި އެކު އެކުދިން މަސައްކަތްކުރާނީ. މިކޮޅުގެ ހުރިހާ ޑްރިންކެއް ތައްޔާރުކުރަންވެސް އެކުދިންނަށް އެނގޭނެ. ދެން ޝްރަބްގައި މި މަސައްކަތްކުރާ ހިއަރިން ތިން ބަރިސްޓާއިން ވެސް އެކުދިންނާއި އެކީ މަސައްކަތްކޮށް މިހާރު ސައިންލެންގުއޭޖުން ބޭސިކް މުއާމަލާތްތައް ކުރަން އެނގޭނެ." ޝަހޫ ބުންޏެވެ.

އޭނާ އަދި ބުނީ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ކެފޭއަށް އަންނަ ރެގިއުލާ ގިނަ ކަސްޓަމަރުންނަށް މިހާރުވެސް ސައިން ލެންގުއޭޖުން ބޭނުންވާއެއްޗެއް އޯޑަރު ކުރަން އެނގުމެވެ. އެ މީހުންނަށް އެއީ އުފަލަކަށް ވުމެވެ. ޝަހޫ ބުނި ގޮތުގައި އެ ކެފޭގެ އަމާޒު މހާރު ހުރީ ސައިންލެންގުއޭޖް ނޭގޭ ފަރާތްތަކަށްވެސް މެނޫ އަށް ބަލައިގެން ހިއަރިން އިމްޕެއާޑް ބަރިސްޓާއަކާއި މުއާމަލާތްކުރަން އެނގޭނެ ޒާތުގެ މެނޫއެއް ތައްޔާރު ކުރުން ކަމަށެވެ.
"މި ޕްރޮޖެކްޓުން އަޅުގަނޑުމެން އެންމެ ހާސިލްކުރަން ބޭނުންވާކަމަކީ މިނިމަމް 30 ކަސްޓަމަރުންނަށް ސައިން ލެންގުއޭޖް އިން އަމިއްލައަށް ފަސޭހަކަމާއި އެކު އޯޑަރުކޮށްލެވުން. އަދި ކޮންމެ ގަޑިއެއްގައިވެސް ޢަޑުއިވުމުން މަހުރޫމުވެފައިވާ ފަރާތަކަށް މިތަނަށް އައިސް ފަސޭހައިން ކޮމިއުނިކޭޓްކުރެވުން. އެއީ ހިއަރިން ބަރިސްޓާސްއަށްވެސް ސައިން ލެންގުއޭޖް އެނގޭނެތީ" ޝަހޫ ބުންޏެވެ.
ސައިލެންޓް ކޮފީ ޓީމާއި އެކު މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޝަހޫ ބުނާގޮތުން ޝްރަބްއިން ވާނީ މިހާރުވެސް މި މުއްދަތަށްފަހުވެސް މި ބަރިސްޓާއިންގެ ވަޒީފާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފަ އެވެ.

އަޑުނީވި އެހެން މީހުންނާއި އަނގަބަހުން ވާހަކަ ނުދެއްކުމަކީ އެއްވެސް ހާލެއްގައި މުޖްތަމައެއްގައި މީހަކު ބާކީވާންޖެހޭ ކަމެއް ނޫންކަން މި ޓީމުން މި އަންނަނީ ސާބިތުކޮށްދެމުންނެވެ. ކޮފީ ޝްރަބްގެ މި އިސްނެގުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ދޭތެރޭ މުޖުތަމައު ދެކޭ ގޮތް ބަދަލުކޮށްލަން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހިއަރިން އިމްޕެއާޑް ބަރިސްޓާއަކަށް އެވަގުތު ކެފޭގައި ހުރި ސައިފުއްﷲ ބުނިގޮތުގައި މިތަނުގައި މަސައްކަތްކުރުމުން ކޮފީއަކީ ކޮބައިކަން އޭނާއަށް އެނގި މި ދާއިރާއަށް ވަރަށް ބޮޑަށް ލޯ ހުޅުވިއްޖެ އެވެ.
މިވަގުތުވެސް އެމްޕީއެލްގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ސައިފުﷲ ބުނީ މި ދާއިރާއަށް ނުކުންނަށް ބޭނުންވާ އޭނާ ފަދަ އެހެން ކުދިންނަށް މި މަސައްކަތް ދަސްކޮށްދިނުމަށްވެސް އޭނާ ބޭނުންވެ އެވެ. އަދި ގިނަފަހަރަށް ކަސްޓަމަރަށް އޭނާއަކީ އަޑުއިވުމުން މަހުރޫމުވެފައިވާ މީހެއްކަން އިނގުމުން ވަރަށް ހައިރާންވާކަމަށާއި އަދި އެކަމާ އޭނާ ކުޑަކޮށް "ނާވަސް" ވާކަމަށްވެސް ބުންޏެވެ.
މި ބަރިސްޓާއިން ފާހަގަކުރުމަށްޓަކައި އަތުގެ އިޝާރާތުން އޯޑަރުކުރުމަށް އެދި ހާއްސަ ޓެގެއް ވެސް ޖަހާފައި ހުރެ އެވެ.

ކޮފީ އާއި މި ހާއްސަ އިންޓަވިއު ނިންމާ ގެއަށް ދިއުމުގެ ކުރިން ލިބުނު އެންމެ ބޮޑު އުފަލަކީ ސައިން ލެންގުއޭޖުން ދެތިން އެއްޗެއް ބުނެލަން މި ކުޑަ ވަގުތުކޮޅުގައިވެސް ދަސްވުމެވެ.
ޝަހޫ ބުނާގޮތުން ކޮފީ ޝުރަބްގެ އުންމީދަކީ ސައިންލެންގުއޭޖް ގިނަ ބަޔަކަށް އެނގި، އެއްވެސް ހުރަހެއްނެތި އެކަކު އަނެކަކާ މުއާމަލާތު ކުރުމުގެ މި ސަގާފަތް ދެމެހެއްޓުމެވެ.