ސިނަމާލެ ބުރިޖަކީ ކުރިމަގަށް ހުޅުވުނު އުންމީދީ ދޮރެއް: ރައީސް ޔާމީން

ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިނަމާލެ ބުރިޖަކީ ރާއްޖޭގެ ކުރިމަގަށް ހުޅުވިގެން ދިޔަ އުންމީދީ ދޮރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ސިނަމާލެ ބުރިޖު ހުޅުވުމަށް މިރޭ އާޓިފިޝަލް ބީޗް ގައި ބްރިޖު ފެންނަ ހިސާބުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބްރިޖު ހުޅުވިގެން ދިޔުމާ އެކު ދިވެހިންގެ ހިތްތައް އުފަލުން ފޮޅިފައިވާ ކަމަށެވެ. އަދި ދިވެހީންގެ އުންމީދުތައް އާކޮށްދިން ކަމެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ސިނަމާލެ ބުރިޖު ހުޅުވިގެން ދިއުމަކީ ހުޅުވިގެން ދިޔަ އާ ދޮރެއް. މާދަމާއަށް އަދި އޭގެ ފަހަށްވެސް ހުޅުވިގެން ދިޔަ ފުރުސަތުތަކުގެ ދޮރެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޒަމާންތަކެއް ވަންދެން ދިވެހިން ކަނޑު ހުރަސްކޮށް އަސާސީ ހަގުތަށް ހޯދުމަށް ހުޅުމާލެއިން މާލެއަށް ކުރަމުން އައި ދަތުރުތަކަށް މިއަދު ނިމުމެއް އައީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހޮސްޕިޓަލަށާއި އެއާޕޯޓަށް ކަނޑު ހުރަސްކޮށް ކުރި ދަތުރު ބުރިޖުގެ ސަބަބުން ފަސޭހަވެގެން ދިޔައީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ސިނަމާލެ ބުރިޖު--- ސަން ފޮޓޯ: ފަޔާޒު މުސާ

މިއަދު ރައީސް ޔާމީން ސިފަކޮށްދެއްވީ މަރުހޫމު ހޯރަފުށީ އާދަމް ސަލީމު މީގެ 60 އަހަރު ކުރިން ލިޔުއްވާފައިވާ ޅެންބައިތަކުންނެވެ.

ފެހިފަހި ފިޔާތޮށި ކުލައަކުން އާފާގު ޒީނަތް ކޮށްފި އޭ، ކެހިފުސް ވިލާތައް އުދަރެހުން މުސްތަގުބަލެއް ދައްކައިފިއޭ

އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ފެންނަ ކުރި ރަށްތައް، ގުޅުވާ ދަނގަޑު ފާލަންތަކުން ތަހުޒީބުން އާ ކޮށްފި އޭ

ޔުނިވަސިޓީއާއި ކޮލެޖްތައް މާލޭގެ އަގުމާތް ބިންގަނޑުން، އުނިކަން މި ޖަހުލީ ފިލުވުމަށް ތައުމީރުތައް ކުރެވިއްޖެ އޭ

ޅެން ބައިތު އިއްވެވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ އެ ޅެމުގެ ސުރުހީއަކީ "މާލޭގެ މުސްތަގުބަލް" ކަމަށެވެ. އެ ޅެމަކީ ދިވެހިންނަނީ އޭރުވެސް އުންމީދުން ފުރިގެންވާ އަބަދުވެސް ކުރިއެރުމަށް އެދިއެދި ތިބި ބައެއްކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ނުކުރެވޭނެ ކަމަށް ދިވެހިން ހީކުރި ކަންކަން ކުރެވޭނެ ކަން ބުރިޖުގެ ސަބަބުން އެނގިގެން ހިނގައްޖެ ކަމަށެވެ.

"މިއަދު މި އަންގައިދިނީ ހިއްމަތާއެކު މަސައްކަތް ކުރުމުން ކާމިޔާބު ވާނެކަން. ކާމިޔާބަކީ ދޫނުކޮށް މަސައްކަތް ކުރާ މީހުންނަށް ކާމިޔާބު ވާނެ އެއްޗެއްކަން." ރައީސް ޔާމީން ވިދާޅުވި އެވެ.

އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެއާއެކު އެންމެންނަށްވެސް ހަމަހަމަ ފުރުސަތު ތަކެއް ލިބެން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މާދަމާ ބުރިޖުގައި ކައިވެނި ކުރެވޭނެ ކަމަށް އަލިއަޅުވާލައި ރައީސް ޔާމީން ވިދާޅުވީ އާ ދިރިއުޅުމެއް ފަށައި މާލެއިން ހިނގާލާފައި ހުޅުމާލޭ ދެވޭނެކަން އެނގިވަޑައިގަންނަވާތީ ހިތް އުފަލުން ފޮޅޭ ކަމަށެވެ.

ހުޅުމާލެއަކީ ޒުވާނުންގެ އުންމީދު ތަކުފގެ ސިޓީކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ހުޅުމާލެ ވެގެންދާނީ ޒުވާނުން ބޭނުންވާ ކަންކަން ފަސޭހަ ކަމާއެކު ފުރިހަމަ ވެގެންދާ ތަނަކަށް ކަމަށެވެ.

"އަޅުގަނޑު ދިވެހިންގެ ކުރިއަށް އަމިއްލަ އެދުމާއި ސިޔާސީ ކަންކަން އިސް ނުކުރަން ނުވެސް ކުރާނަން. ލޯބިވާ ދިވެހިންނަށް ބުރިޖު ރަމްޒުކޮށްދެނީ ރާއްޖޭގެ ޑިމްލޮމެޓިކް ތާރީހުގެ އެންމެ ބޮޑު ކާމިޔާބަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް