އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ގއ. ކޮލަމާފުއްޓަށް ކުރައްވަން އޮތް ކެމްޕޭން ދަތުރުފުޅު ފަސްކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އެފަދައިން އިބޫގެ އަރިހުން ފުލުހުން އެދުނީ، މިވަގުތު ކޮލަމާފުށީގެ މާހައުލު އޮތް ގޮތަށް ބަލާފައި، ސަލާމަތީ ކަންކަމަށް ރިއާއަތްކުރުމަށްފަހު ކަމަށެވެ.
ކޮލަމާފުށީގެ ޕީޕީއެމް ޖަގަހައަށް އިއްޔެ ބަޔަކު ގެއްލުންދީ އެ ޕާޓީން ދަމާފައިވާ ދިދަތަކެއް ކަނޑާލި މައްސަލާގައި ފުލުހުން ވަނީ 18 މީހަކު ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިބޫ ކޮލަމާފުށީ ދަތުރު ލަސްކޮށްލަން އެދުނީ ފުލުހުން އެރަށުގައި ސެކިއުރިޓީ އެސެސްމެންޓް ހެދުމަށް ފަހު އަމާން މާހައުލެއް އޮތް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.
"އަޅުގަނޑުމެން އިބްރާހިމް މުހައްމަަދު ސޯލިހަށް ދަންނަވާފައި ވާނެ ދަތުރު ކުޑަކޮށް މަޑުޖައްސާލަން." ޝިފާން ވިދާޅުވިއެވެ.
ފުލުހުން ބުނީ އެގޮތަށް ފުލުހުން ލަފާ އެރުވީ އިތުރަށް މައްސަލަ ގޯސްވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
ޝިފާން ވިދާޅުވީ ކޮލަމާފުށިން 18 މީހުން ހައްޔަރުކުރި ތަފާތު ތިން ހާދިސާއަކާއި ގުޅިގެން ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިގޮތަށް ރަށްރަށުގަިއ އިންތިހާބަކީ ސަބަބެއް ކަމަށް ބަލައި ހަމަނުޖެހުން ހިންގައި މީހުންނަށް އަނިޔާކޮށް ފުލުހުންގެ ގާނޫނީ ވާޖިބާ ހަމައަށް ފުލުހުންނާ ހަމައަށް އަންނަން ޖެހުނީމަ ފުލުހުން އެއްވެސް ކަމެއް ޓޯލަރޭޓެއް ނުކުރާނެ." ޝިފާން ވިދާޅުވިއެވެ.
އިންތިހާބާ ހަމައަށް ދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުން ތިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫ ހުޅުމާލޭގައި ޑޯޓުޑޯއަށް ހިންގަވަނިކޮށް ބަޔަކު ހަމަލާ ދޭން މަސައްކަތް ކުރި މައްސަލަ ފުލުހުން ނުބަލަންތޯ ނޫސްވެރިން ސުވާލުކުރުމުން ޝިފާން ވިދާޅުވީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެއްވެސް ސިޔާސީ ޕާޓީއަކަށް ތަފާތު ކުރުމެއް ނެތި މައްސަލަތައް ހަމަހަމަކަމާއެކު ބަލަމުން ދާ ކަމަށް ޝިފާން ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ޔަގީންކަމާއެކު ހުރިހާ ފަރާތްތަކަށް ދަންނަވާލަން؛ ދިވެހި ފުލުހުން ވަކި ކެންޑިޑޭޓެއް ވަކިގޮތަކަށް މަސައްކަތް ކުރައްވާތީ އެއްވެސް ކަމެއް ފުލުހުން އެއްފަރާތްކޮށްފައި ދޫކޮށްލާފައެއް ނޯންނާނެ،" ޝިފާން ވިދާޅުވިއެވެ.