ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ ކުރިމަތީގައި ދަމާފައި ހުރި އެ ޕާޓީގެ ދިދަތަކެއް، އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނިކުމެ ކަނޑާލާފައިވާ ކަމަށް ޕީޕީއެމްއިން ބުނެފައިވަނިކޮށް އެރަށުން 18 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ ކޮލަމާފުށީގެ ޖަގަހައަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 18 މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
ޕީޕިއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެމްޑީޕީ ސަޕޯޓަރުން، ދިދަތައް ކަނޑާލުމުގެ އިތުރުން އެ ޕާޓީގެ ޖަގަހައަށް ގެއްލުން ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޕީޕީއެމް ތަކެއްޗަށް ގެއްލުން ދިން މީހުން، އެ ޕާޓީގެ ސަޕޯޓަރުންނާ ކުރިމަތިލައި، މާރާމާރީ ހިންގިކަމަށް ނިހާން ވިދަޅުވިއެވެ. އަދި މާރާމާރީގައި އަނިޔާވި ޕީޕީއެމްގެ 10 ސަޕޯޓަރަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދޭން ޖެހުނު ކަމަށް ނިހާން ވިދާޅުވިއެވެ.
އެ ރަށު ބަނދަރު ސަރަހައްދުގައި ޕީޕީއެމް ސަޕޯޓަރުން ހަދާފައި ހުރި ބައެއް މޮނިއުމަންޓްތަކަށް އެމްޑީޕީ ސަޕޯޓަރުން ގެއްލުން ދިން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ގިނަ އަދަދެއްގެ ދިދަތަކެއް މޫދަށް އުކާލި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮލަމާފުށީގައި ދަމާފައި ހުރި ޕީޕީއެމްގެ ދިދަތަށް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް، ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ޕީޕީއެމްގެ ގިނަ އަދަދެެއްގެ ދިދަތައް ކަނޑާލާފައި ހުންނަ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ. އަދި ދިދަތައް ކަނޑާލި މީހުންނާ، ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ޒުވާބުކުރާ މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮލަމާފުށީގައި ހަމަނުޖެހުން ހިނގި އިރު، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް މިއަދު ވަޑައިގަންނަވާނެއެވެ.