އެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން އަލީ މައުރޫފާ ހަވާލުކޮށްފި

އެމްޑީއޭގެ ހިންގުން މިހާރު ވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ ހަވާލުކޮށްފައި--- ސަން ފޮޓޯ: ފަޔާޒް މޫސާ

މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)ގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ ހަވާލުކޮށްފި އެވެ.

އެމްޑީއޭގެ ހިންގުން މައުރޫފާ ހަވާލުކޮށްފައި ވަނީ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ރިޔާސަތުގައި މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލުގެ ޖަލްސާއެއްގަ އެވެ. އެއާ އެކު ޕާޓީގެ ހިންގުމުގައި އެމްޑީއޭގެ ލީޑަރަށް ލިބިގެންވާ އެންމެހާ ބާރުތަކާއި އިހުތިޔާރުތައް ވަނީ ގަރާރަކުން މައުރޫފާ ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.

ޕާޓީގެ ހިނގުން މައުރޫފާ ހަވާލުކުރުމަށް ފާސްކުރުމާ އެކު ސިޔާމް ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ. އެއަށް ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މައުރޫފެވެ.

މިއަދުގެ ޖަލްސާގައި ވަނީ އެ ޕާޓީގެ ކައުންސިލުން ހުސްވެފައިވާ ހަތަރު މަގާމަށް ބޭފުޅުން އައްޔަން ވެސް ކޮށްފަ އެވެ.

އެ ޕާޓީގެ ގައުމީ ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވައި މައުރޫފު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ތާއީދު ކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަރަށް އަވަހަށް ގައުމީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ގާނުނީ ގޮތުން އެމްޑީއޭގެ ހިންގުމުގެ އެންމެހާ ބާރުތައް ލިބިގެން ވަނީ އެ ޕާޓީގެ ގައުމީ ކައުންސިލަށެވެ.

comment ކޮމެންޓް