އިދިކޮޅަށް ވެރިކަން ދީފި ނަމަ ދިވެހި ބިމުން އިސްލާމް ދީން ފޮހެވޭނެ: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ ދިވެހި ބިމުން އިސްލާމް ދީން ފޮހެވިގެން ދިއުން ނޫން އެހެން އެއްވެސް ކަމެއް ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އިންނަމާދޫ ބަނދަރު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީން ބާއްވަން ބޭނުން ނަމަ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް އޮތީ އެންމެ ޗޮއިސް އެއް ކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި "މިއީ ވަރަށް ގައުމީ ވާހަކައެއް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން މި ފަސް އަހަރު ފުރިހަމަކުރައްވާ އިރު މިފެންނަނީ ކޮންކަމެއްތޯ؟ މިތަނުގައި އިސްލާމްދީން ވަރުގަދަކޮށް، އިސްލާމީ އަގީދާ ވަރުގަދަކޮށް، ކުޑަކުދިންނާއި އަންހެނުންނާއި ބޮޑެތި މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދެއްވަމުން ދާތަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަސައްކަތް ކުރައްވަނީ އަމިއްލަ ބާރުގައި ނޫން ކަމަށެވެ. އެގޮތުން، އިބޫ މަސައްކަތް ކުރައްވަނީ ރައީސް މުހައްމަދު ނަޝީދު އަންގަވާ ގޮތަށް ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކަށް ވާގިވެރިވާ މީހުންނަކީ އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް