"އިންތިގާލީ މި ރައްދުވަނީ ދާއިމީ ކަމަކަށް ނޫން"

ރައީސް ޔާމީން --- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ކޯލިޝަނުން އިންތިގާލީ އިންސާފެއްގެ ވާހަކަ ދައްކާ ކަމަށާއި އިންތިގާލީގެ މާނައަކީ ވަގުތީ ކަމަކަށް ވާއިރު އިންތިގާލީ އިންސާފަކީ ވަގުތީ ފަރުވާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި ޕީޕީއެމް އިން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިންތިގާލީ އިންސާފަކީ ކޮންއެއްޗެއްތޯ އެމަނިކުފާނުގެ އިންތިހާބީ ވާދަވެރިޔާ، އިބްރާހިމް މުހައްމަދު ސާލިހާ ސުވާލު ކުރައްވައިފަ އެވެ.

"އިންތިގާލީ މި ރައްދުވަނީ ދާއިމީ ކަމަކަށް ނޫން. ވަގުތީ ކަމަކަށް މި ރައްދުވަނީ އިންތިގާލީ. އެހެންވީމާ އިންތިގާލީ އިންސާފު ވެގެންދަނީ ވަގުތީ އިންސާފަކަށް. އެއީ ވަގުތީ ފަރުވާއެއް. އަދި އެ ފަރުވާ ރަނގަޅު ފަރުވާއަކަށް ހެދުމަށް ޓަކައި ދާއިމީ ފަރުވާއަކަށް ހެދުމަށް އެކަން ކުރަންވާނީ،"

ރައީސް ވިދާޅުވީ އިންސާފު ގާއިމް ވެގެންދަނީ ސުޕްރީމް ކޯޓާއި ދަށު ކޯޓުތަކުން ކުރާ ހުކުމްތަކުގެ މައްޗަށް ކަމަށެވެ. އެތަންތަނުން އިންތިގާލީ ހުކުމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވި އިރު ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އިބޫ ވަނީ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފި ނަމަ ފުރަތަމަ ދެ އަހަރު ތެރޭގައި އޮންނާނީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އަނިޔާތަކަށް އިންތިގާލީ އިންސާފު ހޯދައިދިނުން ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަމާޒަކަށް ވެގެންދާނީ ފުރަތަމަ 18 ނޫނީ 20 މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އަދާލަތު ގާއިމް ކުރުމުގެ މަސައްކަތް. މި ސަރުކާރުގެ ދުވަސްވަރު ހިންގާފައި ހުރި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ބަލައި ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" އިބޫ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދިވެހީންނަށް ވީ އެންމެ ބޮޑު ޚިޔާނާތަކީ ޖީއެމްއާރުގެ މައްސަލަ ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޖީއެމްއާރުގެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އޭގެ ކުރިން 35 އަހަރުގެ ތެރޭ ސަރުކާރަށް ގެއްލިފައިވާ ފައިސާގެ އަދަދު އެސެޓް ރިކަވަރީ ކޮމިޝަނުން ދެނެގަނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތް އަލުން އެހެން ބަޔަކު ކުރަން ނުޖެހޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ޖީއެމްއާރުގެ މުއާމަލާތްތަކާ މެދު ތަފްސީލުކޮށް ވާހަކަދައްކާ، އަދި ރައްޔިތުން އަޅުގަނޑަށް ދެވަނަ ދައުރެއް ދެއްވައިފި ނަމަ މި މައްސަލަ ބަލަން އެބަ ޖެހޭ."

ރައީސް ވިދާޅުވީ އެ މައްސަލައިގެ ހިސާބުތައް މަތިމަތިން ބަލާއިރު ދިވެހީންނަށް ލައްކަ ހުވަފެން ދައްކާފައިވާކަން އެނގިގެންދާ ކަމަށެވެ.

ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުގެ ގެއްލުމެއް އޭގެ ސަބަބުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ލިބުނު ކަމަށާއި އެއާޕޯޓު އަނބުރާ ހޯދުމަށް 320 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ޖީއެމްއާރަށް އެއާޕޯޓް ހިންގަން ހަވާލުކުރުމުން ލިބުނު މާލީ ގެއްލުންތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވައިފަ އެވެ.

މިއީ އެނގިތިބެ ސަރުކާރުގެ ބާރު ނޯންނަ ގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް