ދުވާފަރުގައި އެމްޑަބްލިއުއެސްސީ އިން ގާއިމްކުރާ ބޮޓްލިން ފެކްޓްރީގެ 95 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ބޮޓްލިން ޕްލާންޓުން އުފައްދާ ފެން ޓެސްޓު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އިން ޓީމެއް މާދަމާ އެރަށަށް ދާނެ ކަމަށެވެ.
"އެބޭފުޅުން މިކޮޅަށް ވަޑައިގެން އޮޑިޓް ކުރެއްވުމަށްފަހު ލައިސެންސް އިޝޫ ކުރެއްވުމުން ދުވާފަރުގައި ބޮޓްލިސް ސްޓާޓު ކުރާނަން،" ފަޒުލް ވިދާޅުވި މި ޕްލާންޓުގެ ހިދުމަތް ދުވާފަރުގެ އިތުރުން މުޅު ރ. އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ދުވާފަރުގެ އިތުރުން ހދ. ކުޅުދުއްފުށީގައިވެސް އެމްޑަބްލިއުއެސްސީގެ ބޮޓްލިން ޕްލާންޓެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތް ވެސް އަންނަ މަހުގެ 10ގެ ކުރިން މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
މި ޕްލާންޓުތަކާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
"15 ވަޒީފާގެ ވަޒީފާގެ ފުރުސަތު އިތުރުވެއްޖެ. އަދި ޑިސްޓްރިބިއުޝަން ނެޓްވޯކު އިއުލާނު ކުރުމުން މިއީ ޒުވާނުންނަށް ލިބޭ ފަހި ފުރުސަތުތަކެއް،" ފަޒުލް ވިދާޅުވީ ޑިސްޓްރިބިއުޝަން މަސައްކަތް ދޫކޮށްލާނީ ދުވާފަރާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަމަށެވެ.
ފެނާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް އެމްޑަބްލިއުއެސްސީ އިން ކުރަމުންދާއިރު މިސަރުކާރުން ހަވާލުކުރި 54 ޕްރޮޖެކްޓުގެ ތެރެއިން 50 ޕްރޮޖެކްޓް ނިމިފައިވާ ކަމަށާއި ބާކީ ހަތަރު ޕްރޮޖެކްޓުތައްވެސް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އެމްޑަބްލިއުއެސްސީ ގެ މަސައްކަތަކީ ދިވެހިންގެ މުސްތަގުބަލް އުޖާލާކުރުން ކަމަށެވެ. ނަމަވެސް އިދިކޮޅުން ވެރިކަމަށް އައިސްފިނަމަ ކުންފުނި ވިއްކާލާނެ ކަމަށް ބުނަމުންދާ ކަމަށާއި މީގެ ކުރިންވެސް 40 މިލިއަން ޑޮލަރުގެ ފެން ކުންފުނި 16.3 މިލިއަން ރުފިޔާ އަށް ބޭރުގެ ފަރާތަކަށް ވިއްކާލާފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ.