އެޕަލް އިން ކުރިއަށް ރާވާފައި ހުރީ ކޮންކަންތަކެއް؟

ޓެކްނޮލަޖީގެ ދުނިޔެ އިން މިހާރު ކުރާ އިންތިޒާރަކީ އެޕަލްގެ އާ އުފެއްދުންތަކުގެ ވާހަތައް އާންމުކުރާނެ ދުވަހަކަށް ކުރާ އިންތިޒާރެވެ. އަންނަ މަހުގެ ދެވަނަ ހަފްތާ ތެރޭގައި މި އާ އުފެއްދުންތައް ފެންނާނެ ކަމަށް ބެލެވެ އެވެ. އެޕަލް އިން މި އަހަރު އަލަށް ނެރޭނެ ކަމަށް ބެލެވޭ އުފެއްދުންތަކުގެ ވާހަކަ މިހާރު ވަނީ ތުންތުންމަތިން ދެކެވެން ފަށައިފަ އެވެ.

ވިޔަފާރީގެ ވާހަކަތައް ގެނެސްދޭ ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލް އިން މި އަހަރުން ތިން ރޭންޖެއްގެ އައިފޯނު ނެރޭނެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ނެރުނު އަގުބޮޑު އައިފޯނު އެކްސްގެ އަޕްގްރޭޑެޑް ފޯނަކާއި އަގުހެޔޮ އައިފޯނެއްގެ އިތުރުން "ހައި އެންޑް" އައިފޯނެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އައިފޯނު އެކްސް ގެ އަޕްްރޭޑެޑް ފޯނުގައި 5.8 އިންޗި ހުންނާނެ ކަމަށާއި ހައިއެންޑް ފޯނުގައި 6.5 އިންޗި ހުންނާނެ ކަމަށް ބެލެވެ އެވެ. އަދި އަގުހެޔޮއައި ފޯނަކީ އައިފޯނު އެކްސް އަކާ ވައްތަރު 6.1 އިންޗީގެ ފޯނެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އަގުހެޔޮވާނެ ކަމަށް ބެލެވޭ ފޯނަކީ ޑުއަލް ސިން ސަޕޯޓު ކުރާނެ، ގިނަ ކުލަތަކަކުން ގަންނަން ލިބޭނެ ފޯނެއް ކަމަށް ވެސްވެ އެވެ. ތިން ފޯނުގައި ވެސް ފޭޝަލް ރިކޮގްނިޝަން ހިމަނާނެ އެވެ. މި ފޯނުތަކަށް ދޭނެ ނަމާމެދު އަދި މާބޮޑު ބަހުސެއް ނުކުރެވުނު ނަމަވެސް ހައި އެންޑް އައިފޯނަށް ދޭނެ ނަމަކީ އައިފޯނުއެސްއެސް ޕްލަސް ކަމަށް ބެލެވެ އެވެ.

މި އާ ފޯނުތަކާ އެކު ސްކްރީން ބޮޑު އައިވޮޗް އައި އަޕްގްރޭޑެޑް އެއާޕޮޑްސް ވެސް ބާޒާރަށް ނެރޭނެ އެވެ. އަދި ދިގު އިންތިޒާރެއް ކުރަން ޖެހުނު ވަޔަލެސް ޗާޖަރު ވެސް މިއަންނަ މަހު އާންމުކުރާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް