ހުޅުމާލެ-2 އިން ފްލެޓަށް އެދި 11،000 ވުރެ ގިނަ ފޯމު

ޑރ. މުހައްމަދު މުއިއްޒު: އޭނާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން އަލަށް ހިއްކި ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓް ހޯދުމަށް އެދި 11،752 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ގެދޮރާއި ބެހޭ ވަޒީރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ފަށާފައި އެންމެ ބޮޑު ދެ މަޝްރޫއަކީ ހުޅުމާލޭގެ ހިޔާ މަޝްރޫއު އާއި ވިލިމާލެ-2 ގެ ގޮތުގައި ތަރައްގީކުރާ "ހިޔާ އެކެމްޕްލިޝްޑް" މަޝްރޫއު ކަމަށެވެ. އަދި އެ ދެ މަޝްރޫއަށް ވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

"އީދު ބަންދު ތެރޭގައި ވެސް އަޅުގަނޑުމެން މިދަނީ ފޯމު ދޫކޮށް، ބަލައިގަންނަމުން. މިއަދާއި ހަމައަށް 11،752 ފޯމު މިހާރު އަޅުގަނޑުމެނަށް ލިބިފައި އެބައޮތް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ބޭނުންވެގެން،" މުއިއްޒު ރޭ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 11،750 ފްލެޓު އެޅުމަށޤ ސޮއިކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 9،000 ފްލެޓުގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށްދާ ކަމަށެވެ. އަދި މީގެ ކުރިން ހުރިހާ ސަރުކާރުތަކަކުން އެޅި ފްލެޓުގެ އަދަދަށް ވުރެ، މި ސަރުކާރުގެ ފުރަތަމަ ދައުރުގައި އަޅާ ފްލެޓުގެ އަދަދު ގިނަކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފޯމު ބަލައިގަތުމުގެ މުއްދަތު މި މަހުގެ 31 އަށް ހަމަވާއިރު ގިނަ ފަރާތްތަކަކުން ފޯމު ހުށަހަޅާނެކަމަށް އުންމީދު ކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

https://sun.mv/108596

މި އަހަރުގެ މިނިވަން ދުވަހު ސަރުކާރުން އިއުލާނު ކުރި "ހިޔާ އެކޮމްޕްލިޝްޑް" މަޝްރޫއު ނިމިގެން ދާއިރު، ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ އެއްވެސް ރައްޔިތެއް ނުހުންނާނެކަމަށް މުއިއްޒު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

"އީދު ބަންދަށް އަޅުގަނޑުމެން ބަންދުކޮށްލި އިރު މި މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ހޯދުމަށް އެބައޮތް 6،352 ބޭފުޅަކު ފޯމު ނަންގަވާފައި. އަދި ފޯމު ބަލައިގަތް ދެ ދުވަހުގެ ތެރޭގައި އެބައޮތް 1،532 ބޭފުޅުން ފޯމު ލާފައި،" މުއިއްޒު ވިދާޅުވިއެވެ.

އަމަލީ މަސައްކަތް ފެށިފައި ނުވި ނަމަވެސް ރައްޔިތުންގެ ފަރާތުން "ވިލިމާލެ 2" މަޝްރޫއަށް އެހާ ބޮޑު ތަރުހީބެއް ލިބެމުން ދަނީ ރައީސް އަބްދުﷲ ޔާމީނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންކަން މުއިއްޒު ވިދާޅުވިއެވެ. އަދި ހިޔާ އެކޮމްޕްލިސްޑް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް