މައުލޫމާތު ނުދޭނަމަ، މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ މަސްމާރުކޭޓްގެ ތެރެއިން: މައުލޫމާތު ނުދޭނަމަ، މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭނުންވާ މައުލޫމާތުތައް ނުދޭނަމަ، މާލޭގެ މަސް މާރުކޭޓު އަޅާ ބިން, ހައުސިން މިނިސްޓްރީއާ, ހަވާލުނުކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަސް މާރުކޭޓު އެޅުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެކަމަކު، އެ ބިން ހަވާލުކުރުމުގެ ކުރިން ގާނޫނީ ގޮތުން ސިޓީ ކައުންސިލުން ކަންކަން ކުރަން އެބަހުރި ކަމަށާއި ބިން ހަވާލުކުރުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއް ކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ މާރުކޭޓު އަވަހަށް އަޅަން ބޭނުންފުޅުވި ނަމަވެސް، އެ ކަމަށް ލަސްތަކެއް ކުރިމަތިވަނީ ކަންތައްތައް "އޮޅުން ބޮޅުންވެފައި" އޮތް ވަރުން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި މޭޔަރު އާޒިމް ވާހަކަދައްކަވަނީ ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އާޒިމް ވަނީ ކައުންސިލްގެ ބައްދަލުވުންތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަގުތު ދެއްވައިގެން ޒިންމާ އަދާކުރެއްވުމަށް ގޮވާލައްވާފައެވެ.

އެ ބައްދަލުވުމުގައި މޭޔަރު ވަނީ، ސިޓީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް އެ ކައުންސިލަށް ލިބިގެން ނޫނީ، ބިން ހަވާލުނުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި، މައުލޫމާތު ނުލިބިއްޖެނަމަ، ބިން ހަވާލުނުކުރާން ނިންމުމަށް ވެސް މޭޔަރު ހުށަހެޅުއްވިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު މޭޔަރުގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވިއިރު، މޭޔަރުގެ ހުށަހެޅުއްވުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. މިހާރުގެ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ކައުންސިލެކެވެ.

އޭގެ އިތުރުން، މިއަދު ހައުސިން މިނިސްޓްރީން މައުލޫމާތު ދީފިނަމަ، އެ ކަން ދިރާސާ ކުރުމަށްފަހުގައި މަސައްކަތް ފެށުމަށް ބޭނުންވާ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

https://sun.mv/211793

ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވާލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމެވެ.

އެ ކަން ބަލަން ލީގަލް ސެކްޝަންގެ ވެރިޔާ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނެވެ. ނަމަވެސް އޭރު ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލުގެ ކޯރަމް ހަމައެއް ނުވިއެވެ.

މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހައުސިން މިނިސްޓްރީއާ ހަވާލުކުރުން މާލެ ސިޓީ ކައުންސިލުން މަޑުޖައްސާލައިފިއެވެ. މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، މިގޮތަށް ނިންމީ ބިން ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ ކަންކަމާއި މައުލޫމާތުތައް ސާފުކޮށްދިނުމަށް އެދިފައިވީ ނަމަވެސް އެކަންކަން ފުރިހަމަވެފައި ނުވާތީއެވެ. މި މައުލޫމާތުތައް ލިބުމުން، އެކަންކަން ދިރާސާކުރުމަށްފަހު މަސައްކަތް ފެށުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފައެވެ.

  • ބޭނުންވާ މައުލޫމާތު ނުދެނީސް މަސް މާރުކޭޓުގެ ބިން ހަވާލުނުކުރަން ކައުންސިލުން ވަނީ އިއްތިފާގުން ފާސްކޮށްފައެވެ.
  • ބިން ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ ކަންކަން ހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.
  • މައުލޫމާތު ލިބިއްޖެނަމަ އެކަން ދިރާސާކުރުމަށްފަހު ކައުންސިލުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
  • ކުރީގެ މޭޔަރުގެ ދައުރުގައި 6.1 މިލިއަން ޑޮލަރަށް ހަވާލުކުރި މި މަޝްރޫއު، ފަހުން ވަނީ 9.5 މިލިއަން ޑޮލަރަށް ބަދަލުކޮށްފައެވެ.
comment ކޮމެންޓް