މާލެ އާއި ވިލިމާލެ ގުޅުވާލައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 1000 އަކަފޫޓުގެ ގެއެއް

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވިލިމާލެ އާއި މާލެ ގުޅުވާލައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 1000 އަކަ ފޫޓުގެ ބިމެއް ނުވަތަ އެވަރުގެ ތަނަވަސްކަން ހުރި އެޕާޓްމެންޓެއް ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސްބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިރިއުޅުމުގެ ފަސޭހަތަކަށް ބޭނުންވާ ގިނަ ކަންކަން ގާއިމްކޮށް ފުރިހަމަ ކޮށްދީފައި ހުރި ނަމަވެސް ބޯހިޔާވެހިކަމުގެ މައްސަލައަށް އަދިވެސް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން އެންމެ ބޮޑަށް އެނގިގެން ދަނީ މާލެ ސަރަހައްދުގައި އިމާރާތްކުރެވުނު ކޮންމެ ފުލެޓަކަށް ވެސް އެވްރެޖްކޮށް 20 މީހުން ކުރިމަތިލާފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ޔޫތު ސިޓީގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫއުން އެއްލައްކައަށް ވުރެ ގިނަ މީހުނަށް ބޯހިޔާވެހިކަން ކަށަވަރު ވާނެ ނަމަވެސް އަދިވެސް ބޯހިޔާވެހިކަމުގެ މައްސަލަ އެއްކޮށް ހައްލު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް ގެންގުޅުއްވާ ޕްލޭން މިރޭ ވަނީ އިއުލާން ކުރައްވާފައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2 ގައި އާބާދުކުރެވޭ އެއްލައްކައަށްވުރެން ގިނަ މީހުންގެ އިތުރުން ވިލިމާލެ ފޭސް ދޭއްގައި 315،000 މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތާ އެކު ދެވަނަ ޝަހަރު ތަރައްގީކޮށް މާލެއާ ގުޅާ ލެވޭނެ. މި މަޝްރޫއު 'ހިޔާ އެކޮންޕޮލިޝްޑް' މަޝްރޫއުގެ ތެރެއިން މިހާރު ގެދޮރު ނެތް 18 އަހަރުން މަތީގެ މީހުންށާއި މިއަދުގެ މިނިވަން ދުވަހުން ފެށިގެން 2030 ވަނަ އަހަރުގެ މިނިވަން ދުވަހާއި ހަމައަށް 18 އަހަރު ފުރެމުންދާ ހަމަ ކޮންމެ ޒުވާނަކަށްވެސް މަދުވެގެން 1000 އަކަފޫޓުގެ ބުމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމެންޓެއް ލިބި ދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ހިޔާ އެކޮންޕޮލިޝްޑް މަޝްރޫއު ނިމުމުން ބޯހިޔާވަހިކަން ނެތް އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުއްޖަކަށް ވެސް މާލެގައި ދިރިއުޅޭ ކުދިންނެކޭ އެއްފަދައިން ކުރިއަށް ދިޔުމުގެ ފުރުސަތުތަކާއެކު ތައުލީމުގެ ދޮރުތައް ހުޅިފައި ހުންނަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ހައްދުންމަތީގައި މަންމަޔަކާއެކު އެކަނި ދިރިއުޅެމުންދާ ޢަލީއަކީވެސް ރައްކާތެރިކަމާއެކު ބޮޑުވެ މުސްތަޤްބަލު އުޖާލާކުރެވިފައިވާ ކުއްޖަކަށްވުން. ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް އެއްވެސް ކުއްޖަކީ އަދި އެއްވެސް މީހަކީ އެއްފަރާތް ކުރެވިފައިވާ މީހެއް ކަމުގައި ނުވުން. މި ނޫ ފަޅުތަކާއި ހުދު ގޮނޑުދޮށްތަކަކީ އެންމެ ފުރިހަމަ މާނައިގައި އަމާން، ފާގަތި އަދި ރައްކާތެރި ތަންތަނަށް ހެދުން،" ރާއްޖޭގެ ރައްޔިތުންނާ މެދު ރައީސް ކުރައްވާ އުންމީދު ހާމަކުރައްވަމުން ވިދާޅުވިއެވެ.

comment ކޮމެންޓް