ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އަނބުރައި ގެންދަވައިފި އެވެ.
މިކަން ހާމަކުރެއްވީ ދާދި ދެންމެ އަކު ނޫސްވެރިންނާ ބައްދަލުކުރައްވައި، އިދިކޮޅު ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ އެވެ.
ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާފައި ވަނިކޮށް، އިބޫ ވެސް ދައުވަތު ގަބޫލު ކުރެއްވި ކަމަށް އެމްއެންޔޫ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މިއަދު މާރިޔާ ވިދާޅުވީ އިބޫ ބަހުސްގެ ދައުވަތު އެއްވެސް އިރެއްގައި ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ނަމަވެސް ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އޭނާ ގެންގުޅުއްވި ކަމަށެވެ. އަދި މިހާރު އެ ޝައުގުވެރިކަން ވެސް އަނބުރާ ގެންދަވާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ސަބަބެއް ކަމުގައި މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އެމްއެންޔޫގެ ބަހުސް ފިޔަވައި އެއްވެސް އެހެން ބަހުސެއްގައި ބައިވެރި ނުވުމަށް ނިންމާފައި ވުމެވެ.
"ވަކި ތަނަކަށް އާނބަސް ވިދާޅުވެފައި ދެން ހުންނަ ތަންތަނަށް ނޫނެކޭ ވިދާޅުވާ ކަމަށް ވަންޏާ، އަޅުގަނޑުމެންނަކަށް ނުފެނޭ އެއީ މިނިވަން ބަހުސެއްހެން އެކަން ހިނގައިދާނެ ހެން. ނުވަތަ ޑިބޭޓް ވެސް އޭގެ ޒާތުގައި އޮންނަން ޖެހޭ ގޮތަށް ގޮސްދާނެ ކަމަށް. އެހެން ކަމާ އެކީގައި މި ދަންނަވަނީ އަޅުގަނޑުމެންނަށް ޝައުގުވެރިކަމެއް ނެތޭ އެމްއެންޔޫގައި އެ އޮންނަ ޑިބޭޓުގައި ބައިވެރިވާން،" މާރިޔާ ވިދާޅުވި އެވެ.
އެމްއެންޔޫގެ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އިބޫ އަނބުރާ ގެންދަވާފައިވީ ނަމަވެސް، ރާއްޖެ ޓީވީ އިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އަދި އެ ބަހުސްގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރީ އެއީ ހެޔޮނިޔަތެއްގައި ކުރަން އުޅުނު ކަމެއް ކަމަށް ދެކިވަޑައިގެން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި ދުރާލާ ތައްޔާރުވުމަށް ބޭނުންވާ އިރު މިހާތަނަށް ބަހުސް ބާއްވާ ގަޑިއެއް ވިދާޅުނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އެމްއެންޔޫ ރިޔާސީ ބަހުސް 2018"ގައި ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ހާއްސަ ބަހުސްއަކާއި ރަނިންގް މޭޓުންނަށް ހާއްސަ ބަހުސެއެއް ވެސް ބާއްވަން ވަނީ ރާވައިފަ އެވެ. އިބޫ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އަނބުރާ ގެންދަަވާފައިވާ އިރު ރަނިން މޭޓުންގެ ބަހުސް ކުރިއަށް ދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.