ރައީސް ޔާމީން ކޮށްދެއްވި ކަންތައްތަކެއް ބަލައިގަތުމުގެ މާނައަކީ އިތުރު ދައުރެއް ދެއްވުން: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު: އޭނާ ވިދާޅުވީ ރައީސް ޔާމީން ކޮށްދެއްވި ކަންތައްތަކުގެ ބަދަލުގައި އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ބަލައިގަންނަ ނަމަ ރައީސް ޔާމީނަށް އިތުރު ދައުރަކަށް ރައްޔިތުން އިންތިހާބު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ދެ ރަށަކަށް މިއަދު ރައީސް ޔާމީން ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަނަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ހެޔޮއެދިގެން އިޚްލާސްތެރި ވެރިކަމެއް ކޮށްދެއްވުމަށްޓަކައި ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދައުރު ހަމަވާން ކައިރިވެފައިވާއިރު ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެކަން އަޅުގަނޑު ޔަގީން ކުރަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ބަލައިގަންނާނެ ކަމަށް. ބަލައިގަތުމުގެ މާނައަކީ އެމަނިކުފާނު ތިޔަ ރައްޔިތުންނަށްޓަކައި އިތުރު ކަންތައްތަކެއް ކޮށްދެއްވުމަށް ފުރުސަތު ދެއްވުން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބަލައި ގަންނަ ކަމުގެ މާނައަކަށް ވާނީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ބަނދަރު ހެދުމުގެ މަޝްރޫއުތަކަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާމުންދާ މަސައްކަތެއްކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން މި ވެރިކަމުގައި 70 ބަނދަރު އަޅައިދީފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މަރާމާތުގެ މަސައްކަތްތައް ހިމަނައިފި ނަމަ ބަނދަރު ހެދުމުގެ މަސައްކަތްތައް ފަޅު ފުންކުރުމާއި ތޮށި މަރާމާތު ކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމަނައިގެން ބަނދަރުގެ މަސައްކަތްތައް ރައީސް ޔާމީން 108 ރަށުގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހަމައެކަނި ބަނދަރުގެ މަޝްރޫއުތަކަށް ނަޒަރު ހިންގާލި ނަމަވެސް އެއް ދައުރެއްގައި އެހާ ގިނަ ބަނދަރު އަޅައިދިން ސަރުކާރެއް މި ރާއްޖެ ދެކިފައި ނުވާނެ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެންމެފަހުން ނިމި ދިޔަ އެމްޑީޕީގެ ވެރިކަމުގައި ހެދިފައިވަނީ 24 ބަނދަރުކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް