އެއް މިލިއަން ދިވެހިން ...

ރާއްޖޭގެ ރަށެއްގައި ކުޑަކުދިންތަކަކާއި ބޮޑެތި މީހުން --

މަސައްކަތުގެ ދާއިރާގައި ބައްދަލު ވާ ރާއްޖެއިން ބޭރުގެ އެކިއެކި މީހުން ދިވެހިރާއްޖެއާ ބެހޭގޮތުން މައުލޫމާތު ހޯދުމުގެ ބޭނުމުގައި ކުރާ ސުވާލުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއާ ބެހޭގޮތުން ކުރާ ސުވާލު އަޅުގަނޑާ ވެސް ލައްކަ ގިނަ ފަހަރު ކުރެވިއްޖެއެވެ. ދިވެހިރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް ހަތަރު ލައްކައޭ ބުނެ އަޅުގަނޑު ޖަވާބު ދިނުމުން، އެއިން ކޮންމެ މީހަކު ވެސް ހުންނަނީ ހައިރާން ވެފައެވެ. ކޮންމެ މީހަކު ހެން ބުނާ އެއް ވާހަކަޔަކީ އެހައި ކުޑަކުޑަ އާބާދީއެއް އޮތުމުން ގައުމެއްގެ ގޮތުގައި ކުރި އަރައި ތަރައްގީ ވުމަށް ގޮންޖެހުންތައް ހުންނާނެ ވާހަކައެވެ. "ތިޔައީ އަހަރެމެންގެ ގައުމުގެ އަވަށެއްގެ އާބާދީއަށް ވުރެ ވެސް މަދު އަދަދެކޭ" މި އީޖާބު އަޑު އަހާން ޖެހެނީ ވެސް މަދެއްކޮށެއް ނޫނެވެ.

ދިވެހިރާއްޖޭގެ އާބާދީ ކުޑަ ވުމަކީ މައްސަލައެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިނުގެންފާނެއެވެ. އެފަދަ ބޭފުޅުންގެ ޚިޔާލުފުޅަށް އަޅުގަނޑު ފުރިހަމަޔަށް އިހުތިރާމު ކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ވިސްނުމުގައި ދިވެހި އާބާދީ ކުޑަ ވުމާއި، އާބާދީ އިތުރު ވާ ނިސްބަތް މިހާރު ހުރި މިންގަނޑުގައި ހުންނަ ހުރުމަކީ ގައުމީ ފެންވަރުގައި ވިސްނާން ޖެހިފައި އޮތް މައްސަލައެކެވެ.

އަވަސް ކަޅިއަކުން ބައެއް ކަންކަމަށް ބަލައިލަމާ ހިންގަވާށެވެ. ދިވެހިރާއްޖޭގައި މިހާރު 195 ވަރަކަށް ރަށުގައި މީހުން އެބަ ދިރިއުޅެއެވެ. އެ އަދަދު 40 އަށް ދަށް ކޮށްލައި، ކޮންމެ އަތޮޅެއްގައި މީހުން ދިރިއުޅޭ ދެ ރަށް ބޭއްވިޔަސް، ރާއްޖޭގެ މިހާރުގެ އާބާދީން ރަށަކަށް ޖެހޭނީ ގާތްގަނޑަކަށް 10000 އެވެ. އެ ވަރުގެ އާބާދީއެއް އޮންނަ ރަށެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ބަނދަރުތަކާއި ހަސްފަތާލުތަކާއި ތައުލީމާއި ތަމްރީނުގެ މަރުކަޒުތަކާއި ކުޅިވަރުގެ ވަސީލަތްތަކާއި ޕާކުތައް ފަދަ ވަސީލަތްތައް ގާއިމު ކޮށްގެން އެ ތަންތަނުގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދިނުމަކީ އިގުތިސާދީ ގޮތުން ބަލާ އިރު ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. އެ ތަންތަނުގެ ބޭނުން ކުރާ މީހުންގެ އަތުން ޚިދުމަތުގެ ބަދަލުގައި ނެގޭ އެއްޗަކުން އެ ތަންތަން ހިންގައި ބަލަހައްޓައި ދެމެހެއްޓުމަށް ކުރާން ޖެހޭ ޚަރަދުން އެކަށީގެން ވާ މިންވަރެއް ނުހޯދޭނެތީއެވެ. ހަމަ އެހެންމެ، އެ ވަރުގެ އާބާދީއެއްގައި އުފައްދާ ތަކެއްޗާއި ފޯރު ކޮށްދެވޭ ޚިދުމަތްތައް ގަންނާނެ، އަދި ފިހާރަތަކަށް ގޮސް ވިޔަފާރި ކުރާނެ އެކަށޭނަ މާކެޓެއް ނޯންނާނެތީ، އެ ތަންތަނުގައި ވިޔަފާރިތައް ތަރައްގީ ވެ ފުޅާ ވެގެން ދިޔުން އޮންނާނީ އިންތިހާ ދަރަޖަޔަށް މަހުދޫދު ވެފައެވެ. ގައުމީ ފެންވަރުގައި، ރާއްޖޭގެ އިގުތިސާދު ޑައިވާރސިފައި ކުރުމަށް ޓަކައި އައު ސިނާއަތްތައް ގާއިމު ކުރާން ބެލިޔަސް، ދިމާ ވާ އެންމެ ބޮޑު އެއް މައްސަލަޔަކީ އުފެއްދުންތެރި އަތްތައް މަދު ވުމުގެ މައްސަލައެވެ. އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރާން ބޭނުން ވާ ވަރަށް މަސައްކަތްތެރީން ފޯރު ކޮށްދެވޭ ވަރުގެ "ލޭބަރ ފޯހެއް" ނެތުމުގެ މައްސަލައެވެ. އެހެން ބައެއް ކަންކަމަށް ބަލާ ނަމަ، ދިވެހިރާއްޖޭގެ ދިފާއީ ކަންކަން ފުރިހަމަޔަށް އިންތިޒާމު ކޮށް ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދު އެކަށީގެން ވާ ގޮތެއްގައި ބެލެހެއްޓޭ ވަރުގެ ލަޝްކަރެއް ބިނާ ކުރުމަށް ޓަކައި ބޭނުން ވާ އަދަދަށް ވެސް ރާއްޖޭގެ އާބާދީން މީހުން ލިބޭކަށެއް ނެތެވެ.

ވަރަށް ޚުލާސާކޮށް މި ދެންނެވީ، އެކަށީގެން ވާ ވަރަށް ވުރެ އާބާދީ ކުޑަ ވުމުން ދިމާ ވާ ކަމަށް އަޅުގަނޑަށް ފެންނަ ބައެއް މައްސަލަތަކުގެ ވާހަކައެވެ. މި މައްސަލަތަކާ މެދުގައި ވިސްނުމުން، ރާއްޖޭގެ އާބާދީ އިތުރު ކުރުމަށް ބޭނުން ވާނެ ސިޔާސަތުތަކާއި އަމަލީ ޕްލޭންތައް އެކުލަވައިލައި، އިސްކަން ދެވޭ ކަމެއްގެ ގޮތުގައި މި ކަމަށް ދައުލަތުން ސަމާލުކަން ދޭން ޖެހިއްޖެ ކަމަށް ފެނެއެވެ. "އެއް މިލިއަން ދިވެހިން" ފަދަ ޝިއާރެއް ތައާރަފު ކޮށް، ގައުމުގެ އާބާދީ އިތުރު ކުރުމުގެ ގައުމީ މަސައްކަތެއް ފަށާން ޖެހިއްޖެ ކަމަށް ގަބޫލު ކުރެވެއެވެ. އަދި މި ކަމަކީ ލަސް ނުކޮށް ފަށައިގަންނާން ޖެހިއްޖެ ކަމެއް ކަމަށް ވެސް ގަބޫލު ކުރެވެއެވެ.

ތާރީޚަށް ބަލައިލާ އިރު، އާބާދީ އިތުރު ވާ ނިސްބަތް ދަށް ކޮށްގެން އާބާދީ މަދު ކުރުމުގެ ސިޔާސަތެއް ދިވެހި ސަރުކާރުން އެއް ޒަމާނެއްގައި ގެންގުޅުނެވެ. އާބާދީ މަދު ކުރުމުގައި ނުވަތަ ކޮންޓްރޯލު ކުރުމުގައި "ރަންވަނަތައް" ހޯދާ ރަށްރަށަށް ފާޑުފާޑުގެ އިނާމާއި އައްޑަނަތައް ދިން ހަނދާން ވެސް ވެއެވެ. އެ ދުވަސްވަރު އަޅުގަނޑުމެންނަކީ މަދަރުސާތަކުގައި ކިޔަވަމުން ދިޔަ ޅަފުރައިންނީމުއެވެ. އެ ބާވަތުގެ ކަންކަމާ މާ ބޮޑަށް ވިސްނައި ވާހަކަ ދައްކައިހެދުމުގެ ވިސްނުމެއް އެއިރަކު އަޅުގަނޑުމެންގެ ނުވެސް ނެތެވެ. އެކަން ދިޔަ ގޮތެއް ރަނގަޅަކަށް ހަނދާނެއް ވެސް ނެތެވެ. އެއިރުގެ ސަރުކާރުން އެކަން ކުރެއްވީ ވަރަށް ބޮޑު ހިކުމަތެއް އޮވެގެން ކަމާއި، އެއިރަށް އެއީ އެންމެ ރަނގަޅު ސިޔާސަތު ކަމުގައި ވުމީ ވެސް ހަމަ އެކަށީގެން ވާ ކަމެކެވެ. ވީމާ ސަރުކާރުން އެއިރު އެ ސިޔާސަތު ހިންގަވާން ޖެހުނު ސަބަބުތަކުގެ ވާހަކައެއް އަޅުގަނޑު ނުދައްކާނަމެވެ.

ނަމަވެސް މިއަދު ހާލަތު މިއޮތީ ބަދަލުވެފައެވެ. އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. މިއަދު މިއޮތީ އެއިރާ ތަފާތު އެހެން ވިސްނުންތަކެއް ނެރޭން ޖެހިފައެވެ.

ދިވެހިރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެކޭ، އާބާދީ މިއަށް ވުރެ އިތުރު ވެއްޖެ ނަމަ އިތުރު ވާ މީހުންކޮޅު ތިބޭނީ ނުކައޭ، މި ކަހަލަ ވާހަކަތަކެއް މިއަދު ވެސް ބައެއް މީހުން ދައްކާތީ އަޑުއިވެއެވެ. މި ވާހަކަތަކަށް ދީނީ އިލްމުވެރީން ދެއްވާނެ ޖަވާބެއް ކަމަށް ފެންނަނީ، ދުނިޔެއަށް ފޮނުއްވި ކޮންމެ ފުރާނައެއް ވެސް ގެންދަވާނީ އެ ފުރާނައަކަށް މިންވަރު ކުރެއްވި ރިޒުގެއް އަރުން އެތެރެ ކުރުމަށް ފަހުގައޭ، މިއެވެ. މިއީ ވަރަށް ވެސް މާނަ ފުން، ފަލްސަފީ ޖަވާބެކެވެ. ތިލަ ވިސްނުމަކުން ވިސްނައިގެން މި ޖަވާބުގެ ހަގީގަތާ ހަމަޔަށް ނަޒަރެއް ނުފޯރާނެއެވެ. ނޭފަތު ކުރިޔާ ހަމަޔަށް ވިސްނުން ފޯރުވާ މީހުންނަށް މި ވާހަކަ ވާނީ "މުއްލާއިން ދައްކާ ފީކަޅާ" ވާހަކަޔަކަށެވެ. އަޅުގަނޑު ވެސް އެ ޖަވާބުގެ ޝަރަހަތަކެއް ދޭކަށެއް މަސައްކަތެއް ނުކުރާނަމެވެ. އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ އާބާދީ މިއަށްވުރެ އިތުރު ކުރުމުން ވަސީލަތްތައް ނެތިގެން ގައުމު ބަނޑަށް ޖެހިދާނެ ވާހަކަ އަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކުރެވޭ ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލު ނުކުރާ ވާހަކައެވެ.

ވިސްނަވާށެވެ! އިންސާނުންނަކީ ވެސް އިގުތިސާދީ ވަސީލަތެކެވެ. އެ ވަސީލަތް ފައްކާ ކުރެވިއްޖެ ނަމަ، އެއީ އެހެން ހުރިހާ ވަސީލަތްތަކަކަށް ވުރެ އުފެއްދުންތެރި، ބޭނުންތެރި، އަދި މަންފާތެރި ވަސީލަތެކެވެ. އޭގެ އިތުރަށް، އެހެން ވަސީލަތްތައް ވެސް ރާއްޖޭގައި ބޭނުން ނުކޮށް ހުރީއެވެ. ދިވެހިރާއްޖޭގައި ދަނޑުވެރިކަމުން ކާބޯތަކެތި އުފެއްދޭނެ މިންވަރުގެ 30 އިންސައްތަ ވެސް ބޭނުން ކުރެވޭ ކަމަކަށެއް ނުފެނެއެވެ. އެންމެ މިސާލެއް ދަންނަވައިލާނަމެވެ. އަޅުގަނޑުގެ އުފަން ރަށް ކަމަށް ވާ ޏ. ފުވައްމުލަކުގައި މީގެ ވިއްސަކަށް އަހަރު ކުރީން ބޭނުން ކުރަމުން އައި އަލައޮޅުތަކުގެ ތެރެއިން ބޮޑު ބައެއް މިހާރު ވަނީ ނުބެލެހެއްޓުމާއި ދޫ ކޮށްލެވުމުގެ ނަތީޖާއެއްގެ ގޮތުން ވައު ވެ ހަލާކު ވެގެން ގޮސްފައެވެ. ރަށުގައި ގިނަ އަދަދަކަށް އޮތް ބަނބުކޭލާއި ލުނބޯ ފަދަ ތަކެތި ވަނީ ގަސްތަކަށް ބަލި ޖެހުން ފަދަ ސަބަބުތަކާ ހުރެ ނުހަނު ބޮޑަށް މަދު ވެފައެވެ. ހަމައެކަނި މި ދެންނެވި އަލައޮޅުތައް އަލުން އާލާ ކޮށް، ފުވައްމުލަކުގެ ބިމުން އުފެއްދޭނެ ރަނގަޅު މިންވަރަށް ބަނބުކޭލާއި ލުނބޯ ފަދަ ތަކެތި އުފެއްދިޔަސް އެއީ ކިހައި ބޮޑު އެއްޗެއް ތޯއެވެ؟ މި ކަހަލަ އެތައް ކަމަކަށް ބެލުމަށް ފަހު، ރާއްޖޭގައި ވަސީލަތްތައް ނެތިގެން ކަމަށް ބުނެ ދިވެހި އާބާދީ މަދު ކުރުމަށް ވަކާލާތު ކުރާ ކުރުމަށް އަޅުގަނޑު ދޭނީ ސަތޭކައަކުން ސުމެކެވެ.

ތަރައްގީ ވެފައި ވާ ގައުމުތަކުގައި މިއަދު ދިމާ ވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ އެ ގައުމުތަކުގެ އާބާދީތަކުގެ ހެދިފޯދުން ހުއްޓެމުން ދާ މައްސަލައެވެ. ތަރައްގީގެ އެއް އަލާމާތަކީ އާއިލާއަކަށް ދެ ދަރީންނަށް ވުރެ ގިނައިން ނުހޯދުން ކަމަށް ބުނެ، އެ ސިޔާސަތު ހިންގައިގެން ލިބުނު ދެރަތަކާއި، ކުރިމަތި ވާން އަންނަ ބޮޑެތި ގޮންޖެހުންތަކުގެ މައްސަލައެވެ. މިކަމާ ހުރެ މިހާރު އެ ގައުމުތަކުގައި ކޮމިޝަންތަކާއި ކޮމިޓީތައް ހަދައި ހުރިހާ ފެންވަރެއްގައި މި ވާހަކަ އެބަ ދައްކައެވެ. އާބާދީ އިތުރު ކުރުމުގެ ގޮތުން ސީރިއަސް މަސައްކަތްތަކެއް ނުފަށައިފި ނަމަ، ދުނިޔެއިން "ދޮން މީހުން" ހުސް ވެދާނެކަމުގެ އިންޒާރުތައް ޔޫރަޕާއި އެމެރިކާގައި އެ ދަނީ ދެވެމުންނެވެ. ޔޫރަޕުގެ ކްރިސްޓިއަން ޖަމާއަތްތަކާއި ފައްޅިތަކުން މިހާރު އެ ގެންދަނީ ޑޮކިއުމެންޓްރީ ފިލްމުތަކާއި ވީޑިއޯ ހުށަހެޅުންތަކުގެ ވަސީލަތުން، މި ބޮޑު މައްސަލަ ހުޅަނގުގެ ސަރުކާރުތަކުން އެންމެ ސަމާލުކަން ދޭ އެއް މައްސަލަ ކަމަށް ހެދުމަށް ގޮވައިލަމުންނެވެ. އެމީހުން ބުނާ ގޮތުގައި، ކްރިސްޓިއަން ގައުމުތަކުގެ އާބާދީގެ ހެދިފޯދުމުގެ މިންވަރު 2.0 އަށް ވުރެ ދަށުގައި ހުރުމުން، ކުރިމަގުގައި ކްރިސްޓިއަނުން މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ވަނީ ނުރައްކާ ވެފައެވެ. މި ދަންނަވާ ބަހުރުވައިން ލިޔެފައި ވާ ލިޔުމެއް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. މި ލިޔުމުގައި، ޔޫރަޕުގެ އަހުލުވެރީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕުގެ ދޮން މީހުންގެ އާބާދީ މަދު ވާ މައްސަލަ ސިފަ ކުރުމަށް ދިރާސާވެރިޔާ މާރކް ސްޓެއިން ބޭނުން ކޮށްފައި ވާ އިބާރާތެއް ކަމަށް ބުނަނީ "ވޮލަންޓަރީ ޑެމޮގްރަފިކް ސުއިސައިޑް" އެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ކުއާން ޔޫ ލިޔުއްވައިފައި އޮތް ލިޔުމެއް، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު، "ފޯރބްސް" މަޖައްލާގައި ޝާއިއު ކުރެވުނެވެ. އެ ލިޔުމުގެ ވެސް މައިގަނޑު މައުޒޫއަކީ ތަރައްގީ ވެފައި ވާ ގައުމުތަކުގެ އާބާދީތަކުގެ ހެދިފޯދުން ހުއްޓިއްޖެ ވާހަކަ އާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކުރިމަގުގައި އެ ގައުމުތައް "ނުކުޅެދުންތެރި" ވެދާނެ ވާހަކައެވެ. ލީ ކުއާން ޔޫ އިޝާރާތް ކުރައްވައިފައި ވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ހޮލެންޑު ހިމެނެއެވެ. ޖަރުމަނުގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ 1.4 ގައެވެ. ހޮލެންޑުގައި އެ ނިސްބަތް ހުރީ 1.8 ގައެވެ.

މި ހިސާބުން، ދިވެހިރާއްޖޭގެ އާބާދީ ހެދިފޯދުމުގެ ނިސްބަތާއި މިންވަރު މިހާރު ހުރި ގޮތަށް ބަލައިލަމާތޯއެވެ.

ވޯރލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖަނަވަރީ 2004 ގައި ރާއްޖޭގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ 1.50 އިންސައްތައިގަ އެވެ. ޖަނަވަރީ 2006 ގައި ހުރީ 1.41 އިންސައްތައިގައެވެ. ޖަނަވަރީ 2008 ގައި ހުރީ 1.34 އިންސައްތައިގައެވެ. ޖަނަވަރީ 2010 ގައި ހުރީ 1.32 އިންސައްތައިގައެވެ. އަލިފުދާލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2005 އިން ފެށިގެން 2010 އާ ދެމެދު، ރާއްޖޭގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ 1.76 އިންސައްތައިގައެވެ. މި ހިސާބުތައް މިހެން ހުރި އިރު، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީން ޝާއިއު ކުރާ "ސީއައިއޭ ވޯރލްޑް ފެކްޓްބުކް" ގެ ހިސާބުތައް ދައްކާ ގޮތުން، 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީ އިތުރު ވުމުގެ ނިސްބަތް ހުރީ މައިނަސް 0.11 ގައެވެ. 2017 ވަނަ އަހަރު ހުރީ މައިނަސް 0.06 ގައެވެ. ދަނީ އަހަރުން އަހަރަށް ދަށަށެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އާބާދީ އިތުރުވުމުގެ ނިސްބަތް ހުރީ ޖަރުމަނާއި ހޮލެންޑު ފަދަ ތަންތަނަށް ވުރެ ވެސް ދަށުގައެވެ. މި ގައުމުތަކުގައި އެތައް މިލިއަން ރައްޔިތުން ތިބި އިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ބައި މިލިއަން ހަމަ ވާން ވެސް ކައިރި ވެސް ނުވެއެވެ. އާބާދީގެ ހެދިފޯދުން ހުއްޓިގެން ކޮންމެވެސް ޒަމާނެއްގައި ޖަރުމަނު ނުވަތަ ހޮލެންޑުގެ ނަސްލު ނެތިދިޔުމުގެ، ނުވަތަ އެ ގައުމުތައް "ނުކުޅެދުންތެރި" ވުމުގެ ބިރު އޮތް ނަމަ، އަޅުގަނޑުމެން މިކަމުގައި ވިސްނާން ޖެހޭ ވިސްނުން މާ ބޮޑު ވާނެ ނޫންތޯއެވެ؟ މިހާރު ދިވެހިރާއްޖޭގެ އާބާދީގައި ޒުވާނުން ކިތަންމެ ގިނަޔަސް، އެ ޒުވާނުންގެ ހުރި ވިސްނުމަކީ "އާއިލާއަކަށް ގިނަ ވެގެން ދެ ކުދީން" މި ވިސްނުން ކަމަށް ވާ ނަމަ، ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ގައުމުގައި ވެސް ތިބޭނީ ޒުވާނުންނަށް ވުރެ ގިނައިން މުސްކުޅީންނެވެ. ވީމާ، އާބާދީގެ މައްސަލައިގެ ވާހަކައަކީ ފަހަށް ބާއްވައިގެން ވާކަށް އޮތް ވާހަކައެއް ނޫނެވެ. އެ ވާހަކަ ދައްކަން ޖެހެނީ މިއަދުއެވެ.

އެމެރިކާގެ "ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު" އިން ނެރޭ މަޖައްލާއެއްގައި "ރިޕްލޭސްމަންޓް ފާރޓިލިޓީ، ވަޓް ހޭޒް އިޓް ބީން އެންޑް ވަޓް ޑަޒް އިޓް މީން؟" މި މައުޒޫގެ ދަށުން ލިޔެވިފައި އޮތް މަޒުމޫނެއް ޝާއިއު ކުރެވުނެވެ. އާބާދީއާ ބެހޭ އިލްމުގެ ދެ ތަޖުރިބާކާރުން ކަމަށް ވާ އެސް. ސްމޯލްވުޑް އަދި ޖޭ. ޗޭމްބަރލެއިން އެ މަޒުމޫނުގައި ލިޔުއްވައިފައި ވަނީ، މުޖުތަމައެއް ދެމިއޮތުމަށް ޓަކައި، އެ މުޖުތަމައުގައި އާބާދީ އިތުރު ވުމުގެ ނިސްބަތް ދަށް ވެގެން 2.11 ގައި ހުންނާން ޖެހޭ ކަމަށެވެ. އާބާދީތަކުގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، އާބާދީ އިތުރު ވުމުގެ ނިސްބަތް 1.9 އަށް ވުރެ ދަށުގައި ހިފެހެއްޓިފައި ހުރި އެއްވެސް މުޖުތަމައެއް، ނެތިވެނުގޮހެއް ނެތެވެ. އެފަދަ ކޮންމެ މުޖުތަމައެއް ވެސް ވަނީ މަޑުމަޑުން ކުޑަ ވަމުން، މުސްތަގިއްލު މުޖުތަމައެއްގައި ހުންނާން ޖެހޭ އުންސުރުތައް ނެތެމުން ގޮސް، އާޚިރުގައި އެހެން ކޮންމެވެސް މުޖުތަމައެއްގެ ތެރެއަށް ފޭދި ނެތިގެން ގޮސްފައެވެ.

އެއްވެސް އާބާދީއެއް އިތުރު ވާ ނިސްބަތް 2.11 އަށް ވުރެ ދަށަށް ހިނގައްޖެ ނަމަ، އެ މުޖުތަމައެއްގައި އޮންނާނީ އިނގިރޭސި ބަހުން ދަންނަވާ ނަމަ "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" އެކެވެ. އިނގިރޭސި ގޮތް މި ދެންނެވީ މި ފައްނީ އިބާރާތް ދިވެހި ބަހުން ބުނާނޭ ގޮތެއް އަދި މިހައިތަނަށް ކަނޑައެޅިފައި ނެތީމައެވެ. "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" މި އިބާރާތުން އިޝާރާތް ކުރަނީ އާބާދީން މަރު ވަމުން ދާ މީހުންގެ ބަދަލުގައި، އާބާދީ ދެމެހެއްޓޭ މިންވަރަށް އުފަން ނުވާ ހާލަތަށެވެ. އަދި ކޮބައިތޯއެވެ! "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" 2.11 ގައި ހުންނާން ޖެހެނީ މީހުން ތަރައްގީ ވެފައި ވާ، "ލައިފް އެކްސްޕެކްޓެންސީ ރޭޓް" މަތި މުޖުތަމައުތަކުގައެވެ. އެ ނޫން މުޖުތަމައުތަކުގައި، އާބާދީ އިތުރު ވާ ނިސްބަތް 3.4 އަށް ވުރެ ދަށް ވެއްޖެ ނަމަ ބަލަނީ އެ މުޖުތަމައެއްގެ އާބާދީ އެހެރީ "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" ގައި ކަމަށެވެ. ދިވެހިރާއްޖެ ކަހަލަ ގައުމެއްގައި "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ ރޭޓް" ގެ ރަތް ބޮކި ނުދިއްލި ހުންނާނީ އާބާދީ އިތުރު ވާ ނިސްބަތް އެންމެ ދަށް ވެގެން ވެސް ގާތްގަނޑަކަށް 2.8 އަށް އަރައިގެންނެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީ ހެދިފޯދުމުގެ ނިސްބަތް 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ވެސް ހުރީ "ސަބް-ރިޕްލޭސްމަންޓް ފާރޓިލިޓީ" މިންގަނޑުގައެވެ. އެ މިންގަނޑުގެ ތެރެއިން ވެސް ވަރަށް ދަށް ހިސާބެއްގައެވެ. މިހާރު ހުރި ނިސްބަތް ވަރަށް ބޮޑަށް މައްޗަށް ނުޖެއްސިއްޖެ ނަމަ، ދިވެހި މުޖުތަމައު ދެމިއޮތުމުގެ އިހުތިމާލެއް ނެތެވެ. ހައްސާސީ އިބާރާތަކުން ދަންނަވާ ނަމަ، ރާއްޖޭގެ އާބާދީ ހެދިފޯދުމުގެ ނިސްބަތް މިހާރު ހުރި މިންވަރުން، ދިވެހި ނަސްލު މިއޮތީ ވުޖޫދުން ފޮހެވިދިޔުމުގެ ބިރުވެރިކަމަށް ހުށަހޮޅިފައެވެ. އެއް ޒަމާނެއްގައި ދިވެހި ސަރުކާރުން ދިވެހިރާއްޖެ "ވޮލަންޓަރީ ޑެމޮގްރަފިކް ސުއިސައިޑް" ގެ މަގަށް، ނުއެނގުމުގެ ތެރޭގައި ނަމަވެސް، މިއޮތީ ގެންގޮސްފައެވެ. އެ މަގުން ގައުމު އެއްފަރާތް ކޮށް، ދިވެހި ނަސްލު ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަކީ މިއަދު ތިބި ބައެއްގެ ޒިންމާ ކަމުގައި ނުވާނެތޯއެވެ؟

ދިވެހި ނަސްލާއި ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް ޓަކައި، ކޮންމެ ދެމަފިރިއަކު ދެ ކުދީން ހޯދުމުގެ ދޯދިޔާ ފިކުރުން ގައުމުގެ ޒުވާނުން ސަލާމަތް ކުރާން އެބަ ޖެހެއެވެ. އެކަން ކުރުމުގެ މަގު މިހާރު ފަސޭހައެއް ނޫނެވެ. އެ މަގުގައި މިހާރު އޮތީ ގަދަޔަށް ވިނަވަނާވެނި ހެދިފައެވެ. އެ ވިނަވަނާވެހި ސާފު ކުރާން އެބަ ޖެހެއެވެ. ޒުވާނުންގެ ސިކުނޑިތައް ވަނީ ދެ ކުދީން ހޯދައިގެން ކުޑަކުޑަ އާއިލާއެއް ގެންގުޅުމުގެ ފަނާކުރަނިވި ފިކުރަށް ދޮވެލެވިފައެވެ. މަދުވެގެން ތިނެއް ނުވަތަ ހަތަރު ކުދީން ހޯދުމުގެ ފިކުރު އާއްމު ކޮށް، ކޮންމެ އާއިލާއެއްގައި ވެސް ތިން ހަތަރު ފަސް ކުދީން ގެންގުޅުމަށް އެކަށޭނަ މާހައުލެއް ދިވެހިރާއްޖޭގެ ރަށްތަކުގައި އުފައްދާން އެބަ ޖެހެއެވެ. މި މަގުސަދުތައް ހާސިލު ވާނީ، ކޮންމެ އާއިލާއަކަށް 600 ފޫޓުގެ އަލިފާން ފޮށްޓެއް ދީގެން، އެއް ކޮޓަރި ދެ ކޮޓަރިއަށް އާއިލާއެއް ފައްތައިގެން އުޅުމުގެ ސަގާފަތް ނެތިދިޔަ ދުވަހަކުންނެވެ. އުމުރުން އަށާވީސް ތިރީސް އަހަރު ވާންދެން ކައިވަނި ނުކޮށް، ފާފަ ކޮށްކޮށް ތިބުމުގެ ބަދަލުގައި، ޒުވާން އުމުރުގެ ފުރަތަމަ ފައްތަރުގެ ތެރޭގައި ކައިވަނި ކޮށްގެން، ހަށިގަނޑުގައި ވަރު ހުއްޓައި، ވަގުތު އޮއްވައި، ގިނަ ދަރީން ހޯދުމަށް ހިތްވަރު ދެވޭ މުޖުތަމައެއް އުފެދުނު ދުވަހަކުންނެވެ.

އާބާދީ އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އަދި އާބާދީ އިތުރު ކުރާން ޕްލޭނެއް ކުރާ އިރު، އެއާ އެކު އެތައް ކަމެއް ވެސް ހެޔޮ ގޮތުގައި ރާވައި ޕްލޭން ކުރާން ޖެހެއެވެ. އާބާދީ އިތުރު ވާ ވަރަށް ކާބޯތަކެތި އުފެއްދުމާއި، ގެދޮރުގެ މައްސަލަ ހައްލު ކޮށް ކޮންމެ އާއިލާއަކަށް ވެސް އެކަށޭނަ ގޮތެއްގައި ބޯހިޔާވަހިކަން ފޯރު ކޮށްދިނުމާއި، ސިއްހީ ޚިދުމަތުގެ ނިޒާމު ވަރުގަދަ ކުރުމާއި، ތައުލީމީ ނިޒާމު ފުޅާ ކޮށް ވަރުގަދަ ކުރުމަކީ އެންމެ އަސާސީ ކަންތަކެވެ. ހަމައެއާއެކު، ގިނަ ކުދިން ހޯދާ ވަރަށް މައިންގެ ޖިސްމާނީ ސިއްހަތު ތަން ދޭ ކަން ކަށަވަރު ކުރުމާއި، ގިނަ ކުދީން ބެލުމުގެ ލަޔާގަތާއި ގާބިލިއްޔަތު އާއިލާތަކަށް ހޯދައިދިނުން ފަދަ ކަންކަން ވެސް ބަލާން ޖެހެއެވެ. އާބާދީ އިތުރު ކުރާން ޖެހޭ ވާހަކަ އަޅުގަނޑު މި ދައްކަނީ މި ކަންކަން ހަނދާން ނައްތައިލައިފައެއް ނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި އާބާދީ އިތުރު ކުރުމުގެ ފުރިހަމަ ޕްލޭނެއް، މި ދެންނެވި ކަންކަމާ ގުޅޭ ހަރުދަނާ ސިޔާސަތުތަކާ ވެސް އެކު ހެދޭނެއެވެ. އެފަދަ ޕްލޭނެއް ހަދައިގެން މަސައްކަތް ކުރުން އެއީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިއްޖެ ކަމެކެވެ.

އިރެއްގައި އަޅުގަނޑުމެންގެ ސަރުކާރުން ގެންގުޅުނީ އާބާދީ މަދު ކުރާ ރަށްރަށަށް އިނާމު ތަޝްރީފާއި އައްޑަނަ ދީގެން، އާބާދީ މަދު ކުރުމުގެ ސިޔާސަތެކެވެ. ނަމަވެސް އެއިރާ މިހާރާ ވަރަށް ތަފާތެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކުރިޔަށް ވުރެ ރަނގަޅު ސިއްހީ ނިޒާމެއް އެބައޮތެވެ. މާބަނޑު މީހުންނާއި ޅަދަރިމައިންނާއި ތުއްތު ކުދީންނަށް ދިމާ ވެދާނެ ސިއްހީ މައްސަލަތަކަށް މުހާތަބު ކުރެވޭ ވަރުގެ ގާބިލުކަން މިހާރު ދިވެހި ސިއްހީ ނިޒާމުގައި އެބަ ހުއްޓެވެ. މާބަނޑު މީހާ ނުވަތަ ތުއްތު ކުއްޖާއަށް ދިމާ ވާ ސިއްހީ މައްސަލައަކާ ގުޅިގެން އެދުރުބޭ ލައްވައި ތަށި ލިޔުއްވައިގެން ޔާސީން މަތީގައި ރޮއިލަރޮއިލައި ތިބޭކަށް މިހާރަކު ނުޖެހެއެވެ. ހިލޭ ބޭސްފަރުވާ ކުރެވޭނޭ އިންތިޒާމު ހަމަޖެހިފައި އޮތުމާ އެކު، ބޭސްފަރުވާ ކުރުމަށް ނުކުޅެދިގެން ހަސްފަތާލުތަކަށް ނުވަދެވި ތިބޭކަށެއް މިހާރަކު ނުޖެހެއެވެ. އުފަން ވާ ކުދީންނަށް ތައުލީމު ދޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ބޭނުން ވާ ހުރިހާ ވަސީލަތެއް މިއަދު އަޅުގަނޑުމެންގެ އަތުގައި އެބަ ހުއްޓެވެ. އަދި މި ކަންކަން އިތުރަށް ހަރުދަނާ ކުރެވޭ ވަރަށް ގައުމަށް އާމުދަނީ ހަމަ ޔަގީނުން ވެސް އެބަ ލިބެއެވެ. މި ކަންކަން ހަރުދަނާ ކުރުމަށް ޓަކައި ވިސްނުންތައް ނެރެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް ކުރެވޭނެ ފަންނީ ގާބިލުކަން މިއަދު އަޅުގަނޑުމެންގެ ކިބައިގައި އެބަހުއްޓެވެ. ވީމާ މިހާރު އައްޑަނަ އާއި ޝަރަފުތައް ދޭން ވީ އާބާދީ ގިނަ ކުރާ ރަށްރަށަށް ނޫންތޯއެވެ؟ އިނާމާއި އިނާޔަތްތައް ދޭން ވީ ގިނަ ކުދީން ހޯދާ އާއިލާތަކަށް ނޫންތޯއެވެ؟ ތިންވަނަ ކުއްޖަކު ހޯދާ ކޮންމެ ދެމަފިރިއަކަށް ދައުލަތުން އެކަށީގެން ވާ ފައިސާގެ އެހީއެއް ދިނުމާއި، ހަތަރުވަނަ ކުއްޖަކު ހޯދާ ކޮންމެ ދެމަފިރިއަކަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއް ދިނުން ކަހަލަ ކަންކަމީ މިއަދުގެ ނިޒާމުގައި ކުރެވިދާނެ ކަންކަމެވެ.

ދިވެހި މުވާތިނެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގައި ފަޚުރުވެރި އެއް މިލިއަން ދިވެހިން ދިރިއުޅޭ ދުވަހެއް އައުމަކީ ގައުމާ މެދު އަޅުގަނޑު ކުރާ އުއްމީދެކެވެ. ފުޓުބޯޅަ ނުވަތަ ކިރިކެޓު ނުވަތަ އެހެން ވެސް ކުޅިވަރު ޓީމުގަނޑެއް ހަދައިގެން ބޮޑެތި ގައުމުތަކާ ވާދަ ކުރާން ބަލާ އިރު ވެސް، މަތީ ފެންވަރުގައި ކުޅޭ ޒުވާނުން ގިނަ ވާނީ ވެސް އާބާދީ ބޮޑު ވި ވަރަކަށެއް ނޫންތޯއެވެ؟ ދިވެހި ލޭ ހުރި ތިން ލައްކަ މީހުންގެ ތެރެއިން އެއް ދަގަނޑޭ އުފެދުނިއްޔާ، އެ ލޭ ހުރި ހަ ލައްކަ މީހުންގެ ތެރެއިން ދެ ދަގަނޑޭ، ނުވަ ލައްކަ މީހުންގެ ތެރެއިން ތިން ދަގަނޑޭ އުފެދުމުގެ ހިސާބީ އިހުތިމާލު އޮންނާނެ ނޫންތޯއެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް