ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެވަން ދައުރަކަށް އިންތިހާބުވެ ވަޑައިގެންފިނަމަ ފެންނާނީ 25 ބުރީގެ އެންމެ އިމާރާތެއް ނޫން ކަމަށާއި އޭގެ އެތައް އިމާރާތެއް ފެންނާނެކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރެއްގައި މިހާރު ތިނަދޫ އަށް ވަޑައިގެން އުޅުއްވާ ޝަހީމް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވިދާޅުވީ ރައީސް ޔާމީންގެ ދެވަނަ ދައުރުއަކީ ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ލިބިގެން ދާނެ ދައުރަކަށް ވެގެން ދާނެ ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއް އަދި އެތައް އިންޓަނޭޝަނަލް އެއާޕޯޓުތަކެއް، ރައީސް ޔާމީން ތަރައްގީ ކޮށްދެއްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނު ދެވަނަ ދައުރަކަށް ހޮވަން ޖެހެނީ ދީނާއި ގައުމުގެ ދިފާއުގައި ކަމަށެވެ. އަދި ރައީސް 2013 ގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. ނަމަވެސް އެ ކަންކަމުގެ ކުރިމަތީގައި ސާބިތުކަމާ އެކު މަސައްކަތް ކުރައްވައި، ރާއްޖެ ސަލާމަތްކޮށްދީ، އަލުން އަނބުރައި ހަމަ މަގަށް އަޅުވާފައިވަނީ ރައީސް ޔާމީނު ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި ސަރުކާރުން ކޮށްދީފައިވާ ހިދުމަތްތައް ބަލައިގަނެ، ރާއްޖެ އުމްރާނީ ތަރައްގީގެ އާ ހަރުފަތަކަށް ގެންދިއުމަށް ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެ މަނިކުފާން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެކަމުގެ ހުރިހާ ކާމިޔާބީއެއް، ފައިދާއެއް އޮތީ ރާއްޖެ އަށް،" ޝަހީމް ވިދާޅުވި އެވެ.
ތިނަދޫގައި ގާއިމްކުރަން ފަށާފައިވާ އިސްލާމީ މަރުކަޒު ސަރަހައްދުގައި ޒުވާނުންތަކަކާއެކު ޝަހީމް ނެންގެވި ފޮޓޯ އަކަށް ރައްދުވާ ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، އެ އިމާރާތަކީ އަދި މިސްކިތެއް ނޫން ކަމަށާއި އެއީ ކޮންސްޓްރަކްޝަން ސައިޓެއް ކަމަށެވެ.
"އެތަނުގެ އެތެރެއަކަށް އަޅުގަނޑުމެންގެ މީހުންނެއް ނުވަދޭ. އެއީ އަދި އިމާރާތް ކުރެވެމުންދާ ތަނެއް. އެއީ އަދި ނިމިފައި ހުރި ތަނެއް ނޫން. އެއީ ކޮންސްޓްރަކްޝަން ސައިޓެއް." ޝަހީމް ވިދާޅުވީ އެތަނުގައި ފޮޓޯއެއް ނެގުމަކީ ތިނަދޫ ރައްޔިތުންނަށް އޮތް ހައްގެއް ކަމަށާއި އެ ފޮޓޯ އިދިކޮޅަށް ހަޖަމު ނުކުރެވުނީ ކަމަށެވެ.