މާދަމާ އިން ފެށިގެން ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށަނީ

ރައީސް ޔާމީން އާއި ޝަހީމް (ކ) އަދި އިބޫ އާއި ފައިސަލް.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް މާދަމާ އިން ފެށިގެން ސެކިއުރިޓީ ދޭން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިިނިސްޓަރު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުތަކާ ބެހޭ ގާނޫނުގެ ބުނާގޮތަށް މާދަމާ އިން ފެށިގެން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށާނެ ކަމަށެވެ.

އިންތިހާބުގެ ގާނޫނުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާނުކުރާ ދުވަހުން ފެށިގެން، އެއިންތިހާބެއްގެ ފަހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވާ މީހާ، އެ މަގާމާ ހަވާލުވަންދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންނާއި އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމަށް ކުރިމަތިލާމީހުންނަށް ދައުލަތުގެ ހަރަދުގައި ސެކިއުރިޓީ ދޭން ޖެހޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ހަމަޖައްސައިދޭނެކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއިރު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ވެސް މާދަމާ އޮންނާނެ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލް ގައްޔޫމާއި، ހިންނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އެވެ. ރައީސް ޔާމީނުގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިބޫގެ ރަނިންމޭޓަކީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.

comment ކޮމެންޓް