ދަރުމަވަންތަ ހޮސްޕިޓަލުގެ އުސް އިމާރާތް އަވަހަށް ނިމުމުން އިދިކޮޅަށް ހަޖަމެއް ނުވި: ރައީސް

ދަރުމަވަންތަ ހޮސްޕިޓަލް: އަންނަ މަހު ބައެއް ޚިދުމަތްތައް ފެށޭވަރުވާނެ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ދަރުމަވަންތަ ހޮސްޕިޓަލުގެ އުސް އިމާރާތުގެ މަސައްކަތް އަވަހަށް ނިންމާލުމުން އެކަން އިދިކޮޅަށް ހަޖަމުނުވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ތ. ދިޔަމަިގިލީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ފުރިހަމަ ކަމުން ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ދާދިއުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި މިއީ އިދިކޮޅަށް އަޑުއަހަން ފަސޭހަ ވާހަކައެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދަރުމަވަންތަ ހޮސްޕިޓަލް އެހާ އުސް އިމާރާތެއްގެ ގޮތުގައި، އެހާ އަވަހަށް ނިމިގެން ދިޔައީމާ މިއީ މި ބޭފުޅުންނަށް އެކަން ހަޖަމުކުރައްވާކަށް މާ ފަސޭހަފުޅު ކަމަށް ނުވި،"

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނުއިރު ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ހާލަތު ހުރީ ބިއްލޫރިގަނޑު ތެޅުމުން "ފިލާ ޖަހާފައި" ހުރި ފެންވަރުގައި ކަމަށެވެ.

ސިއްހީ ދާއިރާއަށް "އުސް ތަރައްގީ" އައުމަކީ އިދިކޮޅަށް ބަލައިގަނެވޭނެ ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅު ވެރިކަމެއްގައި ފަހަރުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ ޓޫރިސްޓު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށްފާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ހުސް ކޮރަޕްޝަން ކަމަށް އިދިކޮޅުން ބުނަމުންދާ ކަމަށާއި ގާނޫނު ހިނގާ ގައުމެއްގައި އިންސާފު ހޯދަން ދާނެ ތަންތަން އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ މިފަދަ މަޝްރޫއުތަކުގައި ކޮރަޕްޝަން ހުރި ކަމަށް ބުނާ ނަމަ އެކަން ސާބިތު ކުރުމަށް އޭސީސީ އަށް ދިއުމަށް އިދިކޮޅަށް ގޮވާލައްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން އޮތް ކަމަށާއި އެކަން ހުއްޓުވުމަށް ވެސް އެ މައްސަލަ ޝަރީއަތަށް ފޮނުވީ ވެސް ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަކު ކޮރަޕްޝަން އޮވެގެން އެއަށް ހައްލެއް ހޯދުމަށް ނުވަތަ އެކަން ހުއްޓުވުމަށް އެބޭފުޅުންތޯ ޝަރީއަތައް ވަޑައިގަތީ. އެބޭފުޅުންތޯ މައްސަލަ ހުށަހެޅީ. ދިވެހި ރައްޔިތުންގެ ހައްގުގައި މިއިން އެެއްވެސް ކަމެއް އެބޭފުޅުން ނުކުރައްވައޭ. ހަމަ ސަރުކާރުން އެމައްސަލަ ތަހުގީގު ކުރީ ވެސް އަދި އެ މައްސަލަ ޝަރީއަތަށް ފޮނުވީވެސް،"

ޕޯޑިއަމްތަކުގައި އިންސާފު ގާއިމުކުރުމަށް ގޮވާލާ ގޮވާލުމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އިންސާފު ގާއިމްކުރާނީ ސިޔާސީ މީހުން ނޫން ކަމަށެވެ. އިންސާފު ގާއިމްކުރާނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކޯޓުތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ މަހުގެ 23 ގައި ލާ ވޯޓަކީ ސިޔާސީ ވޯޓެއް ކަމަށް ނުބެލުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ އެ ދުވަހަކީ "ރައްކާތެރިކުރަން ބޭނުންވާ އެތައް ބައިވަރު މަސްލަހަތުތަކަކާއި ހިމާޔަތްކުރަން ބޭނުންވާ ގައުމީ އެތައް އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް އެކަންކަން އޮންނަންވީ ގޮތުގެ މިސްރާބު ކަނޑައަޅާ ދުވަސް" ކަމަށެވެ.

comment ކޮމެންޓް