މިސްރުގެ ސަގާފީ ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފި

ސަގާފި ނެށުމެއް -- ފައިލް ފޮޓޯ

މިސްރުގެ ސަގާފީ ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނުގައި ވަނީ އެ ފެސްޓިވަލަކީ މިސްރުގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް އާޓްސް އިން އިންތިޒާމުކޮށްގެން އަންނަ މަހުގެ 6 އިން 13 އަށް މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލެއް ކަމަށެވެ.

"19 ވަނަ އިސްމާލިއާ އިންޓަނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާޓްސް" ގެ ނަމުގައި ބާއްވާ އެ ފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 15 މީހުންނަށް ކަމަށް އެ އިއުލާނުގައިވެއެވެ.

ބައިވެރިންގެ އެކޮމޮޑޭޝަނާއި ލޯކަލް ޓްރާންސްޕޯޓޭޝަން މިސްރުގެ ކަލްޗަރ މިނިސްޓްރީން ހަމަޖައްސާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

ނަމަވެސް އިންޓާނޭޝަނަލް އެއަރފެއަރ، ވިސާ އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހޭނި ބައިވެރިވާ މީހުން އަމިއްލައަށް ކަމަށް އިއުލާނުގައިވެއެވެ.

އެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުން ވާ މީހުން ފޯމު ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ސެންޓަރުގެ މެއިލް [email protected] އަށް މެއިލް ކުރުމަށް އެންސީއޭ އިން ވަނީ އެދިފައެވެ.

އެ ފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފޯމު އެ ސެންޓަރުގެ ވެބްސައިޓުންނާއި އަދި ރިސެޕްޝަނުން ލިބޭނެ ކަމަށް ވެސް އެންސީއޭ އިން ބުންޏެވެ.

comment ކޮމެންޓް