ރަށްރަށަށް އަންނަންޖެހޭ ތަރައްގީއަށް ހުރިހާ ފިކުރަކުން މަރުހަބާ ކިޔަންޖެހޭނެ: ރައީސް

ރައީސް ޔާމީން --- ފޮޓޯ: ރައީސް އޮފީސް

ރަށްރަށަށް އަންނަންޖެހޭ ތަރައްގީއަށް ހުރިހާ ފިކުރަކުން މަރުހަބާ ކިޔަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ތ. ވިލުފުށީ މަގުހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަކި ފިކުރެއްގައި ހުރުމަކީ ރަށަށް އަންނަ ތަރައްގީ ބަލައިނުގަންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ރަށަކަށް އަންނަ ތަރައްގީއަކީ ވަކި ފިކުރެއްގެމަތީ މީހާ ހުރުމުން އެ ތަރައްގީ އެޕްރިޝިއޭޓް ނުކުރެވެންވީ ސަބަބެއް ނޫން، އެއަށްވުރެ އިތުރު ތަރައްގީ ބޭނުން ނުވާންވީ ސަބަބެއް ވެސް ނޫން،" ރައީސް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ރައީސްް ވިދާޅުވީ މާލޭ ހުޅަނގު ފަރާތުން ހިނގާމީހަކަށް ދަރުމަވަންތަ ހޮސްޕިޓަލު ނުފެނި ނުދާނެ ކަމަށެވެ. މި މަސް ނިމުމުގެ ކުރިން މާލެއިން ހުޅުމާލެއަށް ދާ މީހުން ފެރީ ދޫކޮށް އެއްގަމު މަގުން ދާން ބޭނުން ނަމަ އެތަނުގައި އޮތް ބްރިޖުވެސް ނުފެނި ނުދާނެެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައެއްގެ ފަރާތުން ރަނގަޅު ކަމެއް ކުރަންޏާ އެބައެއްގެ ފަރާތުން އަންނާނީ ރަނގަޅު ކަންކަން ކަމަށެވެ. އަދި ތަރައްގީ ނެތި ފަނާކުރުމަކީ ތަރައްގީކުރާ ބަޔަކު ކުރާނެ ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދެހާސް އަށްވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައި ތިބުމުން ކަމަށާއި އެ ބަދަލުތަކުގެ ތެރޭގައި މަޝްރޫއުތަކާއި މަސައްކަތްތަކުގެ ސްޕީޑު އަވަސްވާނެކަމަށް އުންމީދު ކުރިކަމަށް ރައީސް ވިދާޅުވިއެވެ.

"ރަށްރަށުގެ ބަނދަރު ހެދިގެންދާނެ ކަމަށް އުންމީދު ކުރި. ރަށްރަށުގެ މަގު ހެދިގެންދާނެ ކަމަށް އުންމީދު ކުރި، ރަށްރަށުގެ ދަތުރުފަތުރުގެ ނިޒާމުތައް މިޒަމާން ވެދާނެކަމަށް ގަބޫލުކުރި. އެކަހަލަ އުންމީދު ތަކަކާއެކު ރައްޔިތުން ވޯޓު ދިނީ،"

ރައީސް ވިދާޅުވީ އުންމީދުތަކަކާޢެކު ރައްޔިތުން ފަސް އަހަރަށް ވެރިކަން ހަވާލުކުރުމުން ތިން އަހަރުު ތެރޭ ވެރިކަން ދޫކޮށްލި އިރު ކުރެވިފައިހުރީ ކުޑަ މަސައްކަތެއް ކަމަށެވެ. އެކަން ރައީސް ސިފަކުރެއްވީ 18 އަހަރުން ކުރާނެ މަސައްކަތް މި ސަރުކާރުން ފަސް އަހަރު ތެރޭ ކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.

އެމްޑީޕީގެ ސަރުކާރުގައި ކެޕިޓަލް އިންވެސްޓުމެންޓުގެ ގޮތުގައި ވިލުވުއްޓަށް އެއްވެސް ކަމެއް ކޮށްދީފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ވިލުފުށީގައި 129 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަމަށެވެ.

ރައީސް މައުމޫނުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ދަރަންޏަކީ 4،000 މިލިއަން ރުފިޔާ (ހަތަރު ބިލިޔަން ރުފިޔާ) ކަމަށާއި އެއީ އޭރުގެ ޖީޑީޕީއަށް ބަލާއިރު ބޮޑު ދަރަންޏެއްކަމުން މަސައްކަތްތައް ކުރިއަށް ގެންދަން ދަތިތައް ހުރެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ މަސައްކަތް ފެށީ އެ ދަރަނީގެ 700 ޕަސެންޓް އިތުރު ދަރަންޏާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް