"އަޅުގަނޑު ނުވިސްނަން ރައްޔިތުން ގޮވައިގެން ފެންނާރާނެ އެހެން ގައުމަކަށްދާކަށް"

ރައީސް ޔާމީން ތ. ބުރުނީގެ ރައްޔިތުންނާ މުޚާތަބު ކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖެ ދޫކޮށް ރައްޔިތުން ގޮވައިގެން "ފެންނާރާނެ އެހެން ގައުމަކަށް ދިއުމުގެ" ވިސްނުން ނުގެންގުޅުއްވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތ. ބުރުނީ ނަރުދަމާގެ ނިޒާމުގެ އިފްތިތާހު ކުރުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ދެން އަންނަ ފަސް އަހަރު ބިނާކުރައް ވާނީ މިހާރު ގެނެސްފައި ހުރި ތަރައްގީގެ މައްޗަށް ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ ގޮނޑުދޮށްތައް ގިރާ ރަށްތަކުގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަޖައްސައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައްޗަށެވެ.

"އަޅުގަނޑުގެ ވިސްނުން ހުރީ އަޅުގަނޑުގެ ރައްޔިތުން ގޮވައިގެން އަންނަ ދައުރުގައި ފެންނާރާނެ އެހެން ގައުމަކަށް ދިއުމެއް ނޫން. އަޅުގަނޑުގެ ވިސްނުން ހުރީ އަޅުގަނޑުމެންގެ ރައްޔިތުން އެމީހުންގެ ރަށުގައި ތިބެގެން މިހެން ދިމާވާ މައްސަކަތަކަށް ހައްލު ހޯދުން،" ރަށް ގިރުމަކީ ބިން ތިރި ހުރިހާ ރަށަކަށް ދިމާވާ މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި އިރު އެމްޑީޕީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މޫސުމީ ބަދަލުތަކާ އެކު ރާއްޖޭގެ ރައްޔިތުން އެހެން ގައުމަކަށް ހިޖުރަ ކުރަން ޖެހިދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅުގެ މެނިފެސްޓޯ އަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރަން ފަށާފައި ހުރި ކަންތަކުގެ ތެރެއިން ނުނިމި ހުރި ކަންތައް ނިންމާލުން ކަމަށެވެ. އާކަމެއް ކަމަކަށް އިދިކޮޅުން ބުނަނީ ކޮންމެވެސް ފީއެއް ކަނޑާލުން ކަހަލަ ކަމެއް ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކައާއި އެއަށް ފައިސާ ހޯދާނެ ގޮތުގެ ވާހަކަ އިދިކޮޅުން ނުދައްކާ ކަމަށެވެ.

އެމަނިކުފާނުގެ ދައުރުނިމޭ އިރު ކޮށްދެއްވަން ވައުދުވި ބައެއްކަންކަން ނުފުއްދި ހުރެދާނެ ކަމަށާއި އެނގޭ ކަމަކީ ފުދިފައި ހުރި ކަންތައް 100 އަކުން 90 އަށް ވަންޏާ ނުފުދޭ ކަންތަކަކީ 100 އަކުން 10 ކަމަށް ރައީސް ވިދާޅުވި އެވެ. ނުފުއްދިި ހުރި ކަންތައް ވެސް އެހެން ބަޔަކު ކުރާނެ ކަމަށް ވާހަކަ ދައްކާނެ ކަމެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރީ ސަރުކާރުތަކުން ހިންގާފައިވާ ތަރައްގީގެ ކޮންމެ މަޝްރޫއަކަށް މި ސަރުކާރުން ހަ މަޝްރޫއު ހިންގާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. ބަޖެޓުގެ ބުރަ ބޮޑުވެފައި ވަނީ މި ސަބަބަށްޓަކާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ގައުމީ މުއްސަނދިކަން ހަރަދެއް ނުކޮށް ކޮންމެ މީހެއްގެ ޖީބަށް ލާން ބަހާލާ ކަމަށްވާ ނަމަ މިހާރު މިޖެހެނީ 10،000 ޑޮލަރުކަމަށް ވަންޏާ، އަޅުގަނޑުގެ ފަސް އަހަރު ނިމޭ އިރު އިރާދަ ކުރެއްވިއްޔާ އެ އަދަދު 20،000 ޑޮލަރަށް ޖައްސަން ބޭނުން،" ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ތަސައްވަރުގެ އެންމެ ތިރީގައި އޮންނަ ޖުމުލަ ކަމަށެވެ.

comment ކޮމެންޓް