ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުންޏަށް ދެ ލައްކަ ދެއްކުން މަޑުޖައްސާލަން އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް: ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުންޏަށް ދެ ލައްކަ ދެއްކުން މަޑުޖައްސާލަން ހައިކޯޓުން ވަނީ އަމުރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުންޏަށް ދައުލަތުން ދެ ލައްކަ ރުފިޔާ ދެއްކުން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ހައިކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އައިޖީއެމްއެޗް ކައިރީގައި 25 ބުރީގެ އިމާރާތެއް އަޅަން ޗަންގް ހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މާރިޗު 1، 2016ގައެވެ.

އެ މަސައްކަތް ހަވާލުކުރީ 140 މިލިއަން އެމެރިކާގެ ޑޮލަރުގެ އަގަކަށެވެ. އެ މަޝްރޫއަށް ޓެކްސް ދައްކަން ޖެހޭތީ، ޗަންގް ހުއާއިން ވަނީ، 140 މިލިއަން ކަނޑައަޅައިފައިވަނީ ޖީއެސްޓީ ނުހިމަނައި ކަމަށާއި ޖީއެސްޓީ ދައްކަން ޖެހޭ ނަމަ އެއަށް ޒިންމާވާން ޖެހޭނީ ދައުލަތުން ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެ މައްސަލައިގައި މިދިޔަ އަހަރުގެ މާރިޗު މަހުގެ 24ގައި ކޯޓުން ނިންމީ ކުންފުންޏާ އެއްކޮޅަށެވެ. އަދި، ޗަންގް ހުއާ ކޮންސްޓްރަކްޝަނުން މީރާއަށް ދައްކާފައިވާ ފައިސާގެ ތެރެއިން 227،560 ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދައްކާފައި ނުވާތީ، އެ ފައިސާ އެއް ފަހަރާ، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އެއިރު ހުކުމްކުރިއެވެ.

އެ ފައިސާ ނުލިބޭތީ، ޗަންގް ހުއާ ކޮންސްޓްރަކްޝަަނުން ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާއިރު، ދައުލަތުން ވަނީ ސިވިލް ކޯޓުން ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ވަނީ ހުކުމް ތަންފީޒުކުރުން މަޑުޖައްސާނުލައިފި ނަމަ އިންސާފަށް ހުރަސްއެޅިދާފަދަ ހާލަތްތަކެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭތީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.

އެހެންވެ، އިއްޔެ ސިވިލް ކޯޓުގެ ގާޒީ ޒުލައިޚާ ޝީޒާ ވަނީ ހައިކޯޓުން އެފަދައިން ހުކުމްކޮށްފައިވާތީ، ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ކުރިއަށްގެންދެވެން ނެތް ކަމަށް ހުކުމް ކުރައްވައިފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލައެއް ބެލި ނަމަވެސް، އެ ކޮމިޝަނުން ނިންނީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގައިފައިނުވާ ކަމަށެވެ.

comment ކޮމެންޓް