މަރުވެފައިވާ ދަރި 17 ދުވަސް ވަންދެން އުފުލި ބޮޑުމަހަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެ

ޖޭ35ގެ ނަން ދީފައިވާ ކިލާ ވޭލް އޭގެ މަރުވެފައިވާ ދަރި އުފުލަނީ -- ފޮޓޯ: އޭޕީ

ޕެސިފިކް ކަނޑުގައި މަރުވެފައިވާ ދަރި އުފުލައިގެން 17 ދުވަސް ވަންދެން ދަތުރުކުރި ކިލާ ވޭލްއަށް ވަނީ ދުނިޔޭގެ ސަމާލުކަން ލިބިފަ އެވެ. އަދި އޭގެ ސަބަބުން، ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އެޖަނަވާރުގެ ހާލަތާ ބެހޭ ހޭލުންތެރިކަން ވެސް ވަނީ އިތުރުވެފަ އެވެ.

އެމެރިކާގެ ސެންޓާ ފޯ ވޭލް ރިސާޗުން ބުނި ގޮތުގައި ޖޭ35ގެ ނަން ދީފައިވާ އެބޮޑުމަސް ވިހެއީ މިދިޔަ މަހުގެ 24ގަ އެވެ. ނަމަވެސް ވިހެއިތާ މާގިނަ އިރުތަކެއް ނުވެ ދަރި މަރުވި އެވެ.

އޭގެ ފަހުން 17 ދުވަސް ވަންދެން، ޖޭ35 ވަނީ އޭގެ ދަރި 'ނޭފަތުކުރިން އުފުލައިގެން' ގާތްގަނޑަކަށް 1،000 މޭލަށް ދަތުރުކޮށްފަ އެވެ. އަދި ހޮނިހިރު ދުވަހު އެމަސް ވަނީ ދަރި ދޫކޮށްލައި، އެސަރަހައްދުގައި އުޅޭ އެހެން ކިލާ ވޭލްތަކާ އެކު އުޅެން ފަށާފައި ކަމަށް ސައިންސުވެރިން ބުންޏެވެ.

ކިލާ ވޭލްސް، އޭގެ މަރުވެފައިވާ ދަރި އުފުލައިގެން އާއްމުކޮށް ދަތުރު ކުރަނީ ހަފްތާއެއް ވަންދެނެވެ. އެހެންކަމުން ޖޭ35ގެ ދަތުރަކީ އާ ރެކޯޑެއް ކަމަށް އެމެރިކާގެ ސައިންސުވެރިން ބުންޏެވެ.

އަދި އޭގެ ހިތާމައަށް ދުނިޔޭގެ ގިނަ ބަޔެއްގެ ހަމްދަރުދީ ލިބި، އެމެރިކާގައި 'ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ' ލިސްޓުގައި ހިމެނޭ ކިލާ ވޭލް ހިމާޔަތް ކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން އިތުރުވެފަ އެވެ.

ޖޭ35ގެ ނަން ދީފައިވާ ކިލާ ވޭލް އޭގެ މަރުވެފައިވާ ދަރި އުފުލަނީ -- ފޮޓޯ: އޭޕީ

އެހެންކަމުން އެމެރިކާގެ އޮފިޝަލުން މިހާރު ވަނީ ކިލާ ވޭލް ރައްކާތެރިކުރުމަށް ކުރަން ޖެހޭ އާމަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ޕެސިފިކު ކަނޑުގައި ކިލާ ވޭލްގެ އާބާދީ އިތުރު ކުރުމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ވޮޝިންޓަންގެ ޓާސްކް ފޯސްއަކުން ވަނީ މިހަފްތާ ތެރޭ ބައްދަލުވުމެއް ބާއްވާފައި އެވެ. އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ވޮޝިންޓަންގެ ގަވަރުނަރު ޖޭ އިންސްލީ އެވެ.

ވޮޝިންޓަން ޔުނިވާސިޓީގެ ރިސާޗް ސައިންޓިސްޓެއް ކަމަށްވާ ޑެބޮރާ ގައިލްސް ވިދާޅުވި ގޮތުގައި ޖޭ35ގެ ސަބަބުން، ގަވަރުނަރު އިންސްލީއަށް ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށް ބެލެވެ އެވެ.

"މުޅި ދުނިޔެއިން ދަނީ ވާނުވާ ބަލަމުން އަދި މިހާރު ކަންތައްތައް އޮތް ގޮތަށް ކުރިއަށް ދާން ދުނިޔެއިން ފުރުސަތެއް ނުދޭނެ. އެއީ މިހާރު ތަފާތަކީ، ދުނިޔޭގެ ގިނަ އަދަދެއްގެ މީހުން މިކަމަށް އެބަ ސަމާލުކަންދޭ،" ގައިލްސް ވިދާޅުވި އެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ޕެސިފިކް ކަނޑުގައި ކިލާ ވޭލްސް މަދުވަމުންދާ މައިގަނޑު ސަބަބަކީ އެފަދަ މަސްތައް އާއްމުކޮށް ކައިއުޅޭ، ޝިނުކް ސޭމަންގެ އާބާދީ ކުޑަވުމާއި ކަނޑުގެ ލޮނުގަނޑު ތަޣައްޔަރުވުމެވެ.

ކިލާ ވޭލް އަކީ އާއްމު ގޮތެއްގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅޭ ޖަނަވާރެކެވެ. އެގޮތުން ސީއެޓުލް ކައިރީގައި ދިރިއުޅުނު ކިލާ ވޭލްއެއް 106 އަހަރުވަންދެން ދިރިއުޅުނު ކަމަށް ސައިންސުވެރިން ބުނެ އެވެ.

ނަމަވެސް އެމެރިކާ ކައިރީ މިހާރު ދިރިއުޅޭ ކިލާ ވޭލްގެ އާބާދީއާ މެދު ސައިންސުވެރިން ވަނީ ކަންބޮޑުވެފަ އެވެ. އެގޮތުން އެސަރަހައްދުގައި ފާއިތުވި 20 އަހަރު ތެރޭގައި 40 ކިލާ ވޭލް އުފަން ވެފައިވީ ނަމަވެސް ހަމަ އެމުއްދަތުގައި 72 ކިލާ ވޭލް މަރުވެފައިވާ ކަމަށް ސައިންސުވެރިން ބުންޏެވެ.

އެހެންކަމުން ސަދަން ރެޒިޑެންޓް ކިލާ ވޭލްސްގެ ނަން ދީފައިވާ އެމަސްތައް ހިމާޔަތްކޮށް، އޭގެ އާބާދީ އިތުރު ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ނުފަށައިފި ނަމަ، އެސަރަހައްދުން ކިލާ ވޭލް ނެތިގެން ގޮސްދާނެ ކަމަށް އެމެރިކާގެ ސައިންސުވެރިން ބުނެ އެވެ.

comment ކޮމެންޓް