ރައީސް ޔާމީނުގެ ސަރުކާރު ފުރޮޅާލަން މަސައްކަތްކުރީ ބޭރު ބަޔަކު އަޑީގައި ތިބެގެން: ޝަހީމް

ޑރ. ޝަހީމް ފުވައްމުލަކުގައި ވާހަކަ ދައްކަވަނީ --

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރާއްޖޭގެ ޒައާމަތާ ހަވާލުވިފަހުން އެމަނިކުފާނުގެ ވެރިކަން ފުރޮޅާލުމަށް އެތެރެ އާއި ބޭރުން މަސައްކަތް ކުރަމުން ދިޔަ ކަމަށާއި ޣައިރު ގާނޫނީކޮށް ވެރިކަން ފުރޮޅާލަން މަސައްކަތްކުރީ ބޭރުގެ ފަރާތްތައް އެހަރަކާތުގެ އަޑީގައި ތިބެގެން ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިއެއްގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީ އަށް މިހާރު ކުރައްވަމުން ދެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ދޫޑިގަން އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝަހީމް ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރީ ދިވެހިން ނޫން ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރީ ބޭރުގެ ބަޔަކު އެކަމުގެ ފަހަތުގައި ތިބެގެން،" ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނު ވެރިކަމާ ހަވާލުވެވަޑައިގަތް އިތު ރާއްޖެ އޮތީ އަރަބި އިސްލާމީ ދުނިޔެއާ އެކަހެރިވެފައި ކަމަށެވެ.

"ރާއްޖެ އޮތީ އަރަބި އިސްލާމީ ގައުމުތަކާ ދުރަށް ގޮސްފައި، އިގްތިސާދު އޮތީ ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައި،" މި ސަރުކާރު ވެރިކަމަށް އައި އިރު ރިޒާވްގައި ހުރީ 270 މިލިއަން ޑޮލަރު ކަމަށާއި ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު މިހާރު ރިޒާވުގައި 900 މިލިއަން ޑޮލަރަށް ވުރެ ގިނައިން އެބަހުރި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރަކީ ޒުވާނުންނާއި އަންހެނުން އަދި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިސްކަންދޭ ސަރުކާރެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ. އެގޮތުން ހަވާސާވެފައި ތިބި ޒުވާނުން މުޖުތަމައަށް އަނބުރާ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި މަތީ ތައުލީމު ހާސިލު ކުރުމަށް ޒުވާނުންނަށް ފުރުސަތު ދޭ ކަން ފާހަގަކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ ސަރުކާރުގެ އިސްމަގާމުތަކުގައި ކަނބަލުން އެބަތިއްބެވި ކަމަށާއި މިއީ ކަނބަލުންގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދޭހަވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކަށް މި ސަރުކާރުން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާފައިވާ ކަމަށެވެ.

"އެއްވެސް ސަރުކާރަކަށް ކުރިމަތިނުވާ ވަރަށް ސިޔާސީ ގޮންޖެހުންތައް މި ސަރުކާރަށް ކުރިމަތިވީ ނަމަވެސް މި މަސައްކަތްތައް ހުއްޓާ ނުލައްވާ،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސިޔާސީ ހަޔާތްޕުޅުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ކަންތައްކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ އެ ގޮންޖެހުންތަކާ އެކު ފެނިގެންދިޔައީ ރައީސް ޔާމީންގެ ހިތްވަރުފުޅުގަދަކަން ކަމަށެވެ.

އިންތިޚަބާ ގުޅިގެން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ޝަހީމް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރުމަށް ވޯޓު އޮޅުވާލަން ނުޖެހޭ ކަމަށާއި މިހާރު ވެސް ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުވެފައިވާ ކަމަށެވެ.

comment ކޮމެންޓް