ސަމާ އައިލެންޑް މޯލްޑިވްސް ރިސޯޓުގެ ފަޅުތެރޭގައި ވަރަށް ތަފާތު، ޒަމާނީ އުކުޅަކާ އެކު މުރަކަ އާލާކުރުމުގެ އީޖާދީ މަޝްރޫއެއް ފަށައިފިއެވެ.
ރާއްޖޭގައި ރިސޯޓު އޮޕަރޭޓުކުރާ އެންމެ ދުވަސްވީ އެއް ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސެސްއިން ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި ފެށި މި މަޝްރޫއަކީ 3ޑީ ޕްރިންޓުކުރި ސްޓްރަކްޗާއެއް ނުވަތަ އޮނިގަނޑެއް ފަޅުތެރޭގައި ހަރުކޮށް، އެ އޮނިގަނޑުގައި މުރަކަ އިންދައި އާލާކުރުމުގެ މަޝްރޫއެކެވެ.

ސަމާ އައިލެންޑް މޯލްޑިވްސްގައި، 3ޑީ ޕްރިންޓުކުރި ފަރެއްގައި މުރަކަ އިންދުމުގެ މަޝްރޫއުގެ ތެރެއިން -- ފޮޓޯ/ ސަމާ އައިލެންޑް މޯލްޑިވްސް
ސަމާ އައިލެންޑް މޯލްޑިވްސްއިން ބުނި ގޮތުގައި މިއީ އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބާއި ޑައިވާލޭންޑް މޯލްޑިވްސްއާ ގުޅިގެން އެ ރިސޯޓުން ހިންގާ މަޝްރޫއެކެވެ. މަޝްރޫއުގެ ބޭނުމަކީ އެ ރިސޯޓުގެ ފަޅުގައި މުރަކަ އުފެދިފައި ނެތް ސަރަހައްދުތަކުގައި މުރަކަ އިންދައި އާލާކުރުމެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ލިބިދާނެ ގެއްލުންތަކުން މުރަކަތައް ރައްކާތެރިކުރުމުގެ މަގްސަދުގައި ސަމާ އައިލެންޑް މޯލްޑިވްސްއިން ހިންގާ މި މަޝްރޫއަކީ އީޖާދީ އަދި ތަފާތު މަޝްރޫއެކެވެ.

ސަމާ އައިލެންޑް މޯލްޑިވްސްގައި މުރަކަ އިންދާ "3ޑީ ޕްރިންޓުކުރި ފަރު"ގެ ބައެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުރަކަ އިންދައި އާލާކުރުމަށްޓަކައި އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބުން ވަނީ، ރާއްޖޭގައި އުފެދިފައި ހުންނަ ފަދަ ފަރުގެ ބައްޓަމަށް އޮނިގަނޑުތަކެއް ކޮމްޕިއުޓަރު ބޭނުންކޮށްގެން ފަރުމާކޮށްފައެވެ. އަދި ބޮޑު 3ޑީ ޕްރިންޓަރެއްގެ އެހީގައި މި އޮނިގަނޑުތައް ވަނީ ޕްރިންޓުކޮށް، ސަމާ އައިލެންޑް މޯލްޑިވްސް ހިންގާ ރަށުގެ ފަޅުތެރޭގައި ހަރުކުރުމުގެ މަސައްކަތް ފަށާފައެވެ.
"މި ބައިތައް ފަޅުތެރޭގައި ހަރުކޮށް، 'ފަރެއް' އަޅުގަނޑުމެން މި ހަދަނީ. މާސިންގާ ލެގޯ ސެޓެއް ފަދަ އެއްޗެއް މިއީ،" ސަމާ އައިލެންޑް މޯލްޑިވްސްގައި އިއްޔެ ރާއްޖޭގެ މީޑިއާއާއި އެހެނިހެން ފަރާތްތަކަށް މައުލޫމާތު ދެމުން ރީފް ޑިޒައިން ލެބުގެ ފައުންޑަރ އެލެކްސް ގޯޑް ބުންޏެވެ.

ސަމާ އައިލެންޑް މޯލްޑިވްސްގައި ހިންގާ 3ޑީ ޕްރިންޓުކުރި ފަރުގައި މުރަކަ އިންދުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު، އޮސްޓްރޭލިއާގެ ރީފް ޑިޒައިން ލެބުން ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އީޖާދީ ގޮތަކަށް އުފައްދާ މި "ފަރު" ބަހައްޓަނީ ސަމާ އައިލެންޑް މޯލްޑިވްސްގެ އެރައިވަލްސް ޖެޓީގެ ކޮޅުގައި އޮންނަ ސަރަހައްދެއްގައި ކަމަށް އެ ރިސޯޓުން ބުނެއެވެ. އަދި އެ ރިސޯޓުގައި ހުންނަ ކޮރަލް ނާސަރީގައި ހެދި ބޮޑުވަމުން އަންނަ މުރަކަތަކުގެ ބައިތައް، "3ޑީ ފަރު"ގައި އިންދާނެކަމަށް އެ ރިސޯޓުން ބުންޏެވެ.
"މި 3ޑީ ޕްރިންޓުކުރި ފަރުތައް ބޭނުންކޮށްގެން ހިންގާ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ، މިކަން ވާނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ތެރެއިންވެސް މުރަކަ އިންދައި އާލާކުރުމަށް ބޭނުންކުރެވޭނެ އާ އުކުޅަކަށް،" ސަމާ އައިލެންޑް މޯލްޑިވްސްއިން ބުންޏެވެ.