ކާނިވާ ސަރަހައްދުގެ ބަދަލުގައި އިދިކޮޅު ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދީފި

ދަރުބާރުގެ: މާދަމާ ރޭ އިދިކޮޅުން ބާއްވާ ޖަލްސާއަށް ދަރުބާރުގެ ދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން މާދަމާ ރޭ ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެދިފައިވީ ނަމަވެސް އެ ސަރަހައްދު މި ވަގުތު އެއްވެސް ފަރާތަކަށް ދޫކުރެވެން ނެތުމުން ދަރުބާރުގެ ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހްމަދު ފަޒާލް ހުސައިން 'ސަން' އަށް ވިދާޅުވީ ކާނިވާ ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދު އެއްވެސް ފަރާތަކަށް މިވަގުތު ނުދޭން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ކާނިވާ ސަރަހައްދުގެ ބަދަލުގައި ދަރުބާރުގޭ ރަންނަބަންޑޭރި މާލަން އެމްޑީޕީއަށް ދޫކުރުމަށް ނިންމައި އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ

"ކާނިވާ ސަރަހައްދު އެއްވެސް ފަރާތަކަށް ދޫނުކުރި ނަމަވެސް ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެމްޑީޕީއަށް ދަރުބާރުގެ ރަންނަބަޑޭރި މާލަން ދިނުމަށް ނިންމާފައި މި ވަނީ،" ފަޒާލް ވިދާޅީވިއެވެ.

އެމްޑީޕީއަށް ޖަލްސާ ބޭއްވުމަށް ދަރުބާރުގެ ދިނުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާއިރު މާދަމާގެ ކުރިން އެ ތަނަށް ފައިސާ ދައްކައި ނިންމުމަށް ވެސް އެ ޕާޓީއަށް ފޮނުވި ސިޓީގައި އެދިފައިވާނެ ކަމަށް ފަޒާލް ވިދާޅުވިއެވެ.

comment ކޮމެންޓް